Roadha Mihaaru
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!

ކޮތަޅުގެ އިސްލާހަށް އަވަހަށް ހައްލެއް ލިިބިދާނެ ކަމާ މެދު އުޝާމަށް ޝައްކު!

20 އެޕްރީލް 2023

ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަސްދީގު ކުރިތާ ހަތަރު މަސް ފަހުން އެ އަމަލުކުރަން ފެށިއިރު، އެ ގާނޫނުގައި ބޮޑު "ލޫޕްހޯލެއް" ފާހަގަ ކުރެވިފައިވާއިރު، އެކަން ފޫބެއްދުމުގެ އިސްލާހު އަވަހަށް ފާސްވެދާނެ ކަމާ މެދު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަސްދީގު ކުރިތާ ހަތަރު މަސް ފަހުން އެ އަމަލުކުރަން ފެށިއިރު، އެ ގާނޫނުގައި ބޮޑު "ލޫޕްހޯލެއް" ފާހަގަ ކުރެވިފައިވާއިރު، އެކަން ފޫބެއްދުމުގެ އިސްލާހު އަވަހަށް ފާސްވެދާނެ ކަމާ މެދު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައި އޮތީ ކޮތަޅު ބޮނޑިއެއްގެ އަގު ބޮޑު ކުރަން މަޖުބޫރުވާ ގޮތަށެވެ. އެއީ ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހޭތީ އެވެ.

އެކަމާ އާންމުން ރުޅިގަދަވެ، ސަރުކާރު ހޫނުފެނަށް ވެއްޓުމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވާއިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހޭތީ އަގު ބޮޑުވަނީ ކަމަށެވެ.

އެކަމަކު، ސަރުކާރުން ދިފާއުގައި ބުނީ، އެ ގޮތަށް ކަންތައް ދިމާވީ ސަރުކާރުން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލިހުން ބިލް ފާސްކޮށް ނުދިނުމުން ކަމަށެވެ.

"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ.--- އުޝާމް

"...ކުނި މެނޭޖްކުރުމުގެ ގާނޫނު ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެ އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑި ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނައިފަ އެވެ. ނަމަވެސް ކުނި މެނޭޖް ކުރުމުގެ ބިލް މަޖިލިހުން ފާސްވެގެން އައިއިރު މި މާއްދާ ވަނީ އުނިކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.

މަޖިލިހުން ގާނޫނު ފާސްކުރި އިރު އެ މައްސަލަ ދިމާވެފައިވާ ކަން އެނގި ތިބެ، ބިލް ތަސްދީގުކޮށް، އެ އަަށް އަމަކުރުމާ ދޭތެރޭ ހަތަރު މަސް ލިބުނަސް އެކަން ރަނގަޅު ކުރަން ފަރުވާކުޑަކުރި މައްސަލާގައި އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް ދާނެ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި ކޮތަޅުގެ އަގުގެ މައްސަލަ އަށް ހައްލެއް ލިބިދާނެ ކަމަށް ޝައްކު ކަމަށް އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ކުނި މެނޭޖުކުރުމުގެ ގާނޫނުން މައްސަލަ ދިމާވި އިސްލާހު އަވަހަށް ފާސްވުމާ މެދު އޭނާ ޝައްކު އުފައްދަވާ.

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ކުނި މެނޭޖުކުރުމުގެ ގާނޫނުން މައްސަލަ ދިމާވި އިސްލާހު އަވަހަށް ފާސްވުމާ މެދު އޭނާ ޝައްކު އުފައްދަވާ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބިލްގެ އިބްތިދާއީ ބަހުސް ވެސް އަދި މަޖިލިހުގައި ނުފަށަ އެވެ.

"ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސް ފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި،" އެމްއެންޕީގެ ނައިބު ރައީސް އުޝާމް ވިދާޅުވި އެވެ.

"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ."

ސަރުކާރުން ބުނަނީ ރައްޔިތުންގެ މަޖިލިހުން ބިލް ފާސްކުރިއިރު ވެސް މައްސަލަ ހުރި ކަން އެނގުނަސް އެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވައި ނުލީ އެއީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ކަމަށެވެ. އެހެންވެ، އިސްލާހުތައް ވަކިން ހުށަހަޅަން ނިންމީ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެކަމަކު، ގާނޫނަށް އަމަލުކުރަން ތައްޔާރުވުމާ ހަމައަށް ވެސް އެ އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވުން ލަސްވި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ.