Roadha Mihaaru
ވެމްބްލީގައި އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯ އަށް

ވެމްބްލީގައި އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯގެ ޖާގަ ޔަގީން ކޮށްފި

18 އޮކްޓޯބަރ 2023

ލަންޑަން (އޮކްޓޫބަރު 18) - ވެމްބްލީ ސްޓޭޑިއަމްގައި 3-1 އިން އިޓަލީ ބަލިކޮށްފައި އިންގްލެންޑް، އަންނަ އަހަރު ޖަރުމަންގައި ބާއްވާ ޔޫރޯއިން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (އޮކްޓޫބަރު 18) - ވެމްބްލީ ސްޓޭޑިއަމްގައި 3-1 އިން އިޓަލީ ބަލިކޮށްފައި އިންގްލެންޑް، އަންނަ އަހަރު ޖަރުމަންގައި ބާއްވާ ޔޫރޯއިން ފުރުސަތު ހޯދައިފި އެވެ.

އިނގިރޭސި ލީގުގައި ކުޅޭ ޖިއާންލޫކާ ސްކަމާކާ މެޗުގެ 15 ވަނަ މިނިޓުގައި އިޓަލީއަށް ލީޑު ނަގައިދިން ނަމަވެސް، ކެޕްޓަން ހެރީ ކޭން ވަނީ 32 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައި، ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އިންގްލެންޑުން ލީޑު ނެގީ މެޗުގެ 57 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ޖަހައިދިން ގޯލުންނެވެ. އަދި 77 ވަނަ މިނިޓުގައި ކޭން ވަނީ ގައުމީ ޓީމަށް އޭނާގެ 61 ވަނަ ގޯލު ޖަހައިދީފަ އެވެ.

ހެރީ ކޭން، އިޓަލީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހެރީ ކޭން، އިޓަލީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޮލިފައިންގެ ގުރޫޕް ސީ ގައި ބާކީ ދެ މެޗު އޮއްވައި އިންގްލެންޑް ކޮލިފައިވީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތީ އެއް މެޗު ބާކީ އޮއްވައި 13 ޕޮއިންޓް ހޯދާފައިވާ ޔޫކްރޭނެވެ. އެޓީމަށް ހަމައެކަނި އޮތީ އިޓަލީ މެޗެވެ. އިޓަލީ ތިންވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާ އެކު އެވެ.

ގުރޫޕްގެ ގަދަ ދޭއްގައި ނުހިމެނުނަސް، ޕްލޭއޮފްގެ ޖާގައެއް އިޓަލީއަށް ލިބޭނެ އެވެ. މާޗު މަހު އިޓަލީގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުން ވެސް އިންގްލެންޑުން އިޓަލީ ބަލިކުރި އެވެ.

މެޗުން ބަލިވުމުން އިޓަލީގެ ބައެއް ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މެޗުން ބަލިވުމުން އިޓަލީގެ ބައެއް ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

އޭގެ ކުރިން މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި އިޓަލީއާ ކުޅުނު ދެ މެޗުން މޮޅެއް ނުހޯދި، އެއް މެޗުން ބަލިވެގެން އިންގްލެންޑް ވަނީ ޔޫއެފާ ނޭޝަންސް ލީގު "އޭ" އިން ރެލިގޭޓް ވެފަ އެވެ. އިޓަލީ ވަނީ ނޭޝަންސް ލީގު ތިންވަނަ ހޯދައިފަ އެވެ.

އިޓަލީ އާއި އިންގްލެންޑަކީ އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. ވެމްބްލީ ސްޓޭޑިއަމްގައި 2021 ވަނަ އަހަރު ކުޅުނު ފައިނަލް މެޗުގައި އިންގްލެންޑުގެ މައްޗަށް އިޓަލީން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.