ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ސަރުކާރުގެ ފެކްޝަންގެ އެމްޑީޕީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
15 ނޮވެމްބަރ 2022
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ސަރުކާރުގެ ފެކްޝަންގެ އެމްޑީޕީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހު އިއްޔެގެ ޖަލްސާގައި ފާސްކުރަން މެމްބަރުން ނިންމައިގެން ތިއްބަވަނިކޮށް، އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ "ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވާ" ކަމަށް ވިދާޅުވެ ކުއްލިއަކަށް މަޖިލިސް ނިންމާލައިފަ އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީ އަދި އެމްއެންޕީގެ ބައެއް މެމްބަރުން ވެސް ވަނީ ރިޔާސަތުން ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ރިޔާސަތުން އަފީފުގެ ނިންމެވުން އައި ވަގުތު ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލިހުގެ ތަޅުމުގައި ތިއްބެވިކަން މެމްބަރުން ސޯޝަލް މީޑިއާ އަށް ޕޯސްޓު ކުރަމުން ގެންދެވި ފޮޓޯތަކުން އެނގެ އެވެ. ކޯރަމް ހަމަ އަށް އޮތް ކަމަށް އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ފެކްޝަންގައި ހުންނަވާ އަފީފު ދިފާއު ކުރައްވައި، މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ، ޖަލްސާ ނިންމަން އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ ހަމްދު ކިޔުމަށް ފަހު "މަޖިލިސް ނިމުނީ" އޭ ރިޔާސަތުން ވިދާޅުވެ ޖަލްސާ ނިންމައިލިކަން އިއުލާން ކުރެއްވުމެވެ.
މަޖިލީހުގެ ބަހުސް ނިމުމަށް ފަހު ވޯޓަށް އެހުމަށް ތިން ވަނަ ކިޔުން ކިޔާނެ ކަމަށާއި އިއްޔެ ތިން ވަނަ ކިޔުން ނުކިޔާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ ނިންމުން ގަވައިދާ ހިލާފު ކަމަށް މެމްބަރުންނަށް އޮޅިވަޑައިގެންފައި ވާތީވެ މި ދަންނަވާނީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވުމުން، އިއްޔެ އެ މައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރިޔާސަތުގެ އިށީނދެވަޑައިގަތް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ނިޒާމީ މައްސަލައެއް ނެންގެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ހުންނަވާ ޝަރީފު ވިދާޅުވީ، އަފީފު ތިން ގޯހެއް ހެއްދެވި ކަމަށާއި އެއް ކަމަކީ ކޯރަމް ހަމައަށް އޮއްވައި ކޯރަމް ނެތް ކަމަށް ވިދާޅުވުން ކަމަށެވެ.
ޝަރީފުގެ ވާހަކަ ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވީ، ޝަރީފު މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގަތް މަންޒަރު ފެނިވަޑައިގަތް ކަމަށާއި އެއީ ގަވައިދާ އުސޫލުތަކާއި އަދި ހުރިހާ ހަމަތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
"މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް. މަނިކުފާނު އެކަން ނުކުރައްވައި، މި ތަނުގެ ރިޔާސަތުގައި އިށީނނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް،" ނަޝީދު ވިދާޅުވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރުމަށް ސަރުކާރުން ފޮނުވާފައިވާ އިސްލާހު ހުރި ގޮތަށް ފާސްކުރުމަށެވެ.
އެ މައްސަލާގައި ނަޝީދުގެ ފެކްޝަންގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ކޮމިޓީ މަރުހަލާގައި އިތުރު އިސްލާހުތަކެއް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި މިއަދު ޓެކްސް ބިލަށް ވޯޓަށް އެހުން އޮންނާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ޖީއެސްޓީ 8 ޕަސަންޓަށް އަދި ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށެވެ.
ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް
އެމްޑީޕީއަށް ބަހުސް އަނބުރާ އާ އުކުޅު ހުއްޓުވައިފި
މަޖިލިސް ޗުއްޓީއަށް ނުދާން ނަޝީދު ތާއީދު ނުކުރެއްވި
އަޅުގަނޑުގެ ވެރިކަމުގައި ޓެކްސް ކުޑަކުރާނަން: ނަޝީދު
ޓެކްސް ބިލަށް މިއަދު ވެސް ވޯޓަށް ނޭހި!
މައްސަލަ ހޫނުވެ، ޝަރީފް ރިޔާސަތުގައި އިށީނދެއްޖެ!
ޓެކްސް ބޮޑުކުރުމުގައި ހިޔާލު ހޯދުމާ މެދު ދެބަސްވުމަކަށް
މަޝްވަރާއެއް ނެތި ވިޕް ނެރުމުން މަޖިލިސް ހޫނުވެއްޖެ!
އަޅުގަނޑު ޑީލެއް ނުހަދަން، ހެއްދެވީ ނަޝީދު: ޝަރީފު
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު