Roadha Mihaaru

ސަންފްރޮންޓަށް 20 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ދައުލަތުގެ މައްޗަށް ހުކުމެއް

ސަންފްރޮންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސަންފްރޮންޓަށް 20 މިލިއަން ދޭން ދައުލަތަށް ހުކުމެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

03 ޖޫން 2025

ސަންފްރޮންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ އަހަރުތަކެއް ކުރިން 2010 ވަނަ އަހަރު މާލެ ހުޅަނގު ދެކުނު ހާބަރު ސަރަަހައްދުން ބިން ވިއްކަން ސަރުކާރުން ހުޅުވާލުމުން ސަންފްރޮންޓުން ދެ ބިމެއް ގަންނަން ފައިސާ ދެއްކި އެވެ. އޭރު ސަރުކާރުން ހުޅުވާލީ އެ ސަރަހައްދުން 11 ބިމެއް ވިއްކުމަށެވެ.

އޭރު ސަންފްރޮންޓުން 2،000 އަކަފޫޓްގެ ދެ ބިމަށް ބީލަމުގެ އުސޫލުން އަގު ހުށަހެޅުމުން، އެ ދެ ބިން އެ ކުންފުންޏަށް ވިއްކަން ސަރުކާރުން ނިންމުމުން އެ ކުންފުނިން 26 މިލިއަން ރުފިޔާ ދައުލަތަށް ދެއްކި ނަަމަވެސް، އެ ދެ ބިން ވެސް އެ ކުންފުންޏާ ހަވާލުކޮށްފައެއް ނުވެ އެވެ.

އެ ކުންފުންޏާ ބިން ހަވާލުކޮށްފައިނުވަނީ އެ ބިޑް ހުއްޓުވަން ހައި ކޯޓުން އޭރު ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސަންފްރޮންޓުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބިމަށް ދެއްކި 26 މިލިއަން ރުފިޔާ ދެއްކުމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް، އެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ދީފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ، އެކަމުގެ ބަދަލެއްގެ ގޮތުން 20 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކުރި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވަނީ 20 މިލިއަން ރުފިޔާއަކީ ސަންފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހައްގުވާ މިންވަރުގެ ފައިސާއެއްކަން ލިޔުންތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ހުކުމުގައިވަނީ ދައުލަތަށް އަންގައިފަ އެވެ.