ވާދަވެރިވާނެ ކަމަށް ބެލެވުނު ފައިނަލް މެޗުން ފަސޭހަކަމާ އެކު އިޓަލީގެ އިންޓަ މިލާން 5-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން، ޔުއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް މިރޭ ކާމިޔާބުކޮށްފި އެވެ.
ވާދަވެރިވާނެ ކަމަށް ބެލެވުނު ފައިނަލް މެޗުން ފަސޭހަކަމާ އެކު އިޓަލީގެ އިންޓަ މިލާން 5-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން، ޔުއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް މިރޭ ކާމިޔާބުކޮށްފި އެވެ.
ޖަރުމަނުގެ މިއުނިކުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު ޕީއެސްޖީ މިވަނީ ތިން ތަށީގެ ކާމިޔާބީ ނުވަތަ ޓްރެބަލް ހާސިލްކޮށްފަ އެވެ. ފްރާންސް ލީގާއި، ފްރެންޗް ކަޕް ހިމަނައިގެން، ޕީއެސްޖީ އަށް މި ކާމިޔާބީ ހޯދައިދިނުމުގެ ފަހަތުގައި ހުރީ، 2015 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާއާ އެކު ހަމަ މި ކާމިޔާބީ ހޯދި އެ ގައުމަށް އުފަން ލުއިސް އެންރިކޭ އެވެ.
އަނެއްކޮޅުން އިންޓަ އަށް ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. ފަހު ވަގުތު އިޓާލިއަން ލީގު ގެއްލުނުއިރު، އިޓާލިއަން ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. ވަރުގަދަ ސްކޮޑެއް އޮވެމެ، ބޮޑު ނާކާމިޔާބަކާ އިންޓަ ކުރިމަތިލާން ޖެހުނުއިރު، މިއީ މުބާރާތުގެ ފައިނަލުން ތިން އަހަރު ތެރޭ އެ ޓީމު ބަލިވި ދެ ވަނަ ފަހަރު ވެސް މެ އެވެ.
މިރޭގެ ފައިނަލުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެ، ޕީއެސްޖީން ވަނީ މެޗު އެއްކޮށް ޑޮމިނޭޓްކޮށްފަ އެވެ. ފުރަތަމަ ކަށިގަނޑުން ފެށިގެން އެ ޓީމުން ވަނީ އިންޓަ ވަރަށް ބޮޑަށް ޕްރެސްކޮށް، އެ ޓީމަށް ހަމަނޭވާލިޔަ ނުދީފަ އެވެ. ނަތީޖާއަކަށްވީ އިންޓަ އަށް މެދުތެރޭގެ ކޮންޓްރޯލް ގެއްލި، ކުރީގައި ބޯޅަ ހިފެހެއްޓޭ ގޮތް ނުވުމެވެ. އޭގެ ހުރިހާ ލޯޑެއް ކުރިމަތިވީ ޑިފެންސަށެވެ. ޕީއެސްޖީން ކުދިކުދި ޕާސްތަކެއް ބޭނުންކޮށްގެން އުފައްދަމުން ދިޔަ އެޓޭކުތައް ދިފާއުކުރެވޭނެ އެއްވެސް ގޮތެއް އިންޓަ އަށް ނުހޯދުނެވެ.
ޕީއެސްޖީގެ ފުރަތަމަ ގޯލު 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ވައްދާލީ، ވަރަށް ރީތި ދެ ޕާހަކުން އުފެއްދި ހަމަލާއެއްގައި ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. އޭގެ އަށް މިނެޓު ފަހުން ޕީއެސްޖީގެ ދެ ވަނަ ގޯލު ޑިސަޔާ ޑޫއޭ ޖެހީ ކައުންޓާ އެޓޭކެއްގަ އެވެ. ކޯނަރަކަށް ބޯޅަ ބޭރުވާނެ ކަމަށް އިންޓަގެ ކުޅުންތެރިން ތިއްބާ، ޕީއެސްޖީން އެ ބޯޅަ ސަލާމަތްކޮށް އުފެއްދި ހަމަލާގައި އުމުރުން 19 އަހަރުގެ ޑޫއޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިންޓަގެ ފެޑެރިކޯ ޑިމާކޯގެ ފައިގައި ޖެހި ކުޑަކޮށް މިސްރާބު ބަދަލުވެގެންނެވެ.
ދެ ވަނަ ހާފުގައި އިންޓަ އިން ބަދަލުތަކެއް ގެނެސް ކުޅުން ބަދަލުކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، 63 ވަނަ މިނެޓުގައި ޑޫއޭ ތިން ވަނަ ގޯލު ޖަހައި އިންޓަގެ ހުރިހާ އުއްމީދެއް ފުނޑުކޮށްލި އެވެ. އަދި 73 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކިވިޗާ ކްވަރަސްހޭލިއާ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައި އެ ޓީމަށް ތަށި ޔަގީންކޮށްދިނެވެ. ޕީއެސްޖީގެ ފަސް ވަނަ ގޯލު 86 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ސެނީ މަޔުލޫ އެވެ. މި ނަތީޖާއާ އެކު ޕީއެސްޖީވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ޓީމަށެވެ. މި ރެކޯޑް ކުރިން އޮތީ 1994 ގެ ފައިނަލުން 4-0 އިން ސްޕެއިނުގެ ބާސެލޯނާ ބަލިކުރި އިޓަލީގެ އޭސީ މިލާން އަތުގަ އެވެ.
ގަތަރު ދައުލަތް ހިއްސާވާ ކުންފުންޏަކުން ހިންގާ ޕީއެސްޖީ އަކީ ފަހަކަށް އައިސް އެންމެ ބޮޑު ހަރަދުތަކެއްކުރި ކްލަބެވެ. އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމެވެ. އެކަމަށްޓަކައި ބޮޑު އަގުގައި ކީލިއަން އެމްބާޕޭ، ނޭމާ، އަދި ފަހުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިން ގެނައި ނަމަވެސް ހާސިލެއް ނުވި އެވެ. މި ފަހަރު އެ ޓީމުގެ ފަލްސަފާއަކަށްވީ ޒުވާން ކުޅުންތެރިންގެ ޓީމެއް ބިނާކޮށްގެން ކާމިޔާބު ހޯދުމެވެ.
ޕީއެސްޖީގެ މި ކާމިޔާބީއާ އެކު މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބޭނެ ކަމަށް ބެލެވެނީ އެ ޓީމުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށެވެ. މިރޭ ގޯލެއް ނުޖެހުނު ނަމަވެސް، ޕީއެސްޖީ މިހިސާބަށް އައުމުގައި އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިޔަކީ ޑެމްބެލޭ އެވެ.
ޕީއެސްޖީ އާއި އިންޓަގެ ބޮޑު ފައިނަލް މިރޭ
ޕީއެސްޖީގެ ޕެރޭޑްގައި ދެ މީހަކު މަރުވެ ހިމޭންކަން
އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
ބާސާ ހިތްދަތިކޮށްލުމަށް ފަހު އިންޓަ ފައިނަލަށް
އިންޓަ ކޯޗުގެ ނިދި ގެއްލުވާލާ ކުޅުންތެރިޔަކީ ޔަމާލް
ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކުރަން ޖެހޭ: އާޓެޓާ
އިންޓަ ވަރުގަދަކޮށް ފެށިޔަސް ބާސާ ބައްޔެއް ނުކުރެވުނު
ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅީ މެސީ: ޔަމާލް