Roadha Mihaaru

"ބުރުނުބޮމަ"ގެ ކާމިޔާބީއާ އެކު އެމްއެމްޕީއާރުސީގެ އަމާޒަކީ ސްޕޯޓްސްފިޝިން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން

"ބުރުނުބޮމަ"ގެ ކާމިޔާބީއާ އެކު، އަމާޒަކީ ސްޕޯޓްސްފިޝިން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

"ބުރުނުބޮމަ"ގެ ކާމިޔާބީ: ސްޕޯޓްސްފިޝިން ކުރިއަށް

"ބުރުނުބޮމަ"ގެ ކާމިޔާބީއާ އެކު، އަމާޒަކީ ސްޕޯޓްސްފިޝިން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

މި މަހުގެ ކުރީކޮޅުގައި ބޭއްވި "ބުރުނުބޮމަ ގްލޯބަލް ސްޕޯޓްސްފިޝިން" މުބާރާތަކީ އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސް ކްލަބުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ބައިނަލްއަގުވާމީ ކުޅިވަރުގެ މުބާރާތެވެ. އެއީ ރާއްޖޭގައި، ދުނިޔޭގެ ފެންވަރުގައި ބޭއްވި މަސްވެރިކަމުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތް ވެސް މެ އެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި، އެ މުބާރާތުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ މައިދާނުގައި ރާއްޖެއަކީ ސްޕޯޓްފިޝިން ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. އަދި ރާއްޖޭގައި ހަލުވިކަމާ އެކު، ކުރިއަރަމުން އަންނަ ސްޕޯޓްސްފިޝިން އިންޑަސްޓްރީ ކުރިއެރުވުމެވެ. ލޯކަލް އެންގަލަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު އެ މުބާރާތުން ތަނަވަސްކޮށްދިނުމަކީ މައިގަނޑު އަމާޒު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

"ބުރުނުބޮމަ" މުބާރާތް ނިންމުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

"ބުރުނުބޮމަ" މުބާރާތް ނިންމުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

"ބުރުނުބޮމަ" މުބާރާތުގެ ފުރަތަމަ އެޑިޝަންގައި ނުވަ ޓީމެއް ވާދަކުރި އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ އެއް ޓީމް ކަމަށްވާ "ޓީމު ދުބާއީ" ވެސް ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަނަކީ ވެސް އެ ޓީމެވެ.

އެމްއެމްޕީއާރުސީން ބުނީ "ބުރުނުބޮމަ" އިން ވަނީ ރާއްޖޭގެ ކުޅިވަރު މަސްވެރިކަމުގެ ހަރަކާތްތަކަށް ތާރީހީ ބެންޗްމާކެއް ގާއިމުކޮށްފައި ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިކަމުގެ ކުޅިވަރުތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ފީޑްބެކް ވަރަށް ބޮޑަށް ލިބިފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަކީ ސްޕޯޓްސްފިޝިންގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ކުރިއެރުވުމަށް އޮތް ފުރުސަތު މި މުބާރާތުގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

"ބުރުނުބޮމަ" މުބާރާތުގައިި ބައިވެރިވި ޓީމެއް.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

"ބުރުނުބޮމަ" މުބާރާތުގައިި ބައިވެރިވި ޓީމެއް.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެ މުބާރާތަށް ވަނީ ސްޕޯޓްސްފިޝިން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ގްލޯބަލް އެމްބެސެޑަރު ރޮބަޓް "ފްލައި" ނަވާރޯ ވެސް ރާއްޖެ އައިސްފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ހުރިހާ ޓީމަކުން ވެސް ވަނީ ކުރި ތަޖުރިބާއާ މެދު ވަރަށް ބޮޑު ހިތްހަމަޖެހުން ފާޅުކޮށް، ހާއްސަކޮށް މުޅި ހަރަކާތުގައި އަމަލުކުރި މަސްވެރިކަމުގެ އުސޫލުތަކަށް ތައުރީފު ކޮށްފައި ކަމަށެވެ. އެއީ ދެމެހެއްޓެނިވި ގޮތްތަކަށް އަހަންމިއްޔަތުކަން ދީގެން، ކެޗް އެންޑް ރިލީޒް ޕްރޮޓޮކޯލްތަކާ އެކު، އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފްއޭ) ގެ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި މުބާރާތުގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބާއްވަން އެމްއެމްޕީއާރުސީން ވަނީ ނިންމައިފަ އެވެ.