Roadha Mihaaru

އިންޒާގީ ސައޫދީ ލީގަށް، އިންޓަގެ ވިސްނުން ފެބްރެގާސް އަށް

އިޓަލީގެ އިންޓަ މިލާނުގެ ކޯޗުކަމުން ވަކިވެ ސިމޯނީ އިންޒާގީ، ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

އިންޒާގީ ސައޫދީ ލީގަށް، އިންޓަގެ ލޯ ފެބްރެގާސް އަށް

އިޓަލީގެ އިންޓަ މިލާނުގެ ކޯޗުކަމުން ވަކިވެ ސިމޯނީ އިންޒާގީ، ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން 5-0 އިން ބަލިވި އިންޓަގެ ކޯޗު ވަނީ އިއްޔެ ކްލަބުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި، އޭނާގެ ނިންމުން ހާމަކޮށްފަ އެވެ. ކްލަބުން ވެސް ވަނީ އޭނާގެ ނިންމުމަށް އިހުތިރާމުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން ވަކިވާން އިންޒާގީ ނިންމުމާ ފައިނަލުން ބަލިވުމާ ސީދާ ގުޅުމެއް ނެތް ކަމަށެވެ. އޭނާ ވަނީ ފައިނަލުގެ ކުރިން ވެސް ހިލާލްއާ މަޝްވަރާތައް ބާއްވައިފަ އެވެ.

ރިޕޯޓްތައް ގޮތުގައި ސައޫދީގެ މުއްސަނދި ކްލަބުން އޭނާ އަށް އަހަރަކު 25 މިލިއަން ޔޫރޯގެ މުސާރައެއް ދޭނެ އެވެ. އެހެންވެއްޖެ ނަމަ އިންޒާގީ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކޯޗަށެވެ.

އިންޒާގީގެ ބަދަލުގައި އިންޓަ އިން ގެންނަން ބޭނުންވާ ކޯޗުންނަކީ އިޓަލީގެ ކޯމޯގެ ކޯޗު ސެސް ފެބްރިގާސް އާއި ފްރާންސްގެ އޮލިމްޕިކް މާސޭގެ ކޯޗު ރޮބާޓޯ ޑި ޒާބީ އެވެ. އިޓަލީ މީޑިއާތަކުން ބުނާ ގޮތުގައި އާސެނަލް އާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ފެބްރިގާސްއާ އެކު އިންޓަ އިން ވަނީ މަޝްވަރާ ފަށައިފަ އެވެ.

ކޯމޯއާ އެކު މިދިޔަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުމުން ފެބްރެގާސް ގެންދަން ވަރަށް ގިނަ ކްލަބްތަކުން ބޭނުންވި އެވެ. އެކަމަކު ކޯމޯ އިން އޮތީ އޭނާ މަޑުކުރުވަން އެއްބަސްވެފަ އެވެ. އެހެންވިޔަސް އިންޓަ ފަދަ ޓީމަކުން އޮފާކޮށްފި ނަމަ އޭނާގެ ހިޔާލު ބަދަލުވުން ގާތެވެ.

މީގެ ހަތަރު އަހަރު ކުރިން އިންޓައާ ހަވާލުވި އިންޒާގީ ވަނީ އެ ޓީމުގައި ވަރުގަދަ ސްކޮޑެއް ބިނާކޮށްފަ އެވެ. އެކަމަކު ތަށްޓަށް ބަލާއިރު ކާމިޔާބީ މަދެވެ. ހަތަރު ސީޒަނުގެ ތެރޭ ލިބުނީ އިޓާލިއަން ލީގު ކާމިޔާބުކުރެވުނީ އެންމެ ފަހަރަކު އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުން ދެ ފަހަރު ބަލިވީ އެވެ. އެކަމަކު އިޓާލިއަން ކަޕް ދެ ފަހަރު ހޯދި އެވެ.

އިންޓަ މި ސީޒަނުގައި އޮތީ ހަތަރު ތަށި ހޯދުމާ ގާތުގަ އެވެ. އެކަމަކު ފަހު ވަގުތު ނަޕޯލީއާ ވާދަކޮށް ލީގު ގެއްލުނީ އެވެ. އިޓާލިއަން ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. ސުޕަ ކަޕުގެ ފައިނަލަށް ދިޔަ ނަމަވެސް ވާދަވެރި އޭސީ މިލާން އަތުން ބަލިވީ އެވެ.'

ހިލާލް އިން އަންނަނީ އިންޒާގީ އަށް ވަރުގަދަ ސްކޮޑެއް ބިނާކޮށްދޭން ވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ސައޫދީގެ އަލް ނަސްރުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިލާނުގެ ފްރާންސް ފުލްބެކް ތެއޯ ހެނާންޑޭޒްގެ ސޮއި ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު ވެސް އެ ޓީމުގައި މަޝްހޫރު ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ސެނެގޯލް ޑިފެންޑަރު ކަލިދޫ ކޫލިބަލީ އާއި، ޕޯޗުގަލްގެ ރުބެން ނެވެސް އާއި، ޔޮއާއޯ ކެންސެލޯ، އަދި ސާބިއާގެ އަލެކްސެންދްރާ މިޓްރޮވިޗް ހިމެނެ އެވެ.