Roadha Mihaaru
"ބްރިޖު ނޭޅުނީ ތަޖުރިބާ ނެތިގެން ކަމަށް ބެލެވޭ"

މުއްދަތުގައި އެފްކޮންސްއަށް ބްރިޖު ނޭޅުނީ އެކަމުގެ ތަޖުރިބާ ނެތިގެން ކަމަށް ބެލެވޭ: މިނިސްޓަރު

23 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖު އަޅަން އެފްކޮންސް އަށް ދިން މުއްދަތުގައި މަސައްކަތް ނުނިންމުނީ އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ނެތުމާއި މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުމުން ކަމަށް ބެލެވޭ ކަމަށް، ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަމާލެ ބްރިޖު އަޅަން އެފްކޮންސް އަށް ދިން މުއްދަތުގައި މަސައްކަތް ނުނިންމުނީ އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ނެތުމާއި މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުމުން ކަމަށް ބެލެވޭ ކަމަށް، ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖު ޕްރޮޖެކްޓް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ ރާއްޖޭގައި ބްރިޖު އެޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

އޭގެ ސަބަބުތަކަކީ، މުއްތަލިބު ވިދާޅުވި ގޮތުގައި، އޮއިގަދަ ކަނޑުއޮޅިތަކެއްގައި ތަނބުތައް ޖެހުމާއި ބޮޑެތި ރާޅު ޖެހުން އަދި ކަނޑުއަޑީގެ ހާލަތު ވެސް، އެހެން ގައުމުތަކާ ތަފާތުވުމެވެ.

ރައީސް ޑރ. މުހަންމަދު މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ހެދި ސިނަމާލެ ބްރިޖުގެ މަޝްރޫއުގައި ވެސް އެ އުނދަގޫތައް ދިމާވި ކަމަށާއި އެ ގޮންޖެހުންތައް އެފްކޮންސްއަށް ވެސް ދިމާވާ ކަމަށް ފާހަގަކުރި ކަމަށް، އޭނާ ވިދާޅުވި އެވެ.

އެކަންކަމާ ހެދި، 50 މީޓަރު އަޑިއަށް ތަނބުތައް ޖެހުމާއެކު މި ބްރިޖުގެ މަސައްކަތަކީ ތަޖުރިބާ ނެތް ބަޔަކަށް ވަރަށް އުނދަގޫވާނެ ކަމެއްކަމަށް، ސިވިލް، އެންވަޔަރްމަންޓަލް އަދި ޖިއޮމެޓިކް އިންޖީނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަޗާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަޗާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިއީ، އެކަމުގެ ތަޖުރިބާ، ސީދާ އެ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ބަޔަކަށް ވިއްޔާ ޗެލެންޖިން. ލާނިން ކާވެއް އަންނާނެ ކަހަލަ ކަމެއް. އެހެންވީމަ، އަޅުގަނޑަށް ބަލާ ބެލުމަށް ފާހަގަކުރެވެނީ ކޮންޓްރެކްޓާގެ... އެ މަސައްކަތުގެ ބުރަކަމާއި މަސައްކަތުގެ އުނދަގޫކަން އަންޑައެސްޓިމޭޓް ކުރެވުނީއޭ ފުރަތަމަ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ފުރަތަމަ ފެށިގެން ނުދޭ. މިހާރު އެކަމުގައި އެ ބޭފުޅުން މެޝިނަރީޒްތަކާ އެއްޗެހި އެކަށީގެންވާ ގޮތެއްގައި ހޯދާފައިވަނީ." އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށް ކަމަށެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ނިންމާލެވިފައިވަނީ ތަނބުތަކެއްގެ މަސައްކަތް އެކަންޏެވެ. އެހެންވެ، އިރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މިދިޔަ ހުކުރު ދުވަހު ހަމަވުމުގެ ކުރިން، އެ ސަރުކާރުން ވަނީ އެފްކޮންސް އާއެކު ވެފައިވާ އެގްރިމެންޓު އިތުރު ތިން އަހަރަށް ދަންމާލައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ކެބިނެޓުން ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ކެބިނެޓުން ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވީ އެގްރިމެންޓުގެ މުއްދަތު އިތުރުކުރުމުން ދެން ބަލަންޖެހޭނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދޭތޯ ބެލުން ކަމަށާއި އަވަސްކުރެވެން ހުރި ދިމާތަކުން ކަންކަން އަވަސްކުރަން މަސައްކަތްކުރާނެ އޭނާ ވިދާޅުވި އެވެ.

މިހާރު މަސައްކަތްކުރާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ފުން ތަންތަނުގައި ތަނބުތައް ޖެހުން ކަމަށާއި އެ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ވެސް ފުރަތަމަ ފެށީ ތިން ފައި ލީ ޖެކަޕް ބާޖެއްގަ އެވެ. އެކަމަކު، އެ ސަރަހައްދުގައި "ރުމޭލާ" ކިޔާ އެ ބާޖުގެ ފުރިހަމަ ބޭނުން ނުކުރެވޭތީ އެ އުޅަނދު ފޮނުވާލީ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޮޑު ތިން ޖެކަޕް ބާޖެއް ރާއްޖެ އައިސް މާލެ-ވިލިމާލެ ދޭތެރޭގައި މަސައްކަތްކުރާތީ ބްރިޖު ހެދުން ބާރަށް ކުރިއަށްދިދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"..އަޅުގަނޑަށް ހީވަނީ ސީދާ އެ މަސައްކަތްކުރުމުގެ ތަޖުރިބާ ދުނިޔޭގައި މިކަހަލަ ކޮންޑިޝަންގައި މަސައްކަތްކުރުމުގެ ތަޖުރިބާއަކީ އެހާ ގިނަ ކޮންޓްރެކްޓު ހުންނާނެ ކަހަލަ ތަޖުރިބާއެއް ނޫން. އެހެންވީމަ، އެ ތަޖުރިބާ ނެތުމާއި އެއަށް ތައްޔާރުވާންޖެހޭ ވަރަށް ތައްޔާރު ނުވެވުމާއި ވޯކްގެ އުނދަގޫކަން އަންޑައެސްޓިމޭޓް ކުރުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ސިނަމާލެ ބްރިޖު މަޝްރޫއުގައި، އޭރުގެ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި އިސްކޮށް މަސައްކަތްކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

"އެހެންވެ، ވަރަށް ލަސްވެގެން ދިޔައީ. އެކަމަކު، މިހާރު އެ ބޭފުޅުންގެ ހުރި މެޝިނަރީޒްތަކާ، މިހާރު މަސައްކަތްކުރިއަށްގެންދާ ގޮތާ ބަލާއިރު އަޅުގަނޑުމެންނަށް އުއްމީދުކުރެވެނީ، އަޅުގަނޑުމެންގެ ޓާގެޓަކީ ވެސް މަސައްކަތް މިހާރު އެއްބަސްވެފައި އޮތް ތާރީހަށް ވުރެ ލަސްވިޔަ ނުދީ، މަސައްކަތް ނިންމޭނެ ގޮތަށް ބެލުން. އަދި އަވަސް ކުރެވެން އޮތް ދިމާލަކުން އަވަސްކުރުން."