Roadha Mihaaru

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް މިއަދު ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ނަން ބަދަލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް މިއަދު ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނި ކަމަށްވާ އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ރައީސް ގަރާރުގައި ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވެސް ގެންނާނެ އެވެ.

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ރައީސް ބަދަލު ކުރެއްވިއިރު "ވިޒިޓް މޯލްޑިވްސް"އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެ ކުންފުނިން ބޭނުންކުރާ ރަސްމީ ބްރޭންޑިންގެ ވެސް ނަމެވެ. އެ ބްރޭންޑްގެ ލޯގޯއަށް މިއަދު ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ވެސް ގެނެސްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓޫރިޒަމްގެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީ އުފެއްދީ މާޗު، 2010 ގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ ނަން ވަރަށް ބޮޑަށް ކިލަނބުވެފައި ވާތީ، އެ ކުންފުނީގެ ނަމާއި ބްރޭންޑިން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ކުންފުނިން ވަނީ ކުރިން ވެސް ހާމަކޮށްފަ އެވެ.