Roadha Mihaaru

ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި، ގައުމުން ބޭރުވީ އަލަށް

ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ޚާންގެ ގޭގައި ކައްކާ ދިލިޕް ވެސް އިއްޔެ ރާއްޖެ އައިކަން އެނގިއްޖެ އެވެ.

ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި

ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ޚާންގެ ގޭގައި ކައްކާ ދިލިޕް ވެސް އިއްޔެ ރާއްޖެ އައިކަން އެނގިއްޖެ އެވެ.

ދިލިޕްއާ އެކު ފަރާ ގެނެސްދޭ ސިލްސިލާ ކައްކާ ޝޯ އަކީ އިންޑިއާގެ ޔޫޓިއުބުގައި މިހާރު އެންމެ މަގުބޫލު ކައްކާ ޝޯ އެވެ. އެ ޝޯގެ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ހާއްސަކޮށް ދިލިޕްގެ ހުންނަ ސަކަ މިޒާޖަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް އެ ޝޯއަށް ގެސްޓުންގެ ގޮތުގައި ވެސް ދެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރުސީއާ އެކު ފަރާ ހިންގާ ޕްރޮޖެކްޓަކަށް އޭނާ ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ. އެއީ ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައި ޑޮކިއުމެންޓްކުރުމަށެވެ.

ފަރާ ރާއްޖެ އަންނަން ފުރުމުގެ ކުރިން މުމްބާއީގެ އެއާޕޯޓުގައި އިއްޔެ ހުއްޓާ ޕަޕަޒާރީން ނަގާފައިވާ އޭނާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭނާއާ އެކު ދިލިޕް ވެސް އެއާޕޯޓުގައި ހުއްޓެވެ. އަދި ޕަޕަރާޒީން ގާތުގައި ފަރާ ބުނި ގޮތުގައި، މިއީ ގައުމުން ބޭރަށް ދިލިޕްކުރާ ފުރަތަމަ ދަތުރެވެ.

އެމްއެމްޕީއާރުސީން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރަން މި މަހު ފަހަކުން އަށަކަށް ފަރާ ރާއްޖެއަށް އަންނާނެ އެވެ. ހާއްސަ ޕްރޮޖެކްޓުގެ ދަށުން ބައެއް ރަށްރަށުގެ ރީތި ސަގާފަތް "ކޮމެޑިކް ނެރޭޓިވް"އަކުން ފަރާ ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.