Roadha Mihaaru
ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

24 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖު ހަަދަމުން އަންނަ ކޮލިޓީއާ މެދު މި ވަގުތު ކަންބޮޑުވުމެއް ނެތް ކަމަށާއި އެތަން ހަދަނީ ރަނގަޅު ފެންވަރެއްގައި ކަމަށް، ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަމާލެ ބްރިޖު ހަަދަމުން އަންނަ ކޮލިޓީއާ މެދު މި ވަގުތު ކަންބޮޑުވުމެއް ނެތް ކަމަށާއި އެތަން ހަދަނީ ރަނގަޅު ފެންވަރެއްގައި ކަމަށް، ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ފެށި އެންމެ ބިޔަ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި، "މިހާރު"ން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފްކޮންސް އިން ބްރިޖު ހަދަމުން އަންނަނީ ރަނގަޅު ކޮލިޓީއެއްގައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓާއެކު މިދިޔަ އަންގާރަ ދުވަހު ބްރިޖު ސައިޓަށް ކުރެއްވި ޒިޔާރަތުގައި އެ ބޭފުޅުން ވަނީ ބްރިޖު ކާސްޓިން ޔާޑަށް ވަޑައިގެންފަ އެވެ.

މުއްތަލިބު ވިދާޅުވީ އެ ތަންތަން ވެސް ބަލާ ބެލުމަށް ހުރީ ރަނގަޅު ކޮލިޓީއެއްގައި ކަމަށެވެ. ކޮންސަލްޓަންޓު ދިން މައުލޫމާތުގެ އިތުރުން ޓެސްޓުތައް ހަދައި އެ ޓެސްޓުތަކުގެ ރިޕޯޓުތައް ވެރިފައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތަށް އަޅުގަނޑުމެންގެ އެ ކަހަލަ ކޮންސާނެއް ނެތް. އެކަހަލަ މައްސަލަތައް، މިސާލަކަށް ޕައިލްކުރުމުގައި، ކޮންމެ ޕައިލެއް ކުރާއިރު ވެސް އެ ޓެސްޓުކުރަން ބޭނުންވާ ވަސީލަތްތައް ލާފައި ޕައިލްކުރަނީ. އެހެންވީމަ، ޕައިލްކޮށް ނިންމުމަށްފަހު އެ ނަގަންޖެހޭ ޑޭޓާތަކާ އެއްޗެހި ނަގާފައި އެއްވެސް މައްސަލައެއް އުޅޭކަމަށްވަންޏާ އެ ރެކްޓިފައިކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރޭ. އެގޮތަށް އެންޝުއަކޮށްފައި، އެގޮތަށް ޑޭޓާތަކާ އެއްޗެހި ނަގައިގެން މަސައްކަތް ކުރިއަށްގެންދަނީ. އަޅުގަނޑުމެން، މި ވަގުތަށް، މިހާތަނަށް ބެލިބެލުމުން ކޮލިޓީގެ އިޝޫއާ ދޭތެރޭގައި މާ ބޮޑު ކަންބޮޑުވުމެއް މި ވަގުތަކު ނެތް." ސިނަމާލެ ބްރިޖުގެ މަސައްކަތުގައި ވެސް، ހައުސިންގެ ޑެޕިއުޓީ މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި މުއްތަލިބު ވިދާޅުވި އެވެ.

މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށީ ގުޅާލާ ބްރިޖުގެ މަސައްކަތުގެ ފެންވަރާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ސަރުކާރުން ބުނިއިރު، އެފްކޮންސް އިން އެ މަސައްކަތް ކުރި ގޮތުން އާއްމުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެގޮތުން، ބްރިޖުގެ މަސައްކަތަށް ބޭނުންވާ ޕްލެޓުފޯމުތަކެއް ވިލިމާލެ ފަރަށް އެރުމުން، އެ ބްރިޖުގެ ކޮލިޓީއާ މެދު އެތައް ބަޔަކު ސުވާލު އުފެއްދި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް އަރުޕް ނަމަކަށް ކިޔާ ވަރުގަދަ އަދި މޮޅު ކޮންސަލްޓަންޓެއް ހަމަޖައްސާފައި ވަނީ ވެސް މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށް ކަމަށެވެ. ބްރިޖު މަސައްކަތުގެ ހުރިހާ ކަމެއް އެ ފަރާތުން 24 ގަޑިއިރު ބަލާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.