Roadha Mihaaru
މަޖިލިސް ޗުއްޓީއަށް ނުދާން ނަޝީދު ތާއީދު ނުކުރެއްވި

ކޮތަޅުގެ ޓެކްސް އުވާލުމުގެ ބިލް ނިންމެންދެން މަޖިލިސް ޗުއްޓީއަށް ނުދާން ނަޝީދު ދެކޮޅު!

26 އެޕްރީލް 2023

ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ޓެކްސް އުވާލުމާ ބެހޭ ބިލް އިސްލާހުކޮށް ނިމެންދެން މަޖިލީސް ޗުއްޓިއަށް ނުގޮސް މަޑުކުރުމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުމުން އެކަމަށް ތާއީދު ނުކުރައްވާކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ޓެކްސް އުވާލުމާ ބެހޭ ބިލް އިސްލާހުކޮށް ނިމެންދެން މަޖިލީސް ޗުއްޓިއަށް ނުގޮސް މަޑުކުރުމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުމުން އެކަމަށް ތާއީދު ނުކުރައްވާކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ، އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް މަޖިލީހަށް ހުށަހަޅަން ދިން ފުރުސަތުތުގައި، ބިލް ހުށަހެޅުއްވުމުގެ ކުރިން ޝަރީފް ވިދާޅުވީ މިހާރު މަޖިލީހުގައި ބަހުސް ކުރަން ފަށައިފައިވާ ކުނި މެނޭޖު ކުރުމާބެހޭ ބިލްގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓި އަށް ނުގޮސް މަޑުކުރަން އޭނާ ހުށަހަޅުއްވާ ކަމަށެވެ. އަދި އެކަމަށް މަޖިލީހުގެ އެހެން މެންބަރަކު ތާއީދުކޮށް ދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.

އެކަމަކު އެ ހުށަހެޅުމަށް އެހްނެ މެންބަރަކު ތާއިދެއް ނުކުރައްވަ އެވެ. އެ އަށް ފަހު ޝަރީފް ބިލް ހުށަހަޅުއްވަން ފެއްޓެވުމުން، އޭނާގެ ވާހާކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ ޗުއްޓީ އަށް ނުގޮސް މަޑުކުރުމަށް ޝަރީފަށް ހުށަނޭޅުއްވޭނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރަށް ސާފުކޮށް އަރުވަން ޖެހޭ އިއްޒަތްތެރި މެންބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމާ އެކަން ސާފުކޮށްލަ ދިނީ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި އާންމުކޮށް ނަޝީދަށް ފާޑުވިދާޅުވާ ޝަރީފް، ނަޝީދުގެ އެ ވާހަކަ އަށް އިތުރު ރައްދެއް ނުދެއްވަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މާދަމާގެ ޖަލްސާ އަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ކަމަށެވެ. މަޖިލިހުގެ ދެ ވަނަ ދައުރު ފަށާނީ ދެ ހަފުތާގެ ޗުއްޓީއަކަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސް މަޖިލިހުގައި ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު، ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް އަދި ނުނިމެ އެވެ.

ރައްޔިތުންގެ މަޖިލިސް މި ފަހަރު 14 ދުވަހުގެ ޗުއްޓީ އަށް ދާން ވާނީ އެ އިސްލާހު ފާސްކުރުމަށް ފަހު ކަމަށް ސަރުކާރުގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.