24 މާޗް 2023
ޔޫރޯ ކޮލިފައިން ގްރޫޕް ސީ ގައި ރޭ އިޓަލީ އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން، އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.
ޔޫރޯ ކޮލިފައިން ގްރޫޕް ސީ ގައި ރޭ އިޓަލީ އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން، އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.
އިޓަލީގެ ނޭޕްލްސްގެ ސްޓޭޑިއޯ ޑިއެގޯ މަރަޑޯނާގައި ކުޅުނު މި މެޗަކީ، 1961 ގެ ފަހުން އިޓަލީގައި އެ ޓީމު އަތުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1999 ގެ ފަހުން ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި އިޓަލީ ބަލިވި ފުރަތަމަ މެޗެވެ. މީގެ އިތުރުން މިއީ 2006 ގެ ފަހުން ޔޫރޯ ކޮލިފައިންގައި އިޓަލީ ބަލިވި ފުރަތަމަ މެޗު ވެސް މެ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ކޯޗު ރޮބާޓޯ މަންޗިނީ ބަދަލުތަކެއް ގެނެސް އިޓަލީ ޓީމު އަލުން އެކުލަވާލަން މަސައްކަތް ފެށި ނަމަވެސް އޭނާގެ ސިލެކްޝަނަށް ރޭ ވެސް ފާޑުކިއުން އަމާޒުވި އެވެ. އެގޮތުން ކްލަބް ލެވެލްގައި ރަނގަޅު ކުޅުމެއް ނުދެއްކޭ ރަފައެލް ޓޮލޯއީ އާއި ފްރެންޗެސްކޯ އެސެރެބީ އަށް ޑިފެންސުން ފުރުސަތު ދިނުމުން ބައެއް މީހުން ހިތްހަމަނުޖެހުނެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ އާއި ފޯވާޑް ފެޑެރިކޯ ކިއޭސާ މި މެޗުގައި ނުކުޅެ އެވެ.
އިންގްލެންޑުން ޑޮމިނޭޓްކުރި ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ 13 ވަނަ މިނެޓުގައި ޑެކްލަން ރައިސް އެވެ. އަދި 44 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކޭން ލީޑު ފުޅާކޮށްދިނެވެ. ދެ ވަނަ ހާފުގައި އިޓަލީ ފެނުނީ ތަފާތުކޮށެވެ. އެދެވޭ ކުޅުމެއް ދެއްކި މި ހާފުގައި އިޓަލީ އަށް ގޯލް ޖަހައިދިނީ އާޖެންޓީނާ އަށް އުފަން އިޓަލީގެ މަޓެއޯ ރެޓެގުއީ އެވެ. މިއީ އާޖެންޓީނާ ލީގުގައި ކުޅޭ އުމުރުން 23 އަހަރުގެ ފޯވާޑް އިޓަލީ އަށް ކުޅެދިން ފުރަތަމަ މެޗެވެ. މެޗުގެ 80 ވަނަ މިނެޓުގައި އިންގްލެންޑުގެ ލުކް ޝޯ އަށް ރަތްކާޑު ދައްކައި އެކަކު މަދުވި ނަަމަވެސް އިޓަލީ އަށް އޭގެ ފައިދާ ނުނެގުނެވެ.
ކޭން އިނގިރޭސި ލަނޑުގެ ލިސްޓުގެ އެއް ވަނަ އަމިއްލަ ކުރީ 54 ލަނޑު ހަމަކޮށްގެންނެވެ. އޭނާ އެ އަދަދަށް ލަނޑު ޖެހީ 81 މެޗުންނެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ 120 މެޗުން 53 ގޯލް ޖަހާފައިވާ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކޭން އަށް މި ރެކޯޑުގެ ލަނޑުގެ އަދަދު ތަފާތު ބޮޑުކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
ޔޫރޯ ކޮލިފައިންގެ މި ގްރޫޕުގައި ރޭ ނޯތު މެސެޑޯނިއާ އިން ވަނީ އަމިއްލަ ދަނޑުގައި މޯލްޓާ އަތުން 2-1 އިން މޮޅުވެފަ އެވެ. މި ގްރޫޕުގައި އާދީއްތަ ދުވަހު އިންގްލެންޑުން އަމިއްލަ ދަނޑުގައި ޔޫކްރޭނާ ވާދަކުރާނެ އެވެ. އެ ދުވަހު އިޓަލީ ނުކުންނާނީ މޯލްޓާއާ ދެކޮޅަށެވެ.
ކޮލިފައިންގައި އިންގްލެންޑާއި އިޓަލީ އަށް ކާމިޔާބު ރެއެއް
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
ވެމްބްލީގައި އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯ އަށް
ނޯތު މެސެޑޯނިއާ އަތުން މިފަހަރު ވެސް އިޓަލީ މޮޅެއްނުވި
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
ގަދަދެއްކި ހަތް ގައުމުން ފީފާގެ ކުރިމަތީ ގޮތް ދޫކޮށްފި
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ