Roadha Mihaaru

ތިމާވެށި ހިމާޔަތްކުރުމަށް ދިވެހިން ދޭ އިސްކަމަކީ ގައުމީ ޒިންމާއެއް: ރައީސް

ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ދޭ އިސްކަމަކީ، އަދާކުރާ ގައުމީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވެށި ހިމާޔަތްކުރުމަކީ ގައުމީ ޒިންމާއެއް: ރައީސް
އިފްރާޒް އަލީ
އިފްރާޒް އަލީ

05 ޖޫން 2025

ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ދޭ އިސްކަމަކީ، އަދާކުރާ ގައުމީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ މިފަދަ ދެވަނައެއް ނެތް ޗާލު މާހާއުލެއް އޮތުމުން ކަމަށެވެ.

ދިވެހިންނަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާއި ރަށްރަށުގެ ރީތި ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކާ އަދާކުރާ ގައުމީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ނުވަތަ ޕްލާސްޓިކު ކުނިން ދުނިޔެ ތަޣައްޔަރުވުން ހުއްޓުވުމެވެ. މި ޝިއާރުގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަލިއަޅުވާލައި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ނުރައްކަލާއި ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ ކުނީގެ ނުރައްކަލަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ބޮޑު މައްސަލައެކެވެ.