Roadha Mihaaru
ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުގެ މަސައްކަތް މަދު

ޕްލާސްޓިކާ ދެކޮޅަށް އެކަށީގެންވާ ސިޔާސަތުތަކެއް ސަރުކާރުގެ ނެތް: ޖަމިއްޔާތައް

06 ޖޫން 2018

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޕްލާސްޓިކުން ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް އެކަށީގެންވާ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރަމުން ނުދާ ކަމަށް ބުނެ، އަމިއްލަ ޖަމިއްޔާތަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޕްލާސްޓިކުން ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް އެކަށީގެންވާ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރަމުން ނުދާ ކަމަށް ބުނެ، އަމިއްލަ ޖަމިއްޔާތަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން 14 ޖަމިއްޔާއަކުން ނެރުނު ނޫސް ބަޔާނެއްގައި ޕްލާސްޓިކްގެ ނުރައްކާ ބޮޑުވަމުން ދާ ގޮތުގެ ބައެއް ތަފްސީލުތައް ދީފައިވެ އެވެ. އެގޮތުން ޖަމިއްޔާތަކުން ބުނީ އިތުބާރު ކުރެވޭ ސާފު ބޯ ފެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ފުޅީގައި ބަންދުކުރާ ފެން ބުއިމުގެ އާދައެއް ސަރުކާރާއި ފެން ކުންފުނިތަކުން ރާއްޖޭގައި ފުޅާކުރަމުން ދާ ކަމަށެވެ.

މިއީ "ޕްލާސްޓިކް އާލާވެ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޕްލާސްޓިކުން އޮތް ނުރައްކާ އެތައް ގުނައެއް ބޮޑުވެގެން ދާ ކަމެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ޖަމިއްޔާތަކުން ވަނީ ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފުށުއަރާ ބައެއް ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން މިދިއަ އަހަރުގެ ތިމާވެށީގެ ދުވަހު ތިމާވެއްޓާ ބެހޭ މިނިސްޓްރީން، ރާއްޖޭގެ ފެން ކުންފުނިތަކާ ބައްދަލުކޮށް، ޕްލާސްޓިކް މަދުކުރަން މަސައްކަތްކުރާނެ ކަމަށް ބުނެފައިވާ ކަމަށް، ބަޔާނުގައިވެ އެވެ. އެކަމަކު އެ އަހަރުގެ ނޮވެމްބަރު މަހު އިއުލާންކުރީ ކުޅުދުއްފުށީގައި ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީން ފެން ފެކްޓަރީއެއް ގާއިމްކުރާ ވާހަކަ ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

"އެމްޑަބްލިޔުއެސްސީން ބުނާ ގޮތުގައި މި ކާރުޚާނާގައި ގަޑިއަކު 10 ހާސް ޕްލާސްޓިކް ފެން ފުޅި ތައްޔާރުކުރާނެ އެވެ. މި ތަނަކީ 24 ގަޑިއިރު ހިންގާ ތަނެއް ކަމަށް ވާ ނަމަ، މި މައުލޫމާތުން ދޭހަވަނީ އަހަރަކު 87.6 މިލިއަން ޕްލާސްޓިކް ފުޅި ރާއްޖެ އަށް އިތުރުކުރަމުން ދާނެ ކަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި، ޕްލާސްޓިކް އުކާލާ ނިސްބަތަށް ބަލާއިރު 2050 އަންނަ އިރު، ކަނޑުގެ ދިރުންތަކަށް ވުރެ ގިނަވާނީ ޕްލާސްޓިކެވެ. މިފަދަ ނުރައްކަލެއް ތިމާވެއްޓަށް ކުރިމަތިވާ އިރު ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކުން އެކަމަށް މާ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ބަޔާން ނެރުނު ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

މިނޫސް ބަޔާން ނެރެން ބައިވެރިވީ ސޭވް މޯލްޑިވްސް، އީކޯކެއާ، ސްމޯލް އައިލަންޑް ރީސާޗް ގްރޫޕް، ޓްރާންޕޭރަންސީ މޯލްޑިވްސް، ވޮއިސް އޮފް ވުމަން، ބީލީފް، ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ، މާޅޮސް އެވައާނަސް އެންޑް ރިކްރިއޭޝަން ސޮސައިޓީ، މީދޫ އެކުވެރިންގެ ޗޭން، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން މޫވްމެންޓް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އައްޑޫ ވުމަންސް ޑިވެލޮޕްމެންޓަލް އިނިއަޝިޓިވް، އަދި މެރީން ޖާނަލް މޯލްޑިވްސެވެ.