Roadha Mihaaru
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ

އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ

24 ސެޕްޓެމްބަރ 2022

އިޓަލީ އަތުން 1-0 އިން ބަލިވެ ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް އިންގްލެންޑް ރެލިގޭޓްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓަލީ އަތުން 1-0 އިން ބަލިވެ ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް އިންގްލެންޑް ރެލިގޭޓްވެއްޖެ އެވެ.

ކުޅުނު ފަސް މެޗުން ދެ ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ފުލުގައި އޮތް އިންގްލެންޑް ރެލިގޭޓްވީ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވިޔަސް، އެހެން ޓީމުތަކަށް ވުރެ ގިނައިން ޕޮއިންޓް ހޯދޭނެ ގޮތެއް ނެތުމުންނެވެ.

މި ގްރޫޕުގެ އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ މިރޭ ޖަރުމަން އަތުން 1-0 އިން މޮޅުވި ހަންގޭރީ އެވެ. ދެ ވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ އިޓަލީ އެވެ. ތިން ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ޖަރުމަނެވެ.

ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށް އަންނަ އަހަރު އޮންނަ މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ހަންގޭރީ އަށެވެ. ހޯމަ ދުވަހު އަމިއްލަ ދަނޑުގައި އިޓަލީއާ އެއްވަރުކޮށްގެން އެ ޓީމަށް ފައިނަލަށް ދެވޭނެ އެވެ. އިޓަލީ އަށް ފުރުސަތު އޮންނާނީ ހަންގޭރީ އަތުން މޮޅުވެގެންނެވެ.

ފައިނަލަށް ދިއުމުގެ ފުރުސަތެއް ޖަރުމަނަށް ނެތެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރު އޮންނާނީ އެއް ވަނަ ޑިވިޝަނުގެ ހަތަރު ގްރޫޕުން ކުރި ހޯދާ ހަތަރު ޓީމުގެ މެދުގައި އަންނަ އަހަރުގެ ޖޫން މަހު އެވެ.

މިލާނުގެ ސެން ސީރޯ ސްޓޭޑިމުގައި އިޓަލީން މިރޭ އިންގްލެންޑް ބަލިކުރީ ދެ ވަނަ ހާފުގައި ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ލަނޑުންނެވެ. ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ފަހަތުން ދިން ބޯޅައެއް ރަސްޕަޑޯރީ ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލީ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ކައިރިން އެނބުރިލާފަ އެވެ.

އޭގެ ކުރިން އިޓަލީގެ ނިކޯލޯ ބަރެއްލާ އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަދި ފަހުން ލީޑު ފުޅާކުރަން އިޓަލީގެ މަނޯލޯ ގަބިއަޑީނީ އާއި ބްރަޔަން ކްރިސްޓަންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް ނުހިފުނެވެ.

އިތުރު ވަގުތުގެ ތެރޭ އެއްވަރުކުރަން އިންގްލެންޑުގެ ޖޫޑް ބެލިންހަމް އަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އިންގްލެންޑަށް މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ޖެހުނީ އެންމެ ގޯލެކެވެ. އެއީ ޖަރުމަނާ 1-1 އިން އެއްވަރުވި މެޗުގައި ހެރީ ކޭން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެހެންވެ މިރޭގެ މެޗާ އެކު އިންގްލެންޑުން މުބާރާތުގެ ފަސް މެޗު ފުރިހަމަ ކުރީ މޮޅެއް ނުލިބި އަދި އޯޕަން ޕްލޭގައި ލަނޑެއް ވެސް ނުޖެހި އެވެ. އެއާ އެކު ވޯލްޑް ކަޕުގެ ކުރިން ކޯޗު ގެރެތު ސައުތުގޭޓަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އެޓޭކިން ހުނަރުވެރި ކުޅުންތެރިން އިންގްލެންޑުގައި ތިބި ނަމަވެސް އުފެއްދުންތެރި ކުޅުމެއް ނުދެއްކޭތީ ކޯޗަށް ފާޑުކިއުން ވަނީ އިތުރުވެފަ އެވެ.

ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމާ އެކު، 2024 ގެ ޔޫރޯގެ ކޮލިފައިންގެ ގުރުނެގުމުގައި އިންގްލެންޑް އޮންނާނީ ދެ ވަނަ ޕޮޓުގަ އެވެ. މާނައަކީ ވަރުގަދަ ޓީމުތަކާ ވާދަކުރަން ޖެހުމެވެ.

އަނެއްކޮޅުން މި ނަތީޖާއަކީ، މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ސަބަބުން މާޔޫސްކަން ލިބިފައިވާ އިޓަލީ އަށް ލިބުނު ކުޑަ ހިތްހަމަޖެހުމެކެވެ. އަނިޔާގެ ސަބަބުން މުހިއްމު ފަސް ކުޅުންތެރިއަކު ނެތި، ފަހު ވަގުތު ގެނައި ބަދަލުތަކާ އެކު އިންގްލެންޑް ބަލިކުރެވުމަކީ، ޒުވާން ކުޅުންތެރިންނާ އެކު ޓީމު އަލުން ބިނާކުރަން ކޯޗު ރޮބާޓޯ މަންޗިނީ ކުރާ މަސައްކަތުގައި ލިބުނު އިތުބާރެކެވެ.