Roadha Mihaaru
މަސައްކަތްކުރާނީ ތާރީހުގެ ކުރިން ބްރިޖް ނިންމަން

މިނިސްޓަރުގެ އަމާޒަކީ ތާރީހުގެ ކުރިން ބްރިޖް ނިންމާލުން

29 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިރުޝާދު ދިނުމާ އެކު، މުއްދަތަށް ވުރެ އަވަހަށް އެ މަސައްކަތް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިރުޝާދު ދިނުމާ އެކު، މުއްދަތަށް ވުރެ އަވަހަށް އެ މަސައްކަތް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބްރިޖްގެ މަސައްކަތް ނިންމަން އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރި މުއްދަތު ފަހަނަޅައި ގޮސްފައި ވާއިރު، މިހާތަނަށް ބްރިޖުގެ ނިމިފައިވަނީ އެންމެ 29 ޕަސެންޓް މަސައްކަތެވެ. މުއްދަތަށް މަސައްކަތް ނުނިމުމުން، ކުރީ ސަރުކާރުގެ ފަހު ދުވަހު ވަނީ އެފްކޮންސްއާ އެކު ސަޕްލިމެންޓްރީ އެއްބަސްވުމެއް ހަދައި މުއްދަތު ދަންމާލައިފަ އެވެ.

މުއްތަލިބް "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތް އެފްކޮންސް އިން ކުރަމުން ދަނީ "ލާނިން ކާވެއް"ގެ ތެރޭގައި ކަމަށާއި މަސައްކަތް ފެށިއިރު އެ ކުންފުނިން އެންމެ ބޭނުންވާ ވަސީލަތްތައް މަސައްކަތަށް ހޯދާފައި ނެތް ކަމަށެވެ. އެކަމަކު މިހާރު އިތުރު އިކުއިޕްމަންޓް ހޯދާފައިވާ ކަމަށާއި އެ ސާމާނާ އެކު މަސައްކަތް އަވަސްވާން ޖެހޭނެ ކަމަށެވެ. މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ އަވަސް ނުވެއްޖެ ނަމަ ވަގުތަށް މަސައްކަތް ނިންމޭނެ ކަމަށް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ބްރިޖުގެ މަސައްކަތަށް އަވަސްކަން ގެންނަން ޖެހޭނެ ކަމަށާއި އެކަން ކުރެވިއްޖެ ނަމަ، ވިލިމާލެއާ ހަމައަށް ބްރިޖު ގުޅާލުމުގެ ކަންކަން އަވަސްވާނެ ކަމަށެވެ. މަސައްކަތް އަވަސް ކުރުމަށް ސަރުކާރަށް ކުރެވޭނީ ކޮން ކަމެއްތޯ ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން ބައްލަވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އިތުރު ލާރިތަކެއް ނުދީ އަވަސްކޮށްގެން މަސައްކަތް ނިންމޭނެ ގޮތެއް ވޭތޯ އަޅުގަނޑުމެން ބަލާނީ. އަގަށް ބަދަލެއް ނުގެނެސް، މަސައްކަތުގެ ސްޕީޑް އަވަސްކުރަން މަސައްކަތް ކުރާނީ

"ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އަވަސްކުރަން ކުރެވޭނީ ކޮން ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. އަވަސް ކުރެވިދާނެތޯ އަވަސް ކުރާނެ ގޮތެއް އޮންނާނެތޯ ވާހަކަ ދައްކާނަން. އިތުރު ލާރިތަކެއް ނުދީ އަވަސްކޮށްގެން މަސައްކަތް ނިންމޭނެ ގޮތެއް ވޭތޯ އަޅުގަނޑުމެން ބަލާނީ. އަގަށް ބަދަލެއް ނުގެނެސް، މަސައްކަތުގެ ސްޕީޑް އަވަސްކުރަން މަސައްކަތް ކުރާނީ،" މުއްތަލިބް ވިދާޅުވި އެވެ.

"ޕްރިކާސްޓް މަސައްކަތަށް އިތުރު ބިން ބޭނުންވާތީ އެކަމަށް ގުޅީފަޅުން ވެސް ބިން ހަމަޖައްސައިދޭނަން. ކާސްޓިންގެ މަސައްކަތްތައް އަވަސްކޮށް ތަނބުތަކުގެ މަސައްކަތް ނިންމައި އެ އެތުރުމުގެ ކަންތައްތައް އަވަސް ކުރެވޭނެތޯ އެއީ އަޅުގަނޑުމެން ބަލަން ޖެހޭ ކަމަކީ، ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން ބަލާނީ ވިލިނގިއްޔާ އަދި ގުޅީފަޅާ ހަމައަށް ވެސް ކަނޑައެޅިފައި އޮތް ތާރީހަށް ވުރެ އަވަސްކުރަން."

މިނިސްޓަރު ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ މުއްދަތުތަކަކީ މަސައްކަތް ނިންމޭނެ ކަމަށް އެފްކޮންސް އިން ހުށަހަޅައި އެ މުއްދަތުތަކަށް ސަރުކާރުން އެއްބަސްވެފައިވާ މުއްދަތުތަކެއް ކަމަށް ބެލެވޭ ކަމަސެވެ. އެހެންވެ، އެ މުއްދަތަށް އިހްތިރާމްކޮށް މަސައްކަތް ނިންމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މުއްދަތަށް މަސައްކަތް ނުނިމިއްޖެ ނަމަ، އެޅޭނެ ފިޔަވަޅުތައް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށާއި މަސައްކަތުގެ އަގުގެ 10 ޕަސެންޓާ ހަމައަށް ފައިސާ ކެނޑޭ ގޮތަށް ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ބްރިޖުގެ މަސައްކަތް އަވަސް ކުރެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ބްރިޖުގެ މަސައްކަތް އަވަސް ކުރެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކުރި އެވެ.

ހަތަރު ރަށް ގުޅުވާލާ ބްރިޖު ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ "އޭ" ސެކްޝަންގެ ގޮތުގަ އެވެ. އެ އެ ތިން ރަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހުން ނިންމާ ގޮތަށެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅުވާލައިފަ އެވެ.

ނަމަވެސް، ފަހުން ސޮއިކުރި ސަޕްލިމެންޓްރީ އެގްރިމެންޓުގައި ވަނީ ސެކްޝަން އޭ ނިންމަން ދިން މުއްދަތު 54 މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެގްރިމެންޓުގައި މިހާރު އޮތީ މާޗު 31، 2026ގެ ކުރިން ސެކްޝަން އޭ ނިންމާ ގޮތަށެވެ. އަދި ޑިސެމްބަރު 31، 2025އާ ހަމައަށް މާލެ-ވިލިނގިލީ ގުޅުމާލުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. ގުޅީފަޅާއި ތިލަފުށީ ގުޅުވާލަން ފުރަތަމަ ދިނީ 32 މަސް ދުވަހެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ މެއި 27، 2024 ގެ ކުރިން އޮންނާނީ އެ ހިސާބުތައް ގުޅުވާލައިފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ ބީ ސެކްޝަން ދިން މުއްދަތު 65 މަސް ދުވަހަށް އިތުރުކޮށް ސެޕްޓެމްބަރު 30، 2026 އަށް ދަންމާލައިފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ މުއްދަތު ދަންމާލިއަސް ދިވެހި ސަރުކާރުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.