Roadha Mihaaru
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު

އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު

10 ސެޕްޓެމްބަރ 2024

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޒްރޭލް އަތުން 2-1 އިން މޮޅުވެ އިޓަލީން މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓިއިރު ބެލްޖިއަމް އަތުން 2-0 އިން މޮޅުވެ ފްރާންސުން ގްރޫޕުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޒްރޭލް އަތުން 2-1 އިން މޮޅުވެ އިޓަލީން މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓިއިރު ބެލްޖިއަމް އަތުން 2-0 އިން މޮޅުވެ ފްރާންސުން ގްރޫޕުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރޫޕް ދޭއްގެ އެއް ވަނައިގައި އިޓަލީ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުން އިޓަލީ ވަނީ ފްރާންސް އަތުން 3-1 އިން މޮޅުވެފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ފްރާންސް އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން، ހެޑް-ޓު-ހެޑް ފަރަގުން ތިން ވަނައިގައި އޮތީ ބެލްޖިއަމް އެވެ. އިޒްރޭލް އޮތީ މެޗަކުން މޮޅުނުވެ ފުލުގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި މެޗު ކުޅެން ރައްކާތެރިނުވާނެތީވެ، އެ ޓީމުގެ ހޯމް މެޗުތައް ކުޅެނީ ހަންގޭރީގަ އެވެ. ރޭ ހަންގޭރީގެ ބޮޒްސިކް އެރީނާގައި ކުޅުނު މެޗުގައި އިޓަލީ އަށް ލީޑު ނަގައިދިނީ މިހާރުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީގެ ދައުރުގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ މިޑްފީލްޑަރު ޑެވިޑޭ ފްރަޓެއްސީ އެވެ. އިޓަލީގެ ދެ ވަނަ ގޯލް 62 ވަނަ މިނެޓުގައި ޖެހީ ޒުވާން ފޯވާޑް މޮއިސް ކީން އެވެ. އިޒްރޭލުގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖެހީ އަބޫ ފަނީ އެވެ.

ޔޫރޯގައި ކާމިޔާބު ނުހޯދުމުން ފާޑުކިއުން އަމާޒުވި އިޓަލީ ކޯޗު ސްޕެލެއްޓީ ބުނީ ޒުވާން ޓީމެއް ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ޒިންމާދާރު ކުޅުމެއް ކަމަށެވެ. އަދި ފްރާންސް އަށް ވުރެ އިޒްރޭލުގެ ފަރާތުން ފެނުނީ މެދުތެރެ ބްލޮކްކޮށްގެން ކުޅުނުތަން ކަމަށާއި، އެއީ ޗެލެންޖަކަށް ވީ ނަމަވެސް، ރިސްކެއް ނުނަގައި މޮޅުވުމުން ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ރޭ ފްރާންސުން އަމިއްލަ ދަނޑުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނީ ބަދަލުތަކެއް ގެނެސްގެންނެވެ. ކެޕްޓަން ކީލިއަން އެމްބާޕޭ މެޗު ފެށީ ބެންޗުންނެވެ. ފޯވާޑް ލައިން ބެލެހެއްޓީ ރަންޑަލް ކޯލޯ މުއާނީ އާއި މާކަސް ތުރާމް އަދި އޮސްމާނޭ ޑެމްބެލޭ އެވެ. މީގެ ތެރެއިން ފްރާންސްގެ ފުރަތަމަ ގޯލް ޖެހީ 29 ވަނަ މިނެޓުގައި ކޯލޯ މުއާނީ އެވެ. އަދި ދެ ވަނަ ގޯލް 57 ވަނަ މިނެޓުގައި ޖެހީ ޑެމްބެލޭ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ އިޓަލީ އަތުން ބަލިވި ބަލިވުމުގެ މާޔޫސްކަން ފިލުވާލަން މި މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރާ މެދު އުފާވާ ކަމަށާއި، ބެލްޖިއަމް ފަދަ ވަރުގަދަ ޓީމެއް އަތުން މޮޅުވުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެން ބުނާކަށް ނެތިން މި މެޗުގައި ހުރިހާ ކަމެއް ފުރިހަމައޭ. ހުރިހާ މައްސަލައެއް ހައްލުވެއްޖެޔޭ. އެކަމަކު މިއީ ރަނގަޅު ފެށުމެއް،"

ޑިޝޯމްޕްސް ފްރާންސަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދީފައިވީ ނަމަވެސް ތިބި ކުޅުންތެރިންގެ ފެންވަރާ ބަލާއިރު ފަހަކަށް އައިސް އެކަށީގެންވާ ކާމިޔާބެއް ނުހޯދޭތީވެ އޭނާ އަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ބައެއް ސަޕޯޓަރުން ވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. ތިން ވަނަ އަށް ދާ ޓީމު ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހޭއިރު، ފުލަށްދާ ޓީމު ބީ ލީގަށް ރެލިގޭޓްވާނެ އެވެ.