Roadha Mihaaru

ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު

ޕަސަޑޭނާ (ޖޫން 18) - ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް މިހާރު ކުޅެމުން އަންނަ މެކްސިކޯގެ މޮންޓެރޭ އާއި އިޓަލީގެ އިންޓަ މިލާނުން ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު

ޕަސަޑޭނާ (ޖޫން 18) - ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް މިހާރު ކުޅެމުން އަންނަ މެކްސިކޯގެ މޮންޓެރޭ އާއި އިޓަލީގެ އިންޓަ މިލާނުން ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ވެސް މޮންޓެރޭ އެވެ. މި ލަނޑު ޖެހީ ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އުމުރުން 39 އަހަރުގެ ކެޕްޓަން ރާމޯސް އެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި އިންޓަ އެއްވަރު ކުރި ލަނޑު ހާފު ނިމެން ގާތްވެފައި ވަނިކޮށް ޖަހައިދިނީ ލަޓައުރޯ މާޓިނޭޒް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ރާމޯސް، ޔޫރަޕް ދޫކޮށް މެކްސިކޯ ލީގަށް ބަދަލުވީ މީގެ ހަތަރު މަސް ކުރިންނެވެ. ރާމޯސް ވަނީ މޮންޓެރޭ އަށް މިހާތަނަށް 10 މެޗު ކުޅެދީ ފަސް ގޯލު ޖަހައިފަ އެވެ.

"ފުރިހަމަ ތިން ޕޮއިންޓް ނުލިބެންޏާ އެންމެ ހިތްހަމައެއް ނުޖެހޭނެ. އެކަމަކު އެއް ޕޮއިންޓް ވެސް މިވަގުތަށް ގޯހެއް ނޫން،" މެޗަށް ފަހު ރާމޯސް ބުންޏެވެ.

މިއީ އިންޓަގެ ކޯޗު ސިމިއޯނީ އިންޒާގީ މަގާމުން ވަކިވުމުން ހަވާލުވި ކޯޗު، ކުރީގެ ޑިފެންޑަރު ރޫމޭނިއާގެ ކްރިސްޓިއަން ކީވޫ އެ ކްލަބަށް އިރުޝާދު ދިން ފުރަތަމަ މެޗެވެ.

"އަހަރެމެން ހުރިހާ ޓީމަކަށް ވެސް އިހުތިރާމް ކުރަން. އެ ޓީމާ އެކު ކުޅެލީމައި އެނގިއްޖެ އެއީ ކިހާވަރެއްގެ ޓީމެއްކަން ވެސް. އަހަރެމެން އެންމެ ރަނގަޅަށް މަސައްކަތް ކުރިން މެޗު ނަގަން،" ކީވޫ ބުންޏެވެ.

މި ދެ ޓީމު ހިމެނޭ ގުރޫޕް އީގެ އެއްވަނައިގައި މިވަގުތު އޮތީ ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑްސް ރޭ 3-1 އިން ބަލިކުރި އާޖެންޓީނާގެ ރިވަ ޕްލޭޓް އެވެ.

ގުރޫޕް އެފްގައި ހިމެނޭ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ބްރެޒިލްގެ ފްލަމެންގޯއާ ވާދަކޮށް 0-0 އިން އެއްވަރު ވެފަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ދެކުނު ކޮރެއާގެ އުލްސަން އެޗްޑީ ވަނީ ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުންސް އަތުން 1-0 އިން ބަލިވެފަ އެވެ.

ކްލަބް ވޯލްޑް ކަޕްގައި މެންޗެސްޓާ ސިޓީ އާއި މޮރޮކޯގެ ވިދާދު އޭސީ މިރޭ 9 ޖަހާއިރު ބައްދަލުކުރާނެ އެވެ. އެއަށް ފަހު 12 ޖަހާއިރު ކުޅޭނީ ރެއާލް މެޑްރިޑާއި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެވެ. މެންދަމު 3 ޖަހާއިރު މެކްސިކޯގެ ޕަޗޫކާ އާއި އޮސްޓްރިއާގެ އާރުބީ ސަލްޒްބާގް ބައްދަލު ކުރާއިރު، މާދަމާ ހެނދުނު 6 ޖަހާއިރު ޔުވެންޓަސް ނުކުންނާނީ ޔޫއޭއީގެ އަލް އައިންއާ ދެކޮޅަށެވެ.