Roadha Mihaaru

ފްލިކްގެ ހިތްހަމަނުޖެހުން ރެފްރީ އަށް؛ "ބާސާ ބަލިވުން ބޭއިންސާފު"

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗަށް އިންސާފުކުރަން ނުކުތް ރެފްރީއާ މެދު ބާސާގެ ކޯޗު ހަންސީ ފްލިކް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

07 މެއި 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗަށް އިންސާފުކުރަން ނުކުތް ރެފްރީއާ މެދު ބާސާގެ ކޯޗު ހަންސީ ފްލިކް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފްލިކް ބުނީ ޕޮލެންޑްގެ ރެފްރީ ޝިމޯން މާޗިނިއާކު، ފިފްޓީ ފިފްޓީ ފުރުސަތުތަކުގައި ވެސް ބުރަ ވެފައި ވަނީ އިންޓަގެ ކޮޅަށް ކަމަށެވެ.

ރެފްރީގެ ނިންމުމާ މެދު އޭނާ ހިތްހަމަނުޖެހުނު ކަންތަތަކަކީ ކޮބައިކަމެއް ފްލިކް ނުބުނެ އެވެ. އެކަމަކު މެޗުގައި ދެ ހާލަތެއްގައި ބާސާގެ ބެންޗުން ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުނުތަން ފެނިގެން ދިޔަ އެވެ.

ފުރަތަމަ ހާލަތަކީ ބާސާގެ ޑިފެންޑަރު ޕައު ކުބާސީއާ ދެކޮޅަށް ނިންމި ނިންމުގައި އިންޓަ އަށް ޕެނަލްޓީ ދިނުމެވެ. އަނެއް ހާލަތަކީ ލަމީން ޔަމާލަށް ފައުލު ކުރުމުން އޭރިއާގެ ބޭރުން ހިލޭ ޖެހުން ދިނުމެވެ. ފައުލު ކުރީ އޭރިއާގެ އެތެރެއިންނެވެ. އަދި އިންޓަގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ފްރެޗެސްކޯ އެޗޭބީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ވެސް ބާސާގެ ބެންޗުން އެޕީލް ކުރި އެވެ.

ފްލިކް ބުނީ އޭނާގެ ޓީމުން ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އެކަމަކު އަހަރެން މިހުރީ މާޔޫސްވެފަ. ކުޅުންތެރިންގެ މަސައްކަތާ މެދަކު ނޫން،" މެޗަށް ފަހު އޮތް ޕްރެސްގައި ފްލިކް ބުންޏެވެ.

ފްލިކް ބުނީ ރެފްރީގެ ބައެއް ނިންމުންތަކާ މެދު އޭނާ އަށް ފެންނަ ގޮތް މާޗިނިއާ ގާތު ބުނެފައިވާނެ ކަމަށެވެ.

"ރެފްރީއާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނޫން، އެކަމަކު 50-50 ގެ ކޮންމެ ނިންމުމެއް ދިޔައީ (އިންޓަގެ) ކޮޅަށް،" ފްލިކް ބުންޏެވެ. "އަހަރެންގެ ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކުރި. ރެފްރީންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން. އަހަންނަށް ފެންނަ ގޮތް އަހަރެން އޭނާ ގާތު ބުނިން. އެކަމަކު މިތާންގައި އެ ވާހަކަ ބުނާކަށް ނެތިން."

ޖަރުމަނުގެ ކޯޗު ބާސާ އަށް ނަތީޖާ ބޭއިންސާފު ވިޔަސް، ފައިނަލަށް ދިއުން އިންޓަ އަށް ހައްގު ކަމަށެވެ.

"އެ ޓީމުގައި ވަރަށް ރަނގަޅު ފޯވާޑްލައިނެއް އެބައޮތް. އަދި އާދަޔާހިލާފު ސަޕޯޓަރުންތަކެއް ވެސް އެބަތިބި،" އިންޓަ އަށް ތައުރީފު ކުރަމުން ފްލިކް ބުންޏެވެ.