Roadha Mihaaru
ދަނޑުން ފައިބަން އިންގްލެންޑުން ބޭނުމެއް ނުވި

ދަނޑުން ފައިބަން އިންގްލެންޑް ކުޅުންތެރިން ބޭނުމެއް ނުވި

15 އޮކްޓޯބަރ 2019

ސޯފިއާ، ބަލްގޭރިއާ (އޮކްޓޯބަރު 15) – ޔޫރޯ ކޮލިފައިންގައި ރޭ ބަލްގޭރިއާ އަތުން 6-0 އިން އިންގްލެންޑް މޮޅުވި މެޗުގައި ސަޕޯޓަރުން އިންގްލެންޑް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުން މެޗު ދެ ފަހަރަށް ހުއްޓާލަން ޖެހުނު ނަމަވެސް ދަނޑުން ފައިބަން އިންގްލެންޑް ކުޅުންތެރިން ބޭނުމެއްނުވި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސޯފިއާ، ބަލްގޭރިއާ (އޮކްޓޯބަރު 15) – ޔޫރޯ ކޮލިފައިންގައި ރޭ ބަލްގޭރިއާ އަތުން 6-0 އިން އިންގްލެންޑް މޮޅުވި މެޗުގައި ސަޕޯޓަރުން އިންގްލެންޑް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުން މެޗު ދެ ފަހަރަށް ހުއްޓާލަން ޖެހުނު ނަމަވެސް ދަނޑުން ފައިބަން އިންގްލެންޑް ކުޅުންތެރިން ބޭނުމެއްނުވި އެވެ.

ސަޕޯޓަރުން ނަސްލީގޮތުން ދިމާކުރާތީ ރޭގެ މެޗު ފުރަތަމަ ހުއްޓާލީ އިންގްލެންޑުން 2-0 އިން ލީޑުގައި އޮއްވައި މެޗުގެ 28 ވަނަ މިނިޓްގަ އެވެ. އަލުން ކުޅެން ފެށުމަށް ފަހު ދެ ވަނަ ފަހަރަށް ހުއްޓާލީ 43 ވަނަ މިނިޓްގަ އެވެ. އެ ފަހަރު އަލުން މެޗު ކުޅެން ފެށީ ރެފްރީ އާއި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް މަޝްވަރާކުރުމަށް ފަހު އެވެ.

މެޗެއްގެ ތެރެއިން ނަސްލީ ގޮތުން ދިމާކުރާނަމަ އަމަލުކުރާނެ ތިން ގޮތެއް ޔުއެފާ އިން ވަނީ 2009 ވަނަ އަހަރު އިއުލާނު ކޮށްފަ އެވެ. ފަހަކަށް އައިސް އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ރެފްރީންނަށް ވަނީ އަންގައިފަ އެވެ. އެއީ ނަސްލީ ގޮތުން ދިމާކުރާނަމަ ފުރަތަމަ ދަނޑުގެ އެނައުންސަރު މެދުވެރިކޮށް އެކަން ހުއްޓާލަން އަންގާނީ އެވެ. ދެ ވަނަ ފަހަރަށް ކުރާނަމަ ރެފްރީ މެޗު ހުއްޓާލުމަށް ފަހު ކުޅުންތެރިން ދަނޑުން ފައިބާނީ އެވެ. އަދި މެޗު އަލުން ފަށާނީ ނަސްލީ ގޮތުން ދިމާކުރުން ހުއްޓާލުމުންނެވެ. އެ އަށް ދަހު ދެން ފަށާއިރު ވެސް ނަސްލީ ގޮތުން ދިމާކުރާނަމަ މެޗު އެއްކޮށް ހުއްޓާލަން ރެފްރީ ނިންމާނެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ފަހަރު ނަސްލީ ގޮތުން ދިމާކުރުމުން މެޗު މެދުކަނޑާލުމަށް ފަހު އެނައުންސަރު އެކަން ހުއްޓާލަން އެންގި އެވެ. އެކަމަކު އަލުން ފެށުމުން ވެސް އެކަން ތަކުރާރުކުރުމުން މެޗު ހުއްޓާލުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އެ އޮތް މާހައުލުގައި މެޗު ކުރިއަށް ގެންދަން އެދޭތޯ އެހުމުން އެ ކުޅުންތެރިން ވަނީ ކުޅެން ނިންމައިފަ އެވެެ.

އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިން މެޗަށް ފަހު ބުނީ ކުޅުންތެރިން ކުޅެން ނިންމީ ނަސްލީ ގޮތުން ދިމާކުރާ މީހުން މޮޅުވީ ކަމަށް ނިންމައި މެޗު ހުއްޓާލަން ބޭނުންނުވާތީ އެވެ. އަދި ކޮންމެވެސް އެއް ގޮތަކުން މިކަމަށް ނިމުމެއް އަންނަން ޖެހޭ ކަމަށާއި ނަސްލީ ގޮތުން ދިމާކުރާ މީހުންނަށް ވީ އެންމެ ބޮޑު އަަދަބެއް ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މެޗުން މޮޅުވެގެން މުހިއްމު ކަންތައްތަކެއް ސާބިތު ކޮށްދެވުނަސް ފުޓްބޯޅަ އެންމެ ފުރިހަމަ މާހައުލެއްގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އިންގްލެންޑް ކުޅުންތެރިން މެޗު ކުރިއަށްގެންދަން ނިންމި ނިންމުމަށް ސައުތުގޭޓް މަރުހަބާ ކިޔެވެ. އެކަމަކު އެއީ ނަސްލީ ގޮތުން ދިމާކުރާ ކޮންމެ ދުވަހަކު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް ބަލްގޭރިއާގައި ޗެކް ރިޕަބްލިކާއި ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އަދި ދާދި ފަހުން މޮންޓަނެގްރޯ އަށް ވަނީ އެ ފަދަ މައްސަލައެއްގައި އަދަބު ދީފަ އެވެ. މޮންޓަނެގްރޯގެ ދެ މެޗެއް ސަޕޯޓަރުން ނުވައްދައި ކުޅެން އެންގިއިރު، އެ ޓީމު ވަނީ 17000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ލަނޑުތައް ޖަހައިދިނީ ރޮސް ބާކްލީ އާއި ރަހީމް ސްޓާލިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް އަދި މާކަސް ރެޝްފޯޑް އަދި ހެރީ ކޭން އެއް ގޯލެވެ.