Roadha Mihaaru

އިޓަލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

އިޓަލީ ގައުމީ ޓީމުގެ ކޯޗަކަށް، އެ ގައުމާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ ހަމަޖައްސައިފި އެވެ.

އިޓަލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

އިޓަލީ ގައުމީ ޓީމުގެ ކޯޗަކަށް، އެ ގައުމާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ ހަމަޖައްސައިފި އެވެ.

މިކަން ކަށަވަރުކޮށްދިނީ، ޓީމުގެ ހެޑް އޮފް ޑެލިގޭޝަން އަދި، ގަޓޫސޯއާ އެކު 2006 ގެ ވޯލްޑް ކަޕުގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޖިއަންލުއިޖީ ބުފޮން އެވެ.

"އަހަރެމެން މި ނިންމީ، ނިންމެން އޮތް އެންމެ ރަނގަޅު ނިންމުން،" ބުފޮން ބުންޏެވެ.

އިޓަލީން އާ ކޯޗެއް މި ހަމަޖެއްސީ، ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ނޯވޭ އަތުން 3-0 އިން ބަލިވުމުން ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ވަކިކުރުމަށް ފަހު އެވެ.

އިޓަލީ ފެޑެރޭޝަނުން އެންމެ ފުރަތަމަ ބޭނުންވީ، ރޯމާ އަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން، ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ ގެންނާށެވެ. އެކަމަކު ރޯމާގެ އެޑްވައިޒަރެއްގެ މަގާމު ގަބޫލުކޮށްފައިވާތީވެ، މިވަގުތު އިޓަލީއާ ހަވާލުވެވެން ނެތްކަން އޭނާ ވަނީ އަންގައިފަ އެވެ.

ގަޓޫސޯގެ އިތުރުން އިޓަލީން ދެން ޝޯޓްލިސްޓްކުރި ކޯޗުންނަކީ، 2006 ގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަން ފަބިއޯ ކަނަވާރޯ އާއި، މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އެވެ. މީގެ ތެރެއިން ކޯޗިންގެ ތަޖުރިބާ އާއި ކާމިޔާބީ އެންމެ ބޮޑީ ގަޓޫސޯގެ އެވެ.

އޭނާ ވަނީ އޭސީ މިލާނާއި، ނަޕޯލީ ފަދަ އިޓަލީގެ މަތީ ފަންތީގެ ކްލަބްތަކަށް އަދި ސްޕެއިނުގެ ވެލެންސިއާ އާއި، ފްރާންސްގެ އޮލިމްޕިކް މާސޭ އަށް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން ނަޕޯލީއާ އެކު އޭނާ އިޓާލިއަން ކަޕް ވެސް ކާމިޔާބުކުރި އެވެ. އެކަމަކު ގަޓޫސޯ އަށް އެއްވެސް ކްލަބަކާ އެކު މާގިނަ މުއްދަތެއް ހޭދަކުރެވޭ ގޮތެއް ނުވެ އެވެ.

ގަޓޫސޯ އަކީ އޭނާ ކުޅުނު ދުވަސްވަރު، އޭރުގެ އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރެވެ. އޭނާ ވަނީ، މިލާނާ އެކު އިޓާލިއަން ލީގާއި، ޗެމްޕިއަންސް ލީގާއި، އިޓާލިއަން ސުޕަ ކަޕާއި، ޔުއެފާ ސުޕަ ކަޕް، ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕާއި، އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. އިޓަލީ ގައުމީ ޓީމަށް 2000 އިން 2010 އަށް 73 މެޗު ކުޅެދިނެވެ. އެ ގައުމުން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ގަޓޫސޯ ހުރިހާ މެޗެއްގައި ވެސް ކުޅުނެވެ.

ޖެހިލުން ކުޑަ، ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ގަޓޫސޯ އަކީ، ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ވެސް ފާހަގަކުރެވޭ ކޯޗެކެވެ. އޭނާގެ އާ މަސްއޫލިއްޔަތަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކުރުމެވެ. އިޓަލީ މިދިޔަ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވެ އެވެ.