ރައްޔިތުންގެ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުން މަޖިލިހުގައި މާ ދިގުކޮށް ބަހުސް ކުރައްވާތީ، އެއީ މަޖިލީހުގެ ނިޒާމާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ވަގުތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
24 މެއި 2023
ރައްޔިތުންގެ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުން މަޖިލިހުގައި މާ ދިގުކޮށް ބަހުސް ކުރައްވާތީ، އެއީ މަޖިލީހުގެ ނިޒާމާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ވަގުތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅާ އެކި މައްސަލަތަކުގައި ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު ދެނީ ފުރުސަތަށް އެދޭ މެމްބަރުންގެ ތަރުތީބުންނެވެ. ފަހަކަށް އައިސް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާ ކޮންމެ ކަމެއްގައި ބަހުސް ފުރުސަތަށް އެދޭ ލިސްޓުގެ އެންމެ ކުރީގައި ތިއްބަވަނީ އެމްޑީޕީން ވަކިވެ، ނަޝީދުގެ ފެކްޝަންގެ ބޭފުޅުން އުފައްދަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ މެމްބަރުންނެވެ.
އެއާ އެކު، ބަހުސްތަކުގައި އެ މެމްބަރުން ފުލުފުލުގައި ތެދުވެވަޑައިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒު ކުރައްވަމުންނެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ދެ ވަނަ ދަންފަޅީގައި ވެސް ފެނުނީ ހަމަ އެ މަންޒަރެވެ. ބަހުސްގައި މުޅިން ކަހަލަ ގޮތަކަށް ވާހަކަ ދެއްކެވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނެވެ.
ބަހުސްގެ ތެރެއިން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކާއި ސީރިއަސް ތުހުމަތުތައް އަމާޒުކުރަމުން ދިޔަ ނަމަވެސް، ރައްދު ދީ، ދިފާއުގައި ވާހަކަ ދައްކަވަން އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ.
އޭގެ ފަހުން، ތިން ވަނަ ދަންފަޅި ފެށުމާ އެކު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދެއްކެވީ އާންމުކޮށް މެމްބަރަކަށް ވަގުތު ލިބޭ ވަރަށް ވުރެ ދިގުކޮށެވެ.
ޝަރީފްގެ ވާހަކަ މެދުކަނޑާލައްވައި، އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ، އެ ޕާޓީގެ މެމްބަރަކު ވާހަކަ ދައްކަވާ ނިމެންދެން ބަހުސްކުރަން އެ ޕާޓީ އަށް ލިބޭ ވަގުތު ދިނުމަށް ކަމަށެވެ.
"އެހެންވީމާ އިއްޒަތްތެރި މެންބަރު ވާހަކަފުޅު ދައްކަވައި ނިމެންދެން އަޅުގަނޑު އެބަޖެހޭ އެ ވަގުތު އެ އިއްޒަތްތެރި މެންބަރަށް ދޭން. އެއީ ޕީޖީ ލީޑަރު އެހެން އަންގަވާފައި އޮތީމަ،" އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ނަޝީދުގެ ފެކްޝަންގެ މެމްބަރު އަފީފް އިއްޔެ ވިދާޅުވި އެވެ.
އޭގެ ފަހުން ވެސް ޝަރީފް ވަނީ އެހެން މެމްބަރަކަށް ފުރުސަތު ނުދެއްވައި ވާހަކަ ކުރިއަށް ގެންދަވާފަ އެވެ.
މަޖިލީހުގެ ބަހުސްތަކުގެ ކޮންޓްރޯލް ނަގަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭނުންކުރަން ފެށި އާ އުކުޅާ އެކު، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، އިއްޔެގެ ޖަލްސާގައި މެމްބަރު ޝަރީފަށް ލިބިވަޑައިގެންނެވި އެއް ފުރުސަތުގައި ބައިގަޑިއިރު ވާހަކަ ދެއްކެވި ކަމަށެވެ.
"އެއީ މި މަޖިލީހުގެ ނިޒާމެއް ކަމަކަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި ނަމަވެސް ބަލައިގަނެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ލިބެންޖެހެ އެވެ.
އެހެންކަމުން، ބަހުސްގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ "މިންގަނޑެއްގެ ތެރެއިން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން، ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދިނުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި، ދަނޑުވެރިންނަށް މި ސަރުކާރުން ކޮށްދީފައިވާ ކަންކަމުގެ ތަފާސްހިސާބުތައް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހިއްސާކޮށް ދެއްވަމުން، މާ ދިގުކޮށް ވާހަކަ ދައްކަވާތީ ނަޝީދު އެ ބަހުސް ހުއްޓުވި އެވެ.
އެއާ އެކު، އެ ގަރާރާ މެދު ބަހުސް ކުރަން އެމްޑީޕީ އަށް ކަނޑައެޅި ވަގުތު އޭނާ އަށް ދެއްވުމަށް އަލީ ނިޔާޒް ރިޔާސަތުގެ ކިބައިން އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މުޅި ޕާޓީގެ ވަގުތު އެންމެ މެމްބަރަކަށް ނުދެއްވާނެ ކަމަށެވެ.
"...އެމްޑީޕީ އަށް ވަގުތު އޮތް ނަމަވެސް، އިއްޒަތްތެރި މެމްބަރު މި ތަނުގައި 30 މިނިޓުއިރު ވަންދެން ވާހަކަ ދައްކާކަށް ފުރުސަތެއް ނޭރުވޭނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހަށް ހުށަހަޅާ ގިނަ ކަންކަމަކަށް ބަހުސް ކުރަން ލިބެނީ ޖުމްލަ ހަތަރު ގަޑިއިރެވެ.
ޖުމްލަ ވަގުތުގެ ހަތަރުބައިކުޅަ އެއްބައި ވަގުތު ބަހާފައި ވަނީ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ މެދުގައި ހަމަހަމަކޮށް ކަމަށް ގަވައިދުގައި ބުނެ އެވެ.
ޖުމްލަ ވަގުތުން އެ ވަގުތު އުނިކުރުމުން ބާކީވާ ވަގުތު ބަހާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ނިސްބަތުން ބައިކުރެވޭ ގޮތަށް ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
މަޖިލީހުގެ ރައީސްކަމާ ހަވާލުވާން އަސްލަމް ތައްޔާރު
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި
ބަރުލަމާނީ ގަރަރުގެ މަޝްވަރާ އަނެއްކާ ލަސްވެއްޖެ
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި