Roadha Mihaaru
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ

ޑިސެމްބަރުގައި ބްރިޖުގެ މަތިން ވިލިމާލެ އަށް ދެވޭނެ، ފެންވަރާ މެދު ޝައްކެއް ނެތް

15 ޑިސެމްބަރ 2022

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ ތިލަމާލެ ބްރިޖާ ގުޅިގެން އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން މިހާރު ވަރަށް ބޮޑެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ ތިލަމާލެ ބްރިޖާ ގުޅިގެން އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން މިހާރު ވަރަށް ބޮޑެވެ.

އެ މަސައްކަތުގެ ތެރެއިން، މި ފަހުން ހިނގި ނުރައްކާތެރި ބައެއް ހާދިސާތަކުގެ ސަބަބުން ބްރިޖުގެ ފެންވަރާ މެދު ބައެއް މީހުންގެ ހިތުގައި ޝައްކުތަކެއް އޮތީ އުފެދިފަ އެވެ. ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާއި ބްރިޖުގެ ތަނބަކަށް ބޭނުންވާ ހޮޅިތައް ޖަހަން ގެންގުޅުނު ކެރޭނެއް ބިނދި މޫދަށް ވެއްޓުނު ހާދިސާއާ އެކު، ބައެއް މީހުންގެ ހިތަށް "ބިރެއް" ވަނީ އެވެ.

އެ ބްރިޖަށް އަރަން ރައްކާތެރިވާނެތޯ ވެސް އެއީ ބައެއް މީހުންގެ ސުވާލެކެވެ.

ބްރިޖެއްގެ މަސައްކަތް ކުރާ ތަން މީގެ ކުރިން ވެސް ދިވެހިންނަށް ވަރަށް ގާތުން ފެނިފައިވުމާ އެކު، ވިލިމާލެ ބްރިޖުގެ މަސައްކަތުގެ އަޅާކިޔުން ވަރަށް ބޮޑެވެ. ޗައިނާގެ ކުންފުންޏާއި އިންޑިއާގެ ކުންފުނީގެ ހުރި ތަފާތުތައް ފާހަގަކޮށް ސޯޝަލް މީޑިއާގައި އާންމުން ކޮންމެ ދުވަހަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ތިލަމާލެ ބްރިޖުގެ ތަނބަކަށް ބޭނުންވާ ހޮޅިތައް ޖަހަން ގެންގުޅުނު ކެރޭނެއް ބިނދިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތިލަމާލެ ބްރިޖުގެ ތަނބަކަށް ބޭނުންވާ ހޮޅިތައް ޖަހަން ގެންގުޅުނު ކެރޭނެއް ބިނދިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މީގެ ކުރިން ދުވަހަކު ވެސް ކަނޑު ހުރަސްކޮށް ބްރިޖެއް އަޅާފައިވާ ބަޔަކަށް ނުވާތީ ވެސް މަސައްކަތުގެ ފެންވަރާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެ ސުވާލު އުފައްދަނީ، އިންޑިއާގެ ކުންފުނިތަކުން މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް މުއްދަތަށް ނުނިންމުމާއި ފެންވަރު ދަށްވުމުގެ މައްސަލަތައް ވެސް ކުރިމަތިވެފައި ވާތީ ކަމަށް ވެދާނެ އެވެ.

ނަމަވެސް، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ ބްރިޖު އޮފީހުގެ އިސްވެރިން "މިހާރު" އަށް ދިން ހާއްސަ އިންޓަވިއުގައި، ތިން ކަމެއްގައި އެ ބޭފުޅުން ޔަގީންކަން ދެއްވި އެވެ. އެއީ؛

• ކަނޑައަޅާފައި އޮތް މުއްދަތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާލެވޭނެކަން.

• މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާކަން.

• ފެންވަރު ރަނގަޅުކޮށް ހަދާ "ކޮލިޓީ" ބްރިޖަކަށް ވާނެ ކަމުގެ ޔަގީންކަން.

ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބްރިޖު އޮފީހުގެ އިސްވެރިން: ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން (މ) ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބްރިޖު އޮފީހުގެ އިސްވެރިން: ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން (މ) ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްލޭނިން މިނިސްޓްރީން ދިން ޔަގީން ކަމަކީ މަސައްކަތުގެ މިހާރުގެ ސްޕީޑަށް ބަލާއިރު، ކޮންޓްރެކްޓް ކުރެވިފައިވާ ގޮތަށް އަންނަ އަހަރުގެ ޑިސެމްބަރު މަހު ބްރިޖުގެ މަސައްކަތް މާލެއިން ގުޅިފަޅަށް ނިންމާލެވޭނެ ކަމެވެ. އެހާތަނަށް ބްރިޖު ހުރަސްކޮށް މާލެއިން ވިލިމާލެއަށް ދަތުރުކުރެވޭ ވަރުވާނެ ކަމަށެވެ. އަދި 2024 ގައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ބުންޏެވެ.

ތިލަމާލެ ބްރިޖު ހަދަން މާލޭގައި އެއްގަމުގައި 8 ތަނބު ޖަހަ އެވެ. އެ ހުރިހާ ތަނބެއްގެ ޕައިލިން މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ. މިހާރު ކުރަނީ ޕައިލް ކެޕް އެޅުމުގެ މަސައްކަތެވެ. އެއަށްފަހު ބްރިޖު ސުޕަސްޓްރަކުޗާގެ މަސައްކަތް ފެށޭނެ އެވެ. ހަމަ އެގޮތަށް ކަނޑުގައި ދާއިމީ ތަނބުތައް ޖެހުމުގެ ކުރިން، ކުރަން ޖެހޭ ޓެސްޓް ޕައިލިންގެ ހުރިހާ މަސައްކަތެއް ނިމި މި މަހު ދާއިމީ ތަނބުތަކުގެ ޕައިލިން ޖަހަން ފަށާނެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، ކެރޭނު ބިންދައިގެން ދިއުމުގެ ހާދިސާ ހިނގީ ވެސް ކަނޑުގައި ދާއިމީ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރަނިކޮށެވެ.

ވިލިމާލޭގެ އެއްގަމުގައި ތަނބުތައް ޖެހުމަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ފެންވަރާ މެދު މިނިސްޓްރީ އަށް ޝައްކެއް ނެތް

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މިފަދަ ބޮޑު ޕްރޮޖެކްޓެއްގައި ތަފާތު ހާދިސާތައް ހިނގުމަކީ ވެދާނެ ކަމެއް ކަމަށް ބަލައި، ކޮންޓްރެޓަރުން ތިބެނީ އެ ކަމަށް ވެސް ތައްޔާރު ވެގެން ކަމަށެވެ. އެހެންވެ، މިހާތަނަށް ހިނގި އެއްވެސް ހާދިސާއެއްގެ ސަބަބުން ޕްރޮޖެކްޓުގެ ސްޕީޑަށް އަސަރެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހާދިސާތައް ހިނގީ ޕްރޮޖެކްޓުގެ ފެންވަރު ދަށްވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހާދިސާތައް ހިނގިއިރު ވެސް ކޮންޓްރެކްޓާގެ ފަރާތުން ނަގަން ޖެހޭ ސޭފްޓީ މެޝާސް ހުރީ ނަގާފައި. އެހެންވީމާ އެއްވެސް މީހަކަށް އަނިޔާއެއް ވެ އެ ކަހަލަ ކަމެއް ނުހިނގާ. ހަމައެކަނި އިކުއިޕްމެންޓްސް، ދެ ފަހަރު ވެސް މި ހަލާކުވީ،" ޖިނާން ވިދާޅުވީ އެވެ.

ހާދިސާތައް ހިނގުން އެއީ ކޮލެޓީ ދަށްވުމުންވާ ކަމެއް ނޫން. ހާދިސާތައް މަދުކުރަން ވެސް އަޅުގަނޑުމެން ގަވައިދުން ފިޔަވަޅުތައް އަޅަން. މަސައްކަތުގެ ފެންވަރު ދަށެއް ނޫން: ޖިނާން، ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު
ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވިގޮތުގައި ބްރިޖުގެ ކޮންމެ މަސައްކަތެއް ވެސް ކުރަނީ ވަރަށް ތަޖުރިބާކާރު ކޮންސަލްޓަންޓުންގެ ބެލުމުގެ ދަށުންނެވެ.

"މިނިސްޓްރީން ވެސް ކޮންޓްރެކްޓާގެ ސައިޑުން އެ ކޮލިޓީ އެންޝުއާ ކުރަން، އެބަހުރި ވަރަށް ބައިވަރު ކަންތައްތަކެއް ކޮންޓްރެކްޓަަރަށް މަޖުބޫރު ކޮށްފައި އެއްބަސްވުމުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.

"ހާދިސާތައް ހިނގުން އެއީ ކޮލިޓީ ދަށްވުމުން ވާ ކަމެއް ނޫން. ހާދިސާތައް މަދުކުރަން ވެސް އަޅުގަނޑުމެން ގަވައިދުން ފިޔަވަޅުތައް އަޅަން. މަސައްކަތުގެ ފެންވަރު ދަށެއް ނޫން."

ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން ބްރިޖުގެ މަސައްކަތްކުރަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން ބްރިޖުގެ މަސައްކަތްކުރަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖިނާން ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެފްކޮންސް އިން މަސައްކަތް ކުރޭތޯ ބަލަން މިނިވަން ކޮންސަލްޓަންޓެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. ކޮންސަލްޓަންޓަކަށް ހަމަޖައްސާފައި ވަނީ ސިނަމާލެ ބްރިޖުގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އިނގިރޭސި ވިލާތުގެ އަރުޕް ކޮންލަސްޓަންޓެވެ. ބްރިޖުގެ ކޮންމެ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އެ ފަރާތުން ބެލުމަށްފަހު، މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ ޑީޓެއިލް ޑިޒައިން އާންމުނުކޮށްގެން، މި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ އިންޖީނިއަރިން (ޑީޓެއިލް) ޑިޒައިން އަމިއްލަ ބަޔަކަށް ނުފެންނައިރު، މިނިސްޓްރީގެ ބަޔަކަށް ވެސް ނުފެންނަކަން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ.

"ހައުސިން މިނިސްޓްރީގެ މިކަމާ ބެހޭ ބޭފުޅަކާ އަޅުގަނޑު ވާހަކަ ދެއްކިން. އިންޖިނިއަރިން ޑިޒައިން ނުދައްކާތީ އެ ބޭފުޅުން ވެސް ތިބީ ކަންބޮޑުވެފައި. އިންޖިިނިއަރިން ޑިޒައިން އުޅެއުޅެ ނުފެނުނު. ހެދި ކަމަށް ވޭ އިންޖިނިއަރިން ޑިޒައިނެއް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއްގެ ޑީޓެއިލް ޑިޒައިން ހެދުމުގެ ގާބިލުކަމާއި ޓެކްނޮލޮޖީ ވެސް އިންޑިއާގައި ނެތް ކަމަށެވެ.

އެކަމަކު، އެ ވާހަކަތައް ޖިނާން ދޮގުކުރެއްވި އެވެ.

"މިނިސްޓްރީން ކުރިއަށް ގެންދާ އެއްވެސް ޕްރޮޖެކްޓެއްގައެއް ޑީޓެއިލް ޑިޒައިނެއް އާންމެއް ނުކުރާނެ. އެއީ މިހާތަނަށް ކުރި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ ތިލަމާލެ ބްރިޖުގެ ޑިޒައިން ތައްޔާރު ކޮށްދިނީ އެކަމުގެ ގާބިލުކަން ހުރި ކުންފުންޏަކުން ކަމަށެވެ. އެ މަސައްކަތް ކުރީ ބޮޑެތި އިމާރާތްތަކާއި ބްރިޖުތަކުގެ ޑީޓެއިލް ޑިޒައިން ހަދައި ދިނުމުގައި ދުނިޔޭގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ އޭކޮމް އިން ކަމަށެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޑިޒައިން ނިމުމުން އަދި އެބަ ތިބޭ އިންޑިޕެންޑެންޓްލީ އެ ޑިޒައިން ރިވިއު ކުރާނެ ފަރާތެއް ވެސް. އެ ވެސް ހަމަ ދުނިޔޭގެ މަޝްހޫރު ބައެއް، ސިސްޓްރާ ކިޔާ ބައެއް. އެ ފާމުން ޗެކު ކުރީމާ، އަދި މިނިސްޓްރީގެ ފަރާތުން އެބަހުރި ކޮންސަލްޓަންޓެއް ނަގައިފައި (އަރުޕް)، ކޮންސަލްޓަންޓުގެ ޑިޒައިން ރިވިއު ކޮށްފައި އެ ފަރާތުން ވެސް އޯކޭވީމާ އަޅުގަނޑުމެން މަސައްކަތްކުރަން މި ހުއްދަ ދެނީ،" އޭނާ ވިދާޅުވި އެވެ.

ތަފާތަކީ ބޭނުންކުރާ މެތޮޑް

ތިލަމާލެ ބްރިޖާ ގުޅޭގޮތުން "މިހާރު" އާ ވާހަކަ ދެއްކި އިންޖިނިއަރަކު ވިދާޅުވިގޮތުގައި، އެ ބްރިޖުގެ މަސައްކަތާއި ތިލަމާލެ ބްރިޖުގެ މަސައްކަތުން އެންމެ ބޮޑު ތަފާތަކަށް ފެންނަނީ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންކުރާ މެތޮޑެވެ. ޗައިނާ އިން ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރީ ކަނޑުގައި ޕްލެޓްފޯމެއް ނުވަތަ ފާލަމެއް އަޅައިގެންނެވެ. އެކަމަކު، އިންޑިއާ އިން އެ މަސައްކަތް މި ކުރަނީ ފްލޯޓިން ޕްލެޓްފޯމުތަކެއް ބޭނުންކޮށްގެންނެވެ.

"ފްލޯޓިން ޕްލެޓްފޯމުތަކެއް ބޭނުންކުރުމަކީ ބްރިޖުގެ ފެންވަރު ދަށްވާނެ ކަމެއް ނޫން. އެއީ ހަމަ ބްރިޖު ހަދަން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ބޭނުންކުރާ މެތަޑެއް،" އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެކަމަކު މީގައި މިވާގޮތަކީ ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއް ވީމަ، ގަދަވާ ދުވަސްވަރު ފްލޯޓިން ޕްލެޓްފޯމެއްގައި އެ މަސައްކަތް ކުރަން އުނދަގޫވެ، މަސައްކަތް ލަސްވޭ ބައެއް ފަހަރު."

ޖިނާން ވެސް ވިދާޅުވީ ފްލޯޓިން ޕްލެޓްފޯމަކީ ބްރިޖު އެޅުމަށް ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކުރާ މެތަޑު ކަމަށާއި އެހެންވެ އެއީ ފެންވަރު ދަށް ގޮތެކޭ ބުނެވެން ނެތް ކަމަށެވެ. ފްލޯޓިން ޕްލެޓްފޯމު ބޭނުންކޮށްގެން މަސައްކަތް ލަސްވާ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ތިލަމާލެ ޕްރޮޖެކްޓުގައި ފްލޯޓިން ޕްލެޓްފޯމު ބޭނުންކޮށްގެން މަސައްކަތް ނުކުރެވޭނެ ބައެއް ސަރަހައްދުތައް ވެސް އެބަހުރި ކަމަށާއި އެ ސަރަހައްދުތަކުގައި މަސައްކަތް ކުރަން ރޭވިފައި އޮތީ ފާލަން އަޅައިގެން ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވިލިމާލެ އާއި ގުޅިފަޅުގެ ސައިޓަށް ބަލައިލިޔަސް، ބްރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން އެނގޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މާލެ ކޮޅުން އަދި މި ފެންނަނީ ވަރަށް ކުޑަކުޑަ ޕަސެންޓެއް ކަމަށެވެ. ތިލަމާލެ ބްރިޖުގެ "މައި ވޯކް ސައިޓް" އެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ގުޅިފަޅެވެ.

ބްރިޖު އޮފީހުން ދޭ ޔަގީންކަމަކީ އެ ޕްރޮޖެކްޓުގެ ކޮންމެ މަސައްކަތެއް ވަރަށް ގާތުން ބަލަމުން އަންނަ ކަމެކެވެ. އަދި ބްރިޖުގެ ފެންވަރާ މެދު ސުވާލު އުފައްދަން އެއްވެސް ފުރުސަތެއް ނުދޭނެ ކަމެވެ. މަސައްކަތް ލަސްނުވާނެ ކަމާއި އަންނަ އަހަރު ނިމޭއިރު، ބްރިޖު ބޭނުންކުރަން ފެށޭވަރުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ވެސް އެ ފަރާތަށް އެބައޮތެވެ.