Roadha Mihaaru

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވާއިދު އާއްމުކޮށްފި

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުދިން އިސްލާހުކުރަން އެކަހެރިކޮށްގެންގެން ފަރުވާ ދިނުމަށާއި ބަންދުގައި ބައިތިއްބަން ޖެހޭ ކުދިންނަށް ހަދާ ކަރެކްޝަނަލް މަރުކަޒުތައް ހިންގަން ޖެހޭނެ ގަވައިދު އާންމު ކޮށްފި އެވެ.

ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ގަވައިދު އާއްމުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 ޖޫން 2025

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުދިން އިސްލާހުކުރަން އެކަހެރިކޮށްގެންގެން ފަރުވާ ދިނުމަށާއި ބަންދުގައި ބައިތިއްބަން ޖެހޭ ކުދިންނަށް ހަދާ ކަރެކްޝަނަލް މަރުކަޒުތައް ހިންގަން ޖެހޭނެ ގަވައިދު އާންމު ކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ އިއުލާންކުރި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވައިދުގައިވާ ގޮތުން، އެ މަރުކަޒުތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ:

- ޖުވެނަލް ޑިޓެންޝަން ސެންޓަރު: ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބަން ހަދާ މަރުކަޒުތައް.

- ލޯންގްޓާމް ސެކިޔޯ ފެސިލިޓީ: ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްކުރާ، މުޖުތަމައުއާ އެކަހެރިކޮށްގެން ގެންގުޅެން ޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތައް

އެ ތަންތަނަކީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން، ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައިވާ ތަންތަނަށް ވާން ވެސް ޖެހެ އެވެ.

އެ ގަވައިދުގައި މަރުކަޒުތައް ހުނަން ޖެހޭނެ ގޮތާއި އެ ތަންތަނަށް ހުއްދަ ދޫކުރާނެ އުސޫލު ވެސް ބަޔާން ކޮށްފައިވެ އެވެ.

މަރުކަޒުގެ ޒިންމާތައް:

- ކުދިންގެ ސަމާލަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން

- ބަންދުކޮށްފައި ތިބޭ ކުދިންގެ އާންމު ހާލަތު ބެހެލެއްޓުން

- މަރުކަޒުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި މޮނިޓާކުރުމާއި ތަނުގެ އަމާންކަން ބެލެހެއްޓުން

- މަރުކަޒުގައި ހަދާފައިވާ އުސޫލާ ހިލާފުވާ ކުދިންނަށް އަަޅަން ޖެހޭ ފިޔަވަޅުތައް އެޅުން

- އެ ތަނުގައި ތިބޭ ކުދިންނަށް ދޭން ޖެހޭ އަސާސީ ހިދުމަތާއި ތަކެއްޗާއި އިނާޔަތް ފޯރުކޮށްދިނުން

- ކުދިންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރުން

- މަރުކަޒުގައި ތިބޭ ކުދިން މުޖުތަމައުއަށް އަހުލުވެރިކޮށް އަލުން މުޖުތަމައުއަށް ނެރެން ތަފާތު އެކި ޕްރޮގްރާމުތައް ރާވައި ހިންގުން

- ކުދިން ތަންތަނަށް ގެންގޮސް، ގެނެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން

- މަރުކަޒުގައި ގާއިމް ކޮށްފައިވާ ވަސީލަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން

- މަރުކަޒުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ކަންކަން ބެހެލެއްޓުން

އެ ގަވައިދުގައި ބުނާ ގޮތުން ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ޔުނިޓެއް ގާއިމް ކުރަން ވެސް ޖެހެ އެވެ. އަދި ކުދިން މަރުކަޒުތަކަށް ގެންގޮސް އަމަލު ކުރަން ޖެހޭނެ ގޮތް ވެސް ބަޔާން ކޮށްފައިވެ އެވެ.

އޭގައި ކުދިންނަށް ދޭން ޖެހޭ ވަކިވަކި ހިދުމަތްތަކާއި ސިއްހީ ފަރުވާ އާއި އެ ކުދިންގެ ތައުލީމާއި އަންނައުނު އަދި ކާނާގެ އިތުރުން އާއިލީ ބައްދަލުވުންތައް ހަމަޖައްސަންވީ ގޮތުގެ ތަފްސީލުތައް ވެސް ބަޔާންކޮށްފައިވެ އެވެ. ކުއްޖަކު މަރުކަޒަށް ގެންގޮސްފި ނަމަ އެކަން ވެސް އާއިލާ އަށް އަންގަން ޖެހެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާ އަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުމުގެ މަގުސަދުގައި ހަދާފައިވާ ގާނޫނެކެވެ.

މީގެ ހަ އަހަރުކުރިން އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުވުމުންނެވެ.