ސީޓްލް (ޖޫން 22) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑާ ވާދަކޮށް ފަހަތުން އަރައި 2-1 އިން އިޓަލީގެ އިންޓަ މިލާން ފަހު ވަގުތު މޮޅުވެއްޖެ އެވެ.
ސީޓްލް (ޖޫން 22) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑާ ވާދަކޮށް ފަހަތުން އަރައި 2-1 އިން އިޓަލީގެ އިންޓަ މިލާން ފަހު ވަގުތު މޮޅުވެއްޖެ އެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ރިޔޯ މާ ވަޓަނަބޭ އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް އެއްވަރުކުރި ލަނޑު ޖެހީ 78 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް އެވެ. އަދި 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި އިންޓަ މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ވަލެންޓިން ކާބޮނީ އެވެ.
މިއީ މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އިންޓަ، ކްލަބް ވޯލްޑް ކަޕްގައި މޮޅުވި ފުރަތަމަ މެޗެވެ. އާ ކޯޗު ކްރިސްޓިއަން ކީވޫ އާ އެކު ފުރަތަމަ މެޗުގައި މެކްސިކޯގެ މޮންޓެރޭއާ ވާދަކޮށް އެއްވަރުވި އިރު، ދެ ވަނަ މެޗު ކާމިޔާބު ކޮށްގެން މި ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.
ނަމަވެސް 2022 ވަނަ އަހަރުގެ އޭޝިއާގެ ޗެމްޕިއަން އުރަވާ ރެޑް ޑައިމަންޑްސް މިވަނީ ދެ މެޗުން ވެސް ބަލިވެ، ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓައިފަ އެވެ.
ގުރޫޕް އީގައި އިންޓަ މިލާނާއި އުރަވާ ރެޑް ޑައިމަންޑްސް އަދި މޮންޓެރޭގެ އިތުރުން ދެން ހިމެނެނީ އާޖެންޓީނާގެ ރިވަ ޕްލޭޓް އެވެ. ރިވަ ޕްލޭޓާއި މޮންޓެރޭ މިއަދު ހެނދުނު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިއާ އެކު އިންޓަ މިލާނާއި ރިވަ ޕްލޭޓަށް ވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރު ކޮށްލައިގެން މޮންޓެރޭއަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.
ގުރޫޕް އެފްގެ ދެ މެޗު ވެސް ރޭ ކުޅެފައިވެ އެވެ. އެގޮތުން ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުން އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 4-3 އިން ކާމިޔާބު ކުރީ ޑޯޓްމަންޑެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ސަންޑައުންގެ ރިބެއިރޯ ކޮސްޓާ އެ ޓީމަށް ލީޑު ނަގައިދިން އިރު، އޭގެ ފަސް މިނިޓު ފަހުން ފެލިކްސް އެންމޭޗާ ވަނީ ޑޯޓްމަންޑަށް އެއްވަރު ކޮށްދީފަ އެވެ. އަދި 34 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސާހީ ގިރާސީ އެވެ. ލީޑު ފުޅާކުރި ލަނޑު 45 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯބެ ބެލިންހަމް އެވެ. މިއީ އޭނާ ޑޯޓްމަންޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.
ދެ ވަނަ ހާފުގައި ޑޯޓްމަންޑްގެ ހަތަރު ވަނަ ލަނޑު ވަނީ ސަންޑައުން ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ. ސަންޑައުން އިން ކުރި މަސައްކަތުން އޭގެ ފަހުން ދެ ގޯލު ޖެހި ނަމަވެސް ނަތީޖާއަށް ބަދަލެއް ގެނެވޭގޮތެއް ނުވި އެވެ.
ގުރޫޕް އެފްގައި ދެން ބައްދަލުކުރީ ބްރެޒިލްގެ ފްލުމިނެންސޭ އާއި ދެކުނު ކޮރެއާގެ އުލްސަން އެޗްޑީ އެވެ. މި މެޗު ފްލުމިނެންސޭ ކާމިޔާބު ކުރީ 4-2 އިންނެވެ. ފްލުމިނެންސޭ ލީޑު ނަގާފައި ވަނިކޮށް އުލްސަން ވަނީ ފަހަތުން އަރައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ފްލުމިނެންސޭ ވަނީ ފަސޭހަ ކަމާއެކު އުލްސަން ބަލިކޮށްފަ އެވެ.
މިއާ އެކު ފްލުމިނެންސޭ އާއި ޑޯޓްމަންޑަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސަންޑައުންސަށް ތިން ޕޮއިންޓް ލިބިފައި ވާއިރު އުލްސަން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
މުބާރާތުގައި މިރޭ، ގުރޫޕް ޖީ އަދި ގުރޫޕް އެޗްގެ ވެސް ދެ މެޗު އޮންނާނެ އެވެ.
ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު
ހަމަލާތަކުގެ ސަބަބުން ޓަރެމީ ތެހެރާނުގައި ތާށިވެފައި
ކްލަބް ވޯލްޑް ކަޕް ބާއްވަން ބްރެޒިލުން ޝައުގުވެރިވެއްޖެ
ބްރެޒިލްގެ ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި
މެސީގެ ގޯލާއެކު މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އޮލޮންސޯގެ ފުރަތަމަ މެޗު ސައުދީ ޓީމާ އެއްވަރުވެއްޖެ
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
އާ ފޯވާޑްގެ ފުރަތަމަ މެޗުން ޗެލްސީއަށް ކާމިޔާބު