Roadha Mihaaru

ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މިދިޔަ މަހު ރާއްޖެއަށް ކުރި ދެ ދުވަހުގެ ކުރު ދަތުރުގެ ވީލޮގް ޔޫޓިއުބްގައި މިއަދު އާންމުކޮށްފި އެވެ.

ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މިދިޔަ މަހު ރާއްޖެއަށް ކުރި ދެ ދުވަހުގެ ކުރު ދަތުރުގެ ވީލޮގް ޔޫޓިއުބްގައި މިއަދު އާންމުކޮށްފި އެވެ.

މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓަށް ސޮނާކްޝީ އާއި ޒަހީރް އައީ އެމީހުންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށެވެ.

އެ ވީލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.

ރިސޯޓުން ކީ މަރުހަބާ އާއި އެތަނުގެ މުވައްޒަފުންގެ މެހުމާންދާރީގެ ސަބަބުން ވެސް އަނބުރާ ގެއަށް އާދެވުނިއްޔޭ ހިތަށް އެރި ކަމަށް ސޮނާކްޝީ ބުންޏެވެ.

އެ ރިސޯޓުން ސޮނާކްޝީގެ ދެމަފިރިންނަށް މަރުހަބާ ކީ ބޮޑުބެރާއި ދިވެހި ސަގާފީ ކުޅިވަރުންނެވެ.

ނަމަވެސް، ދެ ދުވަހުގެ އެ ކުރު ދަތުރުގައި، އޭނާ އާންމުކޮށް ރާއްޖެ އައިސް ކުރާ ކަންކަން ނުކުރެވޭތީ ހުރީ ވަރަށް ދެރަވެފަ އެވެ. ހާއްސަކޮށް ފީނަން ދިއުމާއި މޫދު ކުޅިވަރުތަކުގައި ބައިވެރި ނުވެވުނީމަ އެވެ.

އޭނާ މިފަހަރު ދިޔައީ ޑޮލްފިން ކްރޫޒަކަށް ނުވަތަ ކޯމަސް ބެލުމަށެވެ.

"މޫދާ ކައިރީގައި އުޅެންޏާ އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ. އެއީ އުފާވެރި އިހުސާސެއް،" ސޮނާކްޝީ ބުންޏެވެ.

އެ ދެމީހުންގެ އެެކުވެރިޔާގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީ އޮތީ އެ ދަތުރުގެ ދެވަނަ ދުވަހު އެވެ. އެ ޕާޓީ ބޭއްވީ ރިސޯޓުގެ ބީޗުގައި އެ ދުވަހު ހަވީރެވެ.

"މިއީ ވަރަށް ކުރު ދަތުރެއް، އެކަމަކު ވަރަށް އުފާވެރި ދަތުރެއް،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީއަކީ ވަރަށް ގިނައިން ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.