Roadha Mihaaru

ރާއްޖެ އިޝްތިހާރުކުރަން ތިން އަހަރުން ލިވަޕޫލަށް ހޭދަކުރާނީ 170 މިލިއަން ރުފިޔާ

ލިވަޕޫލް ފުޓްބޯލް ކްލަބްގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތިން އަހަރުގެ މުއްދަތަށް ހޭދަކުރުމަށް އެއްބަސްވެފައިވަނީ 8 މިލިއަން ޕައުންޑް (170 މިލިއަން ރުފިޔާ) ކަން އެނގިއްޖެ އެވެ.

ރާއްޖެ އިޝްތިހާރުކުރަން ލިވަޕޫލަށް 170 މިލިއަން
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

30 ޖޫން 2025

ލިވަޕޫލް ފުޓްބޯލް ކްލަބްގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތިން އަހަރުގެ މުއްދަތަށް ހޭދަކުރުމަށް އެއްބަސްވެފައިވަނީ 8 މިލިއަން ޕައުންޑް (170 މިލިއަން ރުފިޔާ) ކަން އެނގިއްޖެ އެވެ.

މި ފައިސާ ދައްކާނީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބަޖެޓުގެ ބޭރުން ފިނޭންސް މިނިސްޓްރީކަން ވެސް "މިހާރު" އަށް ވަނީ ޔަގީންކުރެވިފަ އެވެ.

މިހާތަނަށް ލިވަޕޫލަށް މިހާތަނަށް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަދަދުގެ 20 ޕަސެންޓަށްވާ ފައިސާ އެވެ. އެއީ 1.6 މިލިއަން ޕައުންޑެވެ. މިއީ ތިން އަހަރުގެ އެއްބަސްވުމެއް ކަމަށް ވާތީ އަހަރަކަށް ހޭދަވާނީ 2.6 މިލިއަން ޕައުންޑް (56 މިލިއަން ރުފިޔާ) އެވެ.

މިދިޔަ މާޗު މަހު އިއުލާނުކުރި މި ޑީލާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީން ކުރިން ބުނެފައިވަނީ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކުރުމުން ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން މި އަހަރު، ކުރިން އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.

އެމްއެމްޕީއާރުސީން ލިވަޕޫލާ އެކު ހެދި އެއްބަސްވުމުގެ ދަށުން ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެ ކްލަބްގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކަން ހަމަޖެހިފައިވެ އެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.