Roadha Mihaaru

އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް

ޕެރިސް (މެއި 8) - އަމިއްލަ ދަނޑުގައި 2-1 އިން އާސެނަލް ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި ޕީއެސްޖީ، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް

ޕެރިސް (މެއި 8) - އަމިއްލަ ދަނޑުގައި 2-1 އިން އާސެނަލް ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި ޕީއެސްޖީ، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޕީއެސްޖީ ވަނީ 2020 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފަ އެވެ. ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދައި ކުޅުނު އެ ފައިނަލްގައި، ތޯމަސް ޓުކެލް އާއެކު ނުކުތް ޕީއެސްޖީ ވަނީ ހަންސީ ފްލިކްގެ ބެޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

މި އަހަރުގެ ފައިނަލްގައި ލުއިސް އެންރީކޭގެ ޕީއެސްޖީ ނުކުންނާނީ ކުއާޓާގައި ބެޔާން މިއުނިކް ކަޓުވާލި އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ ވަނީ ސެމީ ފައިނަލްގައި ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ބަލިކޮށްފަ އެވެ.

ލަންޑަނުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ 1-0 އިންނެވެ. މިރޭ ޕެރިހުގައި މިކެލް އާޓެޓާގެ އާސެނަލް ވަރުގަދަކޮށް ފެށި ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި ޕީއެސްޖީ ވަނީ ފަބިއަން ރުއިޒްގެ ގޯލަކުން އިތުބާރު ހޯދައިފަ އެވެ.

ދެ ވަނަ ހާފުގައި މައިލްސް ލެވިސް ސްކެލީ އަތުގައި ބޯޅަ ޖެހިގެން ވީއޭއާރުގެ އެހީގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ، ވިޓީނިއާ ފޮނުވާލުމުން އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި ނަމަވެސް މާ ގިނަ އިރެއް ނުވެ ޕީއެސްޖީ އަށް ލީޑު ފުޅާ ކޮށްދިނީ އަޝްރަފް ހަކީމީ އެވެ.

ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޯންނަރުއްމާ ވަނީ މި މެޗުގައި އާސެނަލްގެ ބުކަޔޯ ސަކާ އާއި މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.

މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ސަކާ ގޯލެއް ޖަހައިދިން ނަމަވެސް، ކުއާޓާގައި ދެ މެޗުން ރެއާލް މެޑްރިޑް ބަލިކުރި އާސެނަލް އަށް ސެމީ ފައިނަލްގައި ކުރި ހޯދޭ ގޮތެއް ނުވި އެވެ.

ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމުގެ އުންމީދުގައި ނުކުތް އާސެނަލް، ފަހު ވަގުތު ކުރި މަސައްކަތުން ހޯދި ފުރުސަތުތަކުގައި ސަކާ އަށް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލު މަތިން ދިޔައިރު، މިކެލް މޮރީނޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.