Roadha Mihaaru
ތިލަމާލެ ބްރިޖުން ނިމުނީ 27 ޕަސެންޓް

ތިލަމާލެ ބްރިޖުގެ 77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމުނީ 27 ޕަސެންޓް

19 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖުގެ މަސައްކަތުން މިއަދާ ހަމައަށް 77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމިފައި ވަނީ 27 ޕަސެންޓް މަސައްކަތް ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިލަމާލެ ބްރިޖުގެ މަސައްކަތުން މިއަދާ ހަމައަށް 77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމިފައި ވަނީ 27 ޕަސެންޓް މަސައްކަތް ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އެކުލަވާލާފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ އެންމެ 27 ޕަސެންޓް މަަސައްކަތް ކަމަށާއި އެ މަސައްކަތް އެހާ ބޮޑަށް ލަސްވީ ކޮން މައްސަލައެއް ދިމާވެގެންތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން މިޖެހޭ މަސައްކަތަކީ އެ މަސައްކަތުގެ ހާލަތު ދެނެގަތުން، ކޮން މައްސަލަތަކެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މި ހުރި ޗެލެންޖަސްތައް މިހުރީ ނުވަތަ މިހާ ބޮޑު ގެޕެއް ލަސްވުމެއް މިކަމުގައި މިއުޅެނީ،" ކުރީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ހަފްތާ 14" އެޖެންޑާގައި ވެސް އެ މަސައްކަތް ލަސްވާން ދިމާވި ސަބަބު ދެެނެގަތުމަށް ހިމަނައިފަ އެވެ. އިތުރު މަސައްކަތްތައް ކުރުމަށް މަގުޗާޓެއް އެކުލަވާލެވޭނީ އޭގެ ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ލޯނު އެހީގައި ތަރައްގީކުރާ ވިލަމާލެ ބްރިޖު މަޝްރޫއުއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅުގައި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް ނަގައިފަ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ ބްރިޖުގެ މަސައްކަތަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ 190 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެންނަ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވިލިމާލެ އާއި މާލެއާ ދެމެދު ބްރިޖުން ގުޅާލެވޭނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. އެކަމަކު އެފްކޮންސް އިން ކުރިން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ލަސްވީ އެ ސަރަހައްދުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަނޑުއަޑީގެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ނުދިއުމުންނެވެ.