Roadha Mihaaru

އިންޓަގެ ކޯޗަކަށް ކުރީގެ ޑިފެންޑަރު ކީވޫ

ސިމޯނީ އިންޒާގީ މަގާމުން ވަކިވުމުން، ހުސްވެފައިވާ އިންޓަ މިލާނުގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ރޫމޭނިއާގެ ކްރިސްޓިއަން ކީވޫ ހަމަޖައްސައިފި އެވެ.

އިންޓަގެ ކޯޗަކަށް ކުރީގެ ޑިފެންޑަރު ކީވޫ

ސިމޯނީ އިންޒާގީ މަގާމުން ވަކިވުމުން، ހުސްވެފައިވާ އިންޓަ މިލާނުގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ރޫމޭނިއާގެ ކްރިސްޓިއަން ކީވޫ ހަމަޖައްސައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ އަތުން 4-0 އިން ބަލިވިތާ ތިން ދުވަސް ފަހުން، އިންޒާގީ ވަކިވީ ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން އަހަރަކު 26 މިލިއަން ޑޮލަރުގެ މުސާރައެއްދޭ، ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނުމުންނެވެ.

އިޓަލީގެ އެންމެ ވަރުގަދަ ސްކޮޑް އިންޓަގައި އޮތް ނަމަވެސް، އިންޒާގީއާ އެކު ވެސް އެ ޓީމަށް ހަތަރު އަހަރުން ލީގު ހޯދުނީ އެންމެ ފަހަރަކު އެވެ. ޗެމްޕިއަންސް ލީގު ފައިނަލުން ވެސް ދެ ފަހަރު ބަލިވީ އެވެ. މި މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުރިން ކޯޗެއް ހޯދަން އިންޓަ އިން ވަގުތުން ފެށި މަސައްކަތުގައި އެންމެ ބޮޑަށް ގެންނަން ބޭނުންވީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ ސެސް ފެބްރިގާސް އެވެ. އިންޓަ އިން ފެބްރިގާސްއާ އެކު އެއްބަސްވުމަކަށް އައި ނަމަވެސް، އޭނާ މިހާރު ކޯޗުކޮށްދޭ އިޓަލީގެ ކޯމޯ އިން ރިލީޒް ނުދިނީ އެވެ.

އަދި އިންޓަގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި، ކުރީގެ ކުޅުންތެރިޔާ ޕެޓްރިކް ވިއެރާ ގެނެވޭތޯ ވެސް ބެލި ކަމަށްވެ އެވެ. އެކަމަކު މޮރީނިއޯ މިހާރު ކޯޗުކޮށްދޭ ތުރުކީގެ ފެނަބާޗޭގެ ކޮންޓްރެކްޓް އުވާލަން ބޮޑު އަގެއް ދޭން ޖެހޭތީ އޭނާ އަށް އާދެވޭ ގޮތް ނުވީ އެވެ. އަނެއްކޮޅުން ވިއޭރާ ހުރީ ޖެނޯއާގައި މަޑުކުރަން މާ ކުރިން އެއްބަސްވެފަ އެވެ.

އިންޓަގެ ބައެއް ސަޕޯޓަރުން ވަނީ ކީވޫ ގެނައުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ސީޒަނުގައި އިޓަލީގެ ޕާމާ އަށް ކޯޗުކޮށްދިން ކީވޫގެ ކިބައިގައި ސީނިއާ ކޯޗިންގެ މާބޮޑު ތަޖުރިބާއެއް ނެތެވެ. އެކަމަކު އޭނާ ވަނީ އިންޓަގެ އުމުރުފުރާތަކުގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އޭނާ އަކީ، އިންޓަ އިން 2010 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު މުހިއްމު ޑިފެންޑަރެކެވެ.

އިޓަލީގެ އޭއެސް ރޯމާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް، އެޓަލާންޓާއާ އެކު މިދިޔަ ނުވަ އަހަރު ރަނގަޅު މަސައްކަތްތަކެއްކުރި އިޓަލީގެ ޖިއަން ޕިއޭރޯ ގަސްޕެރީނީ ހަމަޖައްސައިފަ އެވެ. އެޓަލާންޓާ އިން ބަދަލުގައި ގެނައީ ކްރޮއޭޝިއާގެ އިވާން ޔުރިޗް އެވެ. އޭނާ އަށް މިދިޔަ ސީޒަނުގައި ރޯމާ އާއި، އިންގްލެންޑުގެ ސައުތުހެމްޓަންގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ. އެކަމަކު އެޓަލާންޓާ އިން ޔުރިޗް ގެންނަން ބޭނުންވީ ގަސްޕެރީނީގެ ކޯޗުކަމުގައި ކުޅެ، އަދި އޭނާގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފައިވާތީވެ އެވެ.