Roadha Mihaaru

ޖެނުއަރީގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކޮށްފި

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ޖެނުއަރީގެ ކުރިން ސްކޫލްތައް އޭސީކުރަން ފެނަކައަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޖޫން 2025

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި މި ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީން މައްޗަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއް ނަމަވެސް ދަރިވަރުންނަށް ވަރަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ވީހާވެސް ރަނގަޅު މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ފެށީ ދެ އަހަރު ތެރޭ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމަން. މިހާރު އެސްޓިމޭޓެޑް ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ |  މިހާރު

ނަޖާހު ވިދާޅުވީ އޭސީ ޕްރޮޖެކްޓާ އެކު ރަށްރަށުގެ ކަރަންޓު ވެސް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

"ރައީސްގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން އެބަ ގެންދަން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތެއް. މިހާރު އިން ޓައިމްލައިގައި [ސެޕްޓެމްބަރުގައި ފަށައި ޖެނުއަރީއަށް] ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ނަޖާހު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.