Roadha Mihaaru

މާފިޔާއާ ގުޅުން އޮންނަ އިޓަލީގެ ކްލަބެއްގެ މައްސަލަ ކޯޓުގައި

މާފިޔާއާ ގުޅުން އޮންނަ ކަމަށް ފުލުހުންނަށް އެކަށީގެންވާ ހެކި ލިބިފައިވާތީ، އިޓަލީގެ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ކްރޮޓޯނޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ކޯޓުގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

މާފިޔާއާ ގުޅުންއޮންނަ އިޓަލީ ކްލަބެއްގެ މައްސަލަ ކޯޓަށް

މާފިޔާއާ ގުޅުން އޮންނަ ކަމަށް ފުލުހުންނަށް އެކަށީގެންވާ ހެކި ލިބިފައިވާތީ، އިޓަލީގެ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ކްރޮޓޯނޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ކޯޓުގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ކްރޮޓޯނޭ އަކީ ބާރުގަދަ އެންޑްރަންގޭޓާ މާފިޔާ ނިސްބަތްވާ ދެކުނު ކެލަބްރިއާ ސަރަހައްދުގެ ކްލަބެކެވެ. އެ ޓީމު މި ވަގުތު އޮތީ ސެރީ ސީ ލީގުގެ ގުރޫޕް ސީގެ ހަތްވަނައިގަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.

ކްރޮޓޯނޭ ވަނީ އިޓާލިއަން ސެރީ އޭ ގައި 2016-2017 އާއި 2017-2018 ގެ އިތުރުން 2020-2021 ގައި ކުޅެފަ އެވެ.

ސްޕެއިންގެ ޕްރޮސެކިއުޓަރުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން، އެ ކްލަބަށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަަށް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް ހަރަކާތްތައް ކުރިއަށް ގެންދެވޭނީ ކޯޓުން ކަނޑައަޅާ އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުންނެވެ. އަދި ފުލުހުންނަށް ބޭނުންވާވަރަށް ހެކި ލިބިފައި ވުމާ އެކު، ކުލަބުގެ މައްސަލަ އިތުރަށް ތަހުގީގެއް ނުކުރާނެ އެވެ.

ކޯޓުން މިގޮތަށް ނިންމި ނަމަވެސް އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ، ކުލަބްގެ ހިއްސާދާރުންނާއި މެނޭޖަރުން އަދި ކުލަބުގެ އެހެނިހެން ފަރާތްތަކަށް ވެސް އެނގިގެން، ގާނޫނާ ހިލާފު ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.

އެކަމަކު، ކަޓަންޒާރޯ ސިޓީގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މިދިޔަ 10 އަހަރު ތެރޭގައި އެނގިގެން ނުވަތަ ނޭނގި ނަމަވެސް ކުލަބުން ވަނީ އެންޑްރަންގޭޓާ މާފިޔާ ގުރޫޕްތަކާ ގުޅިގެން ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

މިއާ އެކު، ކްލަބްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ޓިކެޓް ވިއްކުމާ ގުޅޭ ކަންކަން ކޯޓުން ކަނޑައަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންގޮސްގެން، ކުލަބު އާއްމު ހާލަތަކަށް ގެނެވޭ ކަމަށް ޕްރޮސިކިއުޓަރުން ބުނެފައި ވެ އެވެ.

އިޓަލީގެ ކްލަބްތަކުގެ ޓިކެޓް ވިއްކުމާއި އެހެނިހެން ވިޔަފާރިތައް، މާފިޔާ ގުރޫޕްތަކާ ގުޅިގެން ކުރުމަކީ މީގެ ކުރިން ވެސް އާއްމު ކަމެކެވެ. އެ ގައުމުގެ ވަރުގަދަ ދެ ކްލަބް ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނުގެ މައްސަލަތަކެއް ވެސް ވަނީ ފަހުގެ ތާރީހުގައި ތަހުގީގު ކޮށްފަ އެވެ.