Roadha Mihaaru
ކޮތަޅުގެ އަގާ ބެހޭ ބަހުސް މާދަމާ އަށް އެޖެންޑާ ކޮށްފި

މަޖިލީހުގައި މާދަމާ އޮތީ ކޮތަޅުގެ އަގާ ބެހޭ ބަހުސް!

23 އެޕްރީލް 2023

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމަށް މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމަށް މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ވިޔަފާރިތަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ. އެކަމަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު މި ސަރުކާރު ހޫނުފެނަށް ވެއްޓި ދިފާއު ވާން ޖެހިފައި އޮތީ އެ މައްސަލައިގަ އެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

ސަބަބަކީ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ނުހިމެނުމެވެ.

މިހާރު ފީ ނެގުން އިސްތިސްނާވާ ކަންކަން:

- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު

- ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

- ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ"

އެ މާއްދާ އަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބިލާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު، ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަންގާރަ ދުވަހު އަމަލު ކުރަން ފެށުމުން އޭގައި ހުރި މައްސަލަތައް އާންމުންނާ ހަމައަށް ތިލަވެ، ކުރިމަތިވި ފާޑުކިޔުންތަކާ އެކު، މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ ގާނޫނުގެ އިސްލާހުގެ ބިލް އެޖެންޑާ ކުރީ އެވެ.

ބައެއް މެންބަރުން ވަނީ މި ހަފުތާގެ ތެރޭގައި މަޖިލިސް ޗުއްޓީ އަށް ދާއިރު، މުޅި ގައުމުގެ ކަންބޮޑުވުން އޮތް އެ ބިލް ފާސް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

"ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސް ފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި،" އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އުޝާމް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވެ އެވެ.

އެ މައްސަލާގައި އެންވަޔަމެންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖް ކުރުމުގެ ބިލު މަޖިލީހުން ފުރަތަމަ ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ މުހިންމު ބިލަކަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ބިލް ފާސް ކުރުމުން ކަންްބޮޑުވުންތައް ހައްލުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.