Roadha Mihaaru

އެފްރިކާ ޓީމެއް އަތުން އިނގިރޭސީން އަލަށް ބަލިވެއްޖެ

ސެނެގޯލް އަތުން 3-1 އިން ބަލިވެ އިންގްލެންޑް ފުރަތަމަ ފަހަރަށް އެފްރިކާ ގައުމެއް އަތުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެފްރިކާ ޓީމެއް އަތުން އިނގިރޭސީން އަލަށް ބަލިވެއްޖެ

ސެނެގޯލް އަތުން 3-1 އިން ބަލިވެ އިންގްލެންޑް ފުރަތަމަ ފަހަރަށް އެފްރިކާ ގައުމެއް އަތުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަމިއްލަ ގައުމުގައި، ސެނެގޯލް އަތުން ބަލިވުމުން އިންގްލެންޑް ޓީމާއި، ކޯޗު ތޯމަސް ޓުޗެލް އަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ. އަމުދުން ވޯލްޑް ކަޕަށް އަހަރެއްހާ ދުވަސް އޮއްވާ މިފަދަ ނަތީޖާއެއް ނުކުތުމުން ޓީމުގެ ފެންވަރާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޓުޗެލް ބުނީ ވޯލްޑް ކަޕް އޮތީ އަންނަ ހަފުތާގައި ނޫން ކަމަށާއި، އެ މުބާރާތަށް އަހަރެއްހާ ދުވަސް އޮތުމުން އަދި ހާސްވާން ނުޖެހޭ ކަމަށެވެ.

"މިއީ ޓެސްޓް މެޗެއް. އަހަރެމެން އެބަޖެހޭ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރަން އެކި ހާލަތްތަކުގައި ކުޅެ. އެފަދަ މެޗެއް މިއީ. ކޮލިފައިންގައި ޓީމު އޮތީ ރަނގަޅު މަގާމެއްގައި. އެހެންވީމާ ހާސްވާން ނުޖެހޭ،" ޓުޗެލް ބުންޏެވެ.

ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު އިންގްލެންޑާ ހަވާލުވެ މި މެޗުގެ ކުރިން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ، ލެޓްވިއާ، އަދި އެންޑޯރާ ފަދަ މެދުފަންތީގެ ޓީމުތައް އަތުންނެވެ.

ކެޕްޓަން ހެރީ ކޭން އާއި، ޑެކްލަން ރައިސް އާއި، ބުކާޔޯ ސަކާ، އާއި ކައިލް ވޯކާ ފަދަ ކުޅުންތެރިންނަށް ފުރުސަތު ދިން ނަމަވެސް ޓުޗެލް މި މެޗަށް ޓީމު ނެރުނީ ބަދަލުތަކާ އެކު އެވެ.

ނޮޓިންހަމްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ކުރި ހޯދީ އިނގިރޭސިންނެވެ. މި ގޯލު ހަތް ވަނަ މިނެޓުގައި ޖެހީ ކޭން އެވެ. ސެނެގޯލުން އެއްވަރުކުރީ 40 ވަނަ މިނެޓުގައި އިސްމައިލާ ސަރް ޖެހި ގޯލުންނެވެ. އެ ޓީމުން ލީޑު ނެގީ 62 ވަނަ މިނެޓުގައި ހަބީބް ޑިއާރާ ޖެހި ގޯލުންނެވެ. އަދި ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭ ޗެއިކް ސަބަލީ އެވެ.

އިންގްލެންޑް ވަނީ މި މެޗުގެ ކުރިން އެފްރިކާ ޓީމުތަކާ 21 ފަހަރު ކުޅެފަ އެވެ. އޭގެ ތެރެއިން 15 މެޗުން މޮޅުވެ، ހަ މެޗު އެއްވަރުވީ އެވެ.