03 ސެޕްޓެމްބަރ 2018
އެ އެއްޗެހި މިލިއަނުން ރާއްޖެ ގެނެސް ބޭނުންކުރަމުން ގެންދަނީ "ތިމާވެއްޓާ ރައްޓެހި" ކޮތަޅުގެ ގޮތުގަ އެވެ. އަވަހަށް ނެތި ފަނާވެގެންދާ ޕްލާސްޓިކް ކަމަށް ބަލައިގެން، އެއަށް އިމްޕޯޓް ޑިއުޓީއެއް ނުނަގަ އެވެ. އެކަމަކު، ދިވެހިން މިހާރު އެންމެ ގިނައިން ބޭނުންވާ ބާޒާރު ކޮތަޅުގެ ހަގީގަތް މިހާރު އެނގޭތީ، އެ ބޭނުންކުރުން ހުއްޓާލަން ތިމާވެށީގެ މާހިރުން އަންނަނީ ގޮވާލަމުންނެވެ.
އެ އެއްޗެހި މިލިއަނުން ރާއްޖެ ގެނެސް ބޭނުންކުރަމުން ގެންދަނީ "ތިމާވެއްޓާ ރައްޓެހި" ކޮތަޅުގެ ގޮތުގަ އެވެ. އަވަހަށް ނެތި ފަނާވެގެންދާ ޕްލާސްޓިކް ކަމަށް ބަލައިގެން، އެއަށް އިމްޕޯޓް ޑިއުޓީއެއް ނުނަގަ އެވެ. އެކަމަކު، ދިވެހިން މިހާރު އެންމެ ގިނައިން ބޭނުންވާ ބާޒާރު ކޮތަޅުގެ ހަގީގަތް މިހާރު އެނގޭތީ، އެ ބޭނުންކުރުން ހުއްޓާލަން ތިމާވެށީގެ މާހިރުން އަންނަނީ ގޮވާލަމުންނެވެ.
ކަނޑުގެ ދިރުންތަކަށާއި އިންސާނުންގެ ސިއްހަތަށް ބޮޑު ނުރައްކަލެއް ކަމުގެ އިންޒާރު ލިބެމުންދާ އެއްޗެއް، ނެތި ފަނާވެގެންދާ ޕްލާސްޓިކްގެ ގޮތުގައި ހިލޭ ރާއްޖެ އެތެރެކުރަން ހުއްދަ ދިނުމަކީ ކޮށްގެންވާނެ ކަމެއް ހެއްޔެވެ؟
އަވަހަށް ނެތި ފަނާވެގެންދާ އެއްޗެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅަށް ރާއްޖެ އިން މަރުހަބާކީ އިރު ހާލަތު ތަފާތެވެ. މީގެ ހަ އަހަރު ކުރިން އެކަން ބެލެވުނީ ހައްލެއްގެ ގޮތުގަ އެވެ. ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުގެ އިމްޕޯޓް ޑިއުޓީ ކަނޑާލަން ޖޫން 2011ގައި ރައީސް މުހައްމަދު ނަޝީދު އެންގެވި އިރު ގަބޫލުކުރެވިފައި އޮތީ އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަކީ ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އަށް ލުޔެއް ގެނެސްދޭނެ، އަވަހަށް ފަނާވެގެންދާ އެއްޗެއް ކަމަށެވެ. ބަޔޯޑިގްރެޑެބްލް ޕްލާސްޓިކްގެ ގޮތުގައި އެފަދަ ކޮތަޅު ސުން ރޭޓުގައި އިމްޕޯޓްކޮށްދޭން ފެށި ސަބަބަކީ އެއީ އެވެ.
މިހާރު އެހެނެއް ނޫނެވެ. އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަކީ ހަގީގަތުގައި ނެތި ފަނާވުމެއް ނެތް އެއްޗެއް ކަމަށް ގަބޫލުކުރެވި، އެއީ ނޮން-ބަޔޯޑިގްރެޑެބްލް ނުވަތަ ފަނާވުމެއް ނެތް ޕްލާސްޓިކް ކޮތަޅަށް ވުރެ ވެސް ގެއްލުން ބޮޑު އެއްޗެއް ކަމުގެ އިންޒާރު ތިމާވެށީގެ މާހިރުން އަންނަނީ ދެމުންނެވެ. އެކަމަކު ރާއްޖޭގައި އެފަދަ ކޮތަޅަކީ ބަޔޯޑިގްރެޑެބްލް އެއްޗެއްގެ ގޮތުގައި ބަލައިގެން ދެމުން ގެންދާ ޓެކްސް މައާފް އަދިވެސް ދެމިއޮތީ އެވެ.
އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅާ މެދު އުފެދިފައިވާ މައިގަނޑު ކަންބޮޑުވުމަކީ އެ އެއްޗެހި ކުނޑިކުނޑިވާ އިރު ލޮލަށް ނުފެންނަ ވަރުގެ ކުދި ޕްލާސްޓިކްކޮޅުތަކަކަށް ވެގެންދިއުމެވެ. މައިކްރޮޕްލާސްޓިކްސް ފަނާވެގެން ނުދާ ކަމާއި އެ އެއްޗެހި މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކުގެ ކާނާ އަށް ވެ، އިންސާނުންގެ ކެއުމުގެ ތެރެއަށް ވެސް ވަދެގެންދާ ކަމުގެ އިންޒާރުތައް ކަމާ ބެހޭ މާހިރުން އަންނަނީ ދެމުންނެވެ. އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅަކީ ނޮން-ބަޔޯޑިގްރެޑެބްލް ކޮތަޅަށް ވުރެ ވެސް ނުރައްކާތެރި އެއްޗެއް ކަމަށް ބެލެވިފައިވާ ސަބަބަކީ މި އެވެ. މައިކްރޮޕްލާސްޓިކްސް ކަނޑުގެ މާހައުލުގެ ތެރެއަށް މާ ފަސޭހަ އިން ވަދެގެންދިޔުމެވެ.
އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކާ ދެކޮޅު ފިޔަވަޅުތައް އީޔޫގެ ގައުމުތަކުގައި ތައާރަފްކުރަން ބާރުއަޅައި ޔޫރަޕިއަން ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހު އީޔޫ ޕާލަމެންޓަށް ހުށަހެޅި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އާދައިގެ ޕްލާސްޓިކް ކޮތަޅަށް ވުރެ އަވަހަށް އޮކްސޯ ޑިގްރެޑެބްލް ކޮތަޅު ހަލާކުވެގެންދާ ކަމާ މެދު ޝައްކެއް ނެތަސް، އާއްމު މާހައުލުތަކާއި ކުނިގޮނޑުތަކުގައި އަދި ކަނޑުގައި، އެފަދަ ޕްލާސްޓިކް އެކަށީގެންވާ މުއްދަތެއްގެ ތެރޭ، މުޅިން ފަނާވެގެންދާ ކަމުގެ ހެއްކެއް ލިބިފައެއް ނުވެ އެވެ.
އެހެންކަމުން އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅަކީ ތިމާވެއްޓަށް އޮތް ހައްލެއް ނޫން ކަމަށާއި އެފަދަ ޕްލާސްޓިކަކީ ދިގު މުއްދަތަށް ބޭނުންކުރުމަށާއި ރީސައިކަލްކުރުމަށް ނުވަތަ ކޮމްޕޯސްޓްކުރުމަށް އެކަށީގެންވާ އެއްޗެއް ނޫން ކަމަށް، ގިނަ އަދަދެއްގެ ސައިންސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގައުމުތަކުގެ ރަސްމީ މުއައްސަސާތަކާއި ޕްލާސްޓިކް ޓެސްޓްކުރާ ލެބޯޓްރީތަކާއި ޕްލާސްޓިކް އުފައްދާ ކުންފުނިތަކުގެ މަސައްކަތްތެރިންގެ ޖަމްއިއްޔާތަކާއި ރީސައިކަލްކުރާ ފަރާތްތަކާއި އެ ނޫން ވެސް ތަޖުރިބާކާރުން ނިންމާފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ނެތި ފަނާވެގެން ދާން ވަކި ހާލަތްތަކެއް ބޭނުންވާ އިރު ކުނިގޮނޑުތަކަކީ އެފަދަ މާހައުލަކަށް ނުވެ އެވެ. ރާއްޖޭގައި އެ ބާވަތުގެ ކޮތަޅު ބޭނުންކުރުމާ މެދު އުފެދިފައިވާ އެއް ކަންބޮޑުވުމަކީ އެއީ އެވެ. މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރެޓިވް ސޮސައިޓީން ކުރިއަށް ގެންދާ "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިނުން ފާހަގަކުރާ ގޮތުގައި އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ފަނާވެގެންދާނެ ފަދަ، ކުނި މެނޭޖުކުރާ ވަސީލަތްތަކެއް ރާއްޖޭގައި ނެތެވެ.
ހަގީގީ ބަޔޯޑިގްރެޑެބްލް ޕްލާސްޓިކަކީ ބެކްޓީރިއާގެ އެހީގައި ގުދުރަތީ ގޮތުން ނެތި ފަނާވެގެންދާ ކޮމްޕޯސްޓެބްލް ޕްލާސްޓިކް އެކަނި ކަމަށް މިހާރު ބެލެވޭ އިރު، އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަށް "އޮކްސޯ-ބަޔޯޑިގްރެޑެބްލް" ކޮތަޅޭ ކިޔުން ހުއްޓާލަން ތިމާވެށީގެ މާހިރުން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ރާއްޖެ އަށް މިހާރު "މުޅިން ވެސް" އެތެރެކުރަނީ އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުކަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަށަވަރުކޮށްދެ އެވެ. އޭގެ ސަބަބެއް ކަމަށް ވަނީ އެފަދަ ކޮތަޅު ގަންނަން ލިބޭ އަގު ހެޔޮވުމާއި ހިލޭ އިމްޕޯޓްކުރުމަށް ފަހު ބޮޑު ފައިދާއެއް ލާފައި ވިއްކާލެވޭ ކަމެވެ.
ޑިއުޓީއެއް ދައްކަން ނުޖެހި 2012 އިން ފެށިގެން ބަޔޯޑިގްރެޑެބްލް ޕްލާސްޓިކްގެ ގޮތުގައި ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް އެތަކެއް މިލިއަން ކޮތަޅު ދަނީ އެތެރެކުރަމުންނެވެ. އަދި އެ އަދަދު އަހަރުން އަހަރަށް (2016 ފިޔަވައި) ދަނީ އިތުރުވަމުންނެވެ. (ތަފާސްހިސާބުން ދައްކަނީ ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް އެތެރެކުރި ވަރު 2016ގައި އާދަޔާޚިލާފަށް (71 ޕަސެންޓް) ދަށަށް ދިޔަ ކަމަށެވެ.) އެއާ ޚިލާފަށް، 400 ޕަސެންޓް ޑިއުޓީ ދައްކަން ޖެހޭ ނޮން-ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅު އެތެރެކުރި އަދަދު ވޭތުވެދިޔަ ހަ އަހަރު އެވްރެޖްކޮށް ދިޔައީ ދަށަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުން އެނގޭގޮތުގައި 2012ގައި ބަޔޯޑިގްރެޑެބްލް ޕްލާސްޓިކްގެ ގޮތުގައި އެތެރެކުރީ 354،000 ކޮތަޅެވެ. އެކަމަކު މިދިޔަ އަހަރު އެތެރެކުރި އެފަދަ ކޮތަޅުގެ އަދަދު ގާތްގަނޑަކަށް 80 މިލިއަނަށް އަރަ އެވެ. އަދި މި ގިންތީގައި މިހާރު އެތެރެކުރާ ހުރިހާ ކޮތަޅަކީ އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކްކަން އީޕީއޭގެ ބަހުން އެނގެ އެވެ.
"[އާދައިގެ ޕްލާސްޓިކް ކޮތަޅު] ނެތި ފަނާވެދިޔުން ލަސްވުމާއި މޫދަށް އެޅި މުރަކަތަކުގައި ހަރުލާ ކަންތައްތައް ވަމުންދާތީ މަޑުމަޑުން ބަޔޯޑިގްރެޑެބްލް ކޮތަޅު އެތެރެކުރަން ފެށުނީ. އޭގެ ތެރޭގައި ދެ ވައްތަރެއްގެ ކޮތަޅެއް އެބަހުރި. އެއީ ސީދާ ބަޔޮލޮޖިކަލީ ނެތި ފަނާވެގެންދާ އެއްޗެއްސާއި ކެމިކަލް ޕްރޮސެސްއަކުން އޮކްސޯ ނުވަތަ ލައިޓް ބޭނުންކޮށްގެން ޑީގްރޭޑްވާ އެއްޗެހި. މި ދެ ވައްތަރުގެ ތެރެއިން ރާއްޖެ އަށް މިހާރު މުޅިން ވެސް މި ގެންނަނީ އޮކްސޯ-ޑިގްރެޑެބްލް ކޮތަޅު،" އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުން އެނގޭ ގޮތުގައި ނޮން-ބަޔޯޑިގްރެޑެބްލް ކޮތަޅު އިމްޕޯޓްކުރާ މިންވަރު މަދުވެ، އެއަށް ވުރެ އެތައް މިލިއަނެއް ގިނައިން އޮކްސޯ-ޑިގްރެޑެބްލް ކޮތަޅު މިހާރު ރާއްޖެ އަށް އެތެރެކުރޭ.
އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅަށް ރާއްޖެ ބަދަލުވި ސަބަބަކީ އެއީ ސުން ރޭޓުގައި ރާއްޖެ އަށް އެތެރެކުރެވޭ ބަޔޯޑިގްރެޑެބްލް ބާވަތެއް ކަމަށް ކަނޑައެޅުމެވެ. ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑުތައް ހިމެނޭ 2012ގެ ގަވާއިދުގައި، ކޮމްޕޯސްޓުކުރެވޭ ކޮތަޅުގެ އިތުރުން، އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަކީ ވެސް ނެތި ފަނާވެގެންދާ އެއްޗެއް ކަމަށް ވަނީ ބަލައިގެންފަ އެވެ. އެ މިންގަނޑުތައް ބަޔާންކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހަވާލާދީ އެވެ.
އެކަމަކު އެ ގަވާއިދު ބަދަލުކުރަން ވެއްޖެކަން އީޕީއޭ އިން ގަބޫލުކުރެ އެވެ. އެ ތަނުގެ އިންޖިނިއަރު އަހުމަދު އަފްރާހު އިސްމާއިލް ވިދާޅުވިގޮތުގައި ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅު ކަމަށް ބަލާނީ ކޮމްޕޯސްޓްކުރެވޭ ކޮތަޅު އެކަނި ކަމަށް ކަނޑައަޅަން އީޕީއޭ އިން ވަނީ މަސައްކަތް ފަށައިފަ އެވެ.
"ބަޔޯޑިގްރެޑެބްލް ކޮތަޅުގެ މިންގަނޑުތައް އިސްލާހުކުރަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތްކުރަމުން. އެހެން ނަމަވެސް އެކަމަށް ދިގު މުއްދަތެއް އެބަ ނަގާ. އަދި މާ ދުރަކަށް އެކަމުގައި ނުދެވޭ،" އީމެއިލުން ޖަވާބުދެއްވަމުން އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ (ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިއްޖެއްޔާ) 2019ގެ ކުރީކޮޅު މި [އިސްލާހު] އެކުލަވާލާ ނިމޭނެ ކަމަށް."
ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުގެ ޑިއުޓީ 2011ގައި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކުން ކަނޑާލި ފަހުން އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި ވެސް އެކަން ވަނީ ހިމަނައިފަ އެވެ. ބަޔޯޑިގްރެޑެބްލް ކޮތަޅަކީ ބެކްޓީރިއާ އަށް ހަލާކުކޮށްލެވޭ ޒާތުގެ ކޮމްޕޯސްޓެބްލް ކޮތަޅު އެކަނި ކަމަށް ކަނޑައަޅައިފި ނަމަ އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަކީ ނޮން-ބަޔޯޑިގްރެޑެބްލް ބާވަތަކަށް ބަދަލުވެ، އެ ކޮތަޅު އިމްޕޯޓްކުރާ ނަމަ ޓެކްސް ދައްކަން ޖެހޭނެ އެވެ. ނޮން-ބަޔޯޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅަށް 400 ޕަސެންޓްގެ ޑިއުޓީއެއް މިހާރު ނަގަ އެވެ.
އީޕީއޭ އިން ބުނަނީ އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަށް ދޭ ޑިއުޓީ މައާފާ މެދު "އަލުން ވިސްނަން" ޖެހިފައިވާކަން "އަޅުގަނޑުމެން ޓެކްނިކަލީ އެބަ ގަބޫލުކުރަން" ކަމަށެވެ. އެހެންވެ، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި އެކަމާ މެދު ގޮތެއް ނިންމަން އެ ތަނުން އެދިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.
"ޕޮލިސީ ޑައިރެކްޝަނަކަށް އަޅުގަނޑުމެން އެދިފައި އޮންނާނެ މި އަށް މި ދޭ ޑިއުޓީ މައާފާ މެދު އަލުން ވިސްނައި އެކަން އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ނަމަ ބަދަލުކުރަން،" އޭނާ ފާހަގަކުރެއްވި އެވެ.
"އޮކްސޯ-ބަޔޯޑިގްރެޑެބްލް ކޮތަޅަކީ ހަގީގަތުގައި އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ބަޔޯޑިގްރޭޑް ވެގެންދާ އެއްޗެއް ނޫން ކަމަށް ވާތީ އެ އެއްޗެހި ޑިއުޓީ ފްރީކޮށް އެތެރެކުރާނީތޯ ނުވަތަ ސީދާ މައިކްރޯބިއަލް/ބެކްޓީރިއަލް ޑީކޮމްޕޮޒިޝަން އިން ބަޔޯޑިގްރޭޑްވާ އެއްޗެއްސަށްތޯ ޑިއުޓީ ކަނޑާލާނީ، އެ ވިސްނުން މިހާރު އެބަ ޖެހޭ އަންނަން."
އީޕީއޭގެ އުއްމީދަކީ އެ ބަދަލާ އެކު، ކޮތަޅު އެތެރެކުރާ ފަރާތްތަކުން އޮކްސޯ-ޑިގްރެޑެބްލް ކޮތަޅު ގެނައުން ހުއްޓާލައި ތިމާވެއްޓާ ރައްޓެހި ކޮމްޕޯސްޓެބްލް ކޮތަޅު އެކަނި އެތެރެކުރަން ފެށުމެވެ.
އޮކްސޯ-ޑިގްރެޑެބްލް ކޮތަޅު އާއްމުވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ މީހުން މައްސަލައެއްގެ ގޮތުގައި ނަގާ މައިގަނޑު ނުކުތާއަކީ އެފަދަ ކޮތަޅުތަކުގައި، އީޕީއޭ އިން ހުއްދަ ދީފައިވާކަން އެނގޭ ލޯގޯއެއް ޖަހައި "ތިމާވެއްޓާ ރައްޓެހި ކޮތަޅު" ކަމަށް ލިޔެފައި ހުރުމެވެ. އެ މީހުން ދެކޭގޮތުގައި އެއީ އީޕީއޭ އިން އެ ކޮތަޅުތައް އެންޑޯޒްކޮށްދިނުމެވެ. އެހެންވެ، ތިމާވެއްޓަށް ގެއްލުންހުރި އެއްޗަކަށް ރުހުން ދިނުން ހުއްޓާލަން ސޯޝަލް މީޑިއާގައި ބައެއް މީހުން އެ އޭޖެންސީ އަށް ގޮވާލާފައިވެ އެވެ.
އެކަމަކު އީޕީއޭ އިން ބުނަނީ އެއީ މީހުންނަށް އަރާފައިވާ އޮޅުމެއް ކަމަށެވެ. ގަވާއިދުގައި ހުރި މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށް ފަހު އީޕީއޭ އިން ހުއްދަ ދޭ ކޮތަޅުތަކުގައި އެކަން ބަޔާންކޮށް ލޯގޯއެއް ޖެހިދާނެކަން އެ ތަނުން ފާހަގަކުރެ އެވެ. އެކަމަކު ހުއްދަ ދިނުމާއި އެންޑޯޒްކުރުމަކީ ތަފާތު ދެ ކަމެއްކަން ފާހަގަކުރައްވައި، އަފްރާހު ވިދާޅުވިގޮތުގައި "ތިމާވެއްޓާ އެކުވެރި" ނުވަތަ "ތިމާވެއްޓާ ރައްޓެހި" ކޮތަޅު ކަމަށް ޖަހާފައި ހުންނަނީ އިމްޕޯޓްކުރާ ފަރާތްތަކުން އަމިއްލަ އަށެވެ.
"އެއީ ތިމާވެއްޓާ ރައްޓެހި އެއްޗެކޭ އީޕީއޭ އިން ކަނޑައެޅިގެން ބުނަނީއެއް ނޫން. އީޕީއޭ އިން ހަމައެކަނި ބުނަނީ އެއީ ބަޔޯޑިގްރެޑެބްލް އެއްޗެކޭ،" އެ ގޮތަށް ކަނޑައަޅަނީ ގަވާއިދުގައި ހުރި މިންގަނޑުތަކާ އެއްގޮތަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އޮކްސޯ-ޑިގްރެޑެބްލް ކޮތަޅުގެ މައްސަލައިގައި ކަންބޮޑުން ފާޅުކުރާ މީހުންނާއި އީޕީއޭ އިން ވެސް އެއްބަސްވާ ގޮތުގައި ހަގީގީ ހައްލަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ މުޅިން ދުރަށް ދިޔުމެވެ. ނައީމް ވިދާޅުވީ "އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ ޕްލާސްޓިކް ކޮތަޅަކީ ރާއްޖޭގައި ބޭނުން ނުކުރާ އެއްޗަކަށް ހެދުން" ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ހަމަ ސިންގަލް ޔޫޒް ޕްލާސްޓިކްސް އެއީ ރާއްޖޭގައި ބޭނުން ނުކުރާ އެއްޗަކަށް ހަދަން. އޭގެ ސަބަބުން ކޮށްފާނެ އަސަރުތަކެއް ހުންނާނެ. އެހެން ނަމަވެސް އެއީ ނުކުރެވޭނެ ކަމެއް ނޫން. ޓެކްނިކަލް ލެވެލްގައި އަޅުގަނޑުމެންގެ ވިސްނުން ހުރި ގޮތަކީ އެއީ. ޕޮލިޓިކަލް ވިލް ހުރިއްޔާ އެކަން ކުރެވޭނެ. އެތައް ގައުމެއްގައި މިހާރު މަނާކޮށްފި،" އޭނާ ފާހަގަކުރެއްވި އެވެ.
މި ވަގުތު ސަރުކާރުގެ އެފަދަ ސިޔާސަތެއް ނެތަސް އާއްމުންނަށް އަމިއްލަ ގޮތުން ވެސް ޕްލާސްޓިކާ ދުރަށް ދެވިދާނެކަން ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ ފަރާތްތަކުން ފާހަގަކުރެ އެވެ. ތިމާވެއްޓާ ރައްޓެހި ކޮތަޅު (މިސާލަކަށް ފޮތި ކޮތަޅު) ހިފައިގެން ބާޒާރުކުރަން ދިޔުމާއި ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުން ނުވަތަ މަދުކުރުމަކީ އެފަދަ އެއް ފިޔަވަޅެވެ. އާއްމު ދިރިއުޅުމަށް އެ ބަދަލު އައިސްފިއްޔާ އޮކްސޯ-ޑިގްރެޑެބްލް ބާޒާރު ކޮތަޅުގެ ޑިމާންޑް ދަށަށް ގޮސް އެދެވޭ ނަތީޖާއެއް ނުކުތުން ކައިރި އެވެ.
ޕްލާސްޓިކް ކޮތަޅު މަދުކުރަން ބާރުއެޅުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން މިދިޔަ އަހަރު ފަށާފައިވެ އެވެ. އެކަމަކު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ދެކޭގޮތުގައި ހަގީގީ ބަދަލެއް ގެނެވޭނީ އާއްމުން ހޭލުންތެރިކުރުމަށް ވުރެ ފުޅާ ދާއިރާއެއްގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ތެރޭގައި، އޮކްސޯ-ޑިގްރެޑެބްލް ކޮތަޅުގެ މައްސަލަ ހައްލުކުރުން ވެސް ހިމެނެ އެވެ.
އޮކްސޯ-ޑިގްރެޑެބްލް ކޮތަޅަށް އިސްކަން ދޭން ފެށީ ތިމާވެއްޓާ ރައްޓެހި އަދި ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ރީތިކަން ޕްލާސްޓިކް ކޮތަޅުން ސަލާމަތްކުރުމުގެ ފިޔަވަޅެއް ކަމަށް ބަލައިފަ އެވެ. ފަނާވެގެން ނުދާ ކޮތަޅު ފަރުތަކުގައި އަޅައިގަނެ އެތައް ދުވަހެއް ވަންދެން ހަލާކު ނުވެ ހުންނަ މައްސަލަ އަށް އޮތް ހައްލަކީ އަވަހަށް ކުދިކުދި ވެގެންދާ ޒާތުގެ ކޮތަޅު ބޭނުންކުރުން ކަމަށް ފެނިގެންނެވެ. ނައީމްގެ ބަހުން ނަމަ، "އެއްގޮތަކަށް ވެސް ހަލާކު ނުވާ އެއްޗަކަށް ވުރެ ކޮންމެވެސް ގޮތަކަށް ހަލާކުވާ އެއްޗެއް ރަނގަޅުވާނެ" ކަމަށް ގަބޫލުކުރެވިގެންނެވެ.
އެ ވިސްނުމުގެ ތެރެއިން، އޮކްސޯ-ޑިގްރެޑެބްލް ޕްލާސްޓިކް ކޮތަޅުގެ ޑިއުޓީ ކަނޑާލުމަކީ ކާމިޔާބު ސިޔާސަތެކެވެ. ނޮން-ބަޔޯޑިގްރެޑެބްލް ކޮތަޅު އިމްޕޯޓްކުރާ މިންވަރު މަދުވެ، އެއަށް ވުރެ އެތައް މިލިއަނެއް ގިނައިން އޮކްސޯ-ޑިގްރެޑެބްލް ކޮތަޅު ރާއްޖެ އަށް މިހާރު އެތެރެކުރެ އެވެ. އެކަމަކު އޮކްސޯ-ޑިގްރެޑެބްލް ކޮތަޅާ ބެހޭގޮތުން ހާމަވެފައިވާ ހަގީގަތްތަކާއި ކަމާބެހޭ މާހިރުންގެ ލަފާތަކުން އެނގެނީ އެ ބާވަތުގެ ކޮތަޅަކީ ނެތި ފަނާވެގެންދާ ޕްލާސްޓިކް ކަމަށް ބެލުމާއި އެއަށް ޓެކްސް މައާފްކޮށްދިނުން ހުއްޓާލަން ޖެހިފައިވާ ކަމެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
8 ބާވަތެއްގެ ޕްލާސްޓިކް މަނާ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޕްލާސްޓިކް މަދުކުރާ އިރު ދޫކޮށްލަން ޖެހޭނެ އެއްޗެހި
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ