Roadha Mihaaru
ކުރީ ސަރުކާރުން ފަހު ވަގުތު ބްރިޖް އެއްބަސްވުން އާކުރި

ކުރީ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައި އޮއްވައި ބްރިޖްގެ އެއްބަސްވުން އޮތީ ދަންމާލައިފައި

23 ނޮވެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން، ބްރިޖު ހަދަން އެފްކޮންސް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް ދެ އަހަރު އިތުރުކޮށްފައިވާ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން، ބްރިޖު ހަދަން އެފްކޮންސް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް ދެ އަހަރު އިތުރުކޮށްފައިވާ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓު ވަޒީރުންނާ އެކު، ކުރީގެ ސަރުކާރުން ފެށި އެންމެ ބިޔަ ޕްރޮޖެކްޓު، ތިލަމާލެ ބްރިޖު ކުރިއަށްދާގޮތް ބެއްލެވުމަށްފަހު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށް ކަމަށެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަތަރު ރަށް ގުޅުވާލާ ބްރިޖު ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެއީ މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ "އޭ" ސެކްޝަންގެ ގޮތުގަ އެވެ. އެ އެ ތިން ރަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅުވާލައިފަ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަމަވެސް، ފަހުން ސޮއިކުރި ސަޕްލިމެންޓްރީ އެގްރިމެންޓުގައިވަނީ ސެކްޝަން އޭ ނިންމަން ދިން މުއްދަތު 54 މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެކަމަކު، ޑިސެމްބަރު 31، 2025އާ ހަމައަށް މާލެ-ވިލިނގިލީ ގުޅުވާލާނެ ކަމަށް އަނގަބަހުން އެއްބަސްވިޔަސް، އެގްރިމެންޓުގައި މިހާރު އޮތީ މާޗު 31، 2026ގެ ކުރިން ސެކްޝަން އޭ ނިންމާލެވޭނެ ކަމަށެވެ.

ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. އެ ބައި ނިންމަން ކަނޑައެޅީ 32 މަސް ދުވަސް ނުވަތަ މެއި 17، 2024 އެވެ. އެ އެގްރިމެންޓުގައި ޕާކިން ސްޕޭސް ހަދަން ބިން ކަނޑައަޅައި ދިވެހި ސަރުކާރާ ހަވާލުކުރަންޖެހެ އެވެ. އެ މަސައްކަތަށް ކަނޑައެޅި ތާރީހަށް ވުރެ ހަތަރު މަސް ދުވަސް ފަހުން ނިންމައި ސަރުކާރާ ހަވާލުކޮށްފައިވެ އެވެ.

ގުޅީފަޅާއި ތިލަފުށީ ގުޅުވާލަން ފުރަތަމަ ދިނީ 32 މަސް ދުވަހެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ގެންދިޔަނަމަ މެއި 27، 2024 ގެ ކުރިން އޮންނާނީ އެ ހިސާބުތައް ގުޅުވާލައިފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ ބީ ސެކްޝަން ދިން މުއްދަތު 65 މަސް ދުވަހަށް އިތުރުކޮށް ސެޕްޓެމްބަރު 30، 2026 އަށް ދަންމާލައިފަ އެވެ.

މުއްތަލިބު ވިދާޅުވީ ރޭވިފައިވާ ގޮތަށް ގެންދިޔަނަމަ ސެކްޝަން އޭގެ 96 ޕަސެންޓް މަސައްކަތް އޮންނާނީ ނިމިފައި ކަމަށެވެ. އަދި ސެކްޝަން ބީގެ މަސައްކަތްތައް ވެސް ފުރަތަމަ އެއްބަސްވުމާ އެއްގޮތަށް ގެންދިޔަނަމަ 81.3 ޕަސެންޓްގެ މަސައްކަތް ނިމިފައި އޮންނަން ޖެހޭނެ އެވެ. އެއީ މުޅި ޕްރޮޖެކްޓަށް ބަލާއިރު 81.7 ޕަސެންޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ކެބިނެޓާއެކު ތިލަމާލެ ބްރިޖު ސައިޓު އިއްޔެ ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ކެބިނެޓާއެކު ތިލަމާލެ ބްރިޖު ސައިޓު އިއްޔެ ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު މިދިޔަ ބުދަ ދުވަހާ ހަމައަށް ނިމުނީ 29 ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ތިިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިޔައީ ތާވަލާ އެއްގޮތަށެވެ. އެކަމަކު، މަސައްކަތް ލަސްވާން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.

މުއްތަލިބު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގައި ދެ ކަމެއް ދިމާވި ކަމަށެވެ.

އެއް ކަމަކީ ބްރިޖު ނިންމަން ކަނޑައެޅި މުއްދަތަށް ނުނިމޭނެ ކަން ޔަގީންވެ، އެފްކޮންސް އަށް ބޮޑު ޖޫރިމަނާއެއް އައުމެވެ. އޭގެ އަނެއް ކޮޅުން، އެފްކޮންސް އިން ވަނީ ތިލަފުށީ ދެކުނު ފަރާތުގައި ހަދަންޖެހޭ މަގަށް ބޭނުންވާ ބިން ސަރުކާރުން ނުދިނުމުން އޭގެ ޝަކުވާ ކޮށްފަ އެވެ.

"އެ ފަރާތުން ކްލެއިމްތަކެއް ލާފައި އޮތް ބައިވަރު އެހެން ނަމަވެސް އޭގެ ގިނަ ކްލެއިމް ތަކަކީ ކޮންސަލްޓަންޓް ބުނާގޮތުން ނަމަ ރިޖެކްޓުކޮށްލާފައި ހުރި ކްލެއިމްތަކެއް...އޭގެ އިތުރަށް މަސައްކަތް ލަސްވީމަ ކޮންޓްރެކްޓާއަށް ލަސްވުމުން އެ އަރާ ޖޫރިމަނާގެ އަދަދު ވެސް އެއީ ފުދޭވަރަކަށް ބޮޑު އަދަދެއް. އެހެންވެ، ދެ ފަރާތުން މަޝްވަރާކޮށްފައި 16 ނޮވެމްބަރު 2023 ގައި ސަޕްލިމެންޓްރީ އެގްރިމެންޓެއްގައި ސޮއިކޮށްފައި މި އޮތީ." އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ މުއްދަތު ދަންމާލިއަސް ދިވެހި ސަރުކާރުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.