Roadha Mihaaru
ސަދާގެ މަރު:މައްސަލަ ބޭރުކުރަން އުޅޭތީ ނަސޭހަތްދީފި

ސަދާގެ މަރު: ސަބަބެއް ނެތި މައްސަލަ ބޭރުކުރަން އުޅޭތީ ކޯޓުން ދައުލަތަށް ނަސޭހަތްދީފި

07 ފެބުރުއަރީ 2024

ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރަން ދައުލަތުން މަސައްކަތް ކުރުމުން ކޯޓުން އިއްޔެ ދައުލަތަށް ނަސޭހަތްތެރިވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރަން ދައުލަތުން މަސައްކަތް ކުރުމުން ކޯޓުން އިއްޔެ ދައުލަތަށް ނަސޭހަތްތެރިވެއްޖެ އެވެ.

އޮކްޓޫބަރު، 2021 ގައި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓުގައި އިހްތިސާސާ މެދު ސުވާލު އުފެއްދީ އެ މައްސަލާގައި ދައުވާކުރުން ލަސްވެފައިވާ ކަމަށް ބުނެ އަދި އެ މައްސަލަ ހުށަހެޅީ ނުބައި ފޯމެއް މެދުވެރިކޮށް ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވަނީ އެ ބާވަތުގެ މައްސަލަތަކުގައި 10 އަހަރު ދުވަސް ތެރޭގައި ދައުވާ ކުރުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ މައްސަލަ ސަދާގެ އާއިލާއިން ހުށަހެޅީ ހާދިސާ ހިނގިތާ ތިން އަހަރު ދުވަސް ނުވަނީސް ކަމަށްވާތީ އެ މައްސަލާގައި ދައުވާ ކުރުމުގައި ލަސްވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި މައްސަލަ ހުށަހެޅީ ނުބައި ފޯމަކުން ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ކޯޓުގެ ނިންމުމުގައިވަނީ ގާނޫނުގެ ދަށުން އިހްތިސާސާ މެދު ސުވާލު އުފައްދަން ފުރުސަތު ލިބުނަސް، ބޭކާރު ގޮތުގައި އެފަދަ އިއުތިރާޒްތައް ފާހަގަކޮށްގެން މައްސަލަ ލަސް ކުރުމަކީ ގާނޫނު ތަސައްވުރުކުރާ ގޮތް ނޫން ކަމަށާއި މިފަދަ ކަންކަމުގައި ދައުލަތުގެ ޒިންމާ ބޮޑުވާނެ ކަމަށެވެ.

ކޯޓުގެ ނިންމުމުގައިވަނީ އެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށާއި އެ މައްސަލައިގައި ހެޔޮ ނިޔަތުގައި އަމަލުކުރަން ދައުލަތަށް ނަސޭހަތްތެރިވާ ކަމަށެވެ.

ސަދާ މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމީ އެކަމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތުމުން އެކަމުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރެވިދާނެ ކަމަށެވެ.