Roadha Mihaaru
ފިހާރަތަކުން ދޭ ކޮތަޅު ގަންނަން މަޖުބޫރު ކުރާ ގާނޫނެއް

ފިހާރަތަކުން ދޭ ކޮތަޅު ގަންނަން މަޖުބޫރުކުރާ ގާނޫނެއް ހަދަނީ!

18 މެއި 2022

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.

ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

ކޮތަޅު ހިލޭ ލިބޭނެ ހާލަތުތައް:

- ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި.

- ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅު.

- ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު.

- 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި.

- ކުނި މެނޭޖް ކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު.

ރާޝިދުގެ ބިލުގައި ބުނީ، ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.