Roadha Mihaaru
އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންކަމުގައި!

ފައިސާ ނުލިބި، އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންވެފައި!

17 ޖެނުއަރީ 2024

މަދަނީ އަދުލުގެ ނިޒާމުގައި ކުރިން އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ލަސްވެ، އެތައް ބައެއްގެ ހައްގު ނުލިބި ލަސްވުމެވެ. ނަމަވެސް މިހާރު އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ނިމުނަސް، ހުކުމްތައް ތަންފީޒު ކުރެވޭނެ ގޮތެއް ނެތުމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ އަދުލުގެ ނިޒާމުގައި ކުރިން އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ލަސްވެ، އެތައް ބައެއްގެ ހައްގު ނުލިބި ލަސްވުމެވެ. ނަމަވެސް މިހާރު އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ނިމުނަސް، ހުކުމްތައް ތަންފީޒު ކުރެވޭނެ ގޮތެއް ނެތުމެވެ.

އެތައް މިލިއަން ރުފިޔާއެއްގެ ސާބިތު ދަރަނި ނުދައްކާ ދަރަނިވެރިން އެއްވެސް ޖެހިލުމެއް މިނިވަންކަމާ އެކު އުޅެމުން ދާއިރު، ފައިސާ ލިބެންޖެހޭ އަރަނިވެރިންގެ ހައްގު ހިމާޔަތް ކުރެވޭނެ ގޮތެއް ނެތެވެ. މީގެ ފެށުމަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނެވެ.

މަދަނީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހުކުމް ތަންފީޒު މަރުހަލާތައް ގާތްގަނޑަކަށް ހުއްޓުމަށް ވަނީ އައިސްފަ އެވެ. ކުރިން މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމަށްޓަކައި ދަރަނިވެރިންގެ ޕާސްޕޯޓާއި ބޭންކް އެކައުންޓް ހިފެހެއްޓުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދު ކުރުމާއި ޖަލަށްލުން ފަދަ އަދަބުތައް ވެސް ދެވެ އެވެ. ނަމަވެސް އާ ގާނޫނު އައުމާ އެކު، އެ ހުރިހާ ފިޔަވަޅުތަކެއް އެޅުން ވަނީ މަނާކޮށްފަ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާ މެދު މިހާރު އެޅޭ ހަމައެކަނި ފިޔަވަޅަކީ އެ މީހެއްގެ މުދަލާއި ފައިސާއަކީ ކޮބައިކަން ބަލައިގެން، އެ މުދަލެއް ނުވަތަ ފައިސާއެއް ހިފަހައްޓައިގެން ނުވަތަ އެ ތަކެތި ވިއްކައިގެން ދަރަނި އަދާ ކުރުމެވެ. ދަރަނިވެރިޔާގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅެއް ވެސް ގާނޫނު އޮތްގޮތުން އެޅޭކަށް ނޯވެ އެވެ. އަދި މުދާ ހިފެހެއްޓުމާއި ވިއްކުމަކީ ގާނޫނެއްގައި ލިޔެފައި އޮތަސް، ރާއްޖޭގައި އެހާ ފަސޭހައިން ތަންފީޒު ކުރެވޭ ފިޔަވަޅުތަކެއް ނޫނެވެ.

ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އެ މީހާގެ މުދާ އަތުލުމަށްފަހު ކޯޓުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ވިއްކުމުގެ ހުއްދަ ގާނޫނުން ދިން ނަމަވެސް އެކަން ކުރާނެ ވަސީލަތްތަކެއް އަދި ކޯޓުގެ ބެލުމުގެ ދަށުގައި މުދާ ބަހައްޓާނެ ޖާގައެއް ވެސް ނެތެވެ. އަނެއްކޮޅުން ދަރަނިވެރިންގެ އަމިއްލަ މުދަލަކީ ކޮބައިކަން ބެލޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައެއް ނެތެވެ. އެހެންވެ، ދަރަނި ނުދެއްކުމަށްޓަކައި މުދާތައް އެހެން މީހުންގެ ނަމަށް ބަދަލު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު

ކޯޓުގެ ތަފާސްހިސާބުތަކުން ވެސް ދައްކަނީ އެ މަންޒަރެވެ. މިދިޔަ އަހަރު ސިވިލް ކޯޓުން 186 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 56 މިލިއަން ޑޮލަރުގެ ދަރަނި ސާބިތު ކުރި ނަމަވެސް ކޯޓަށް ލިބިފައިވަނީ 73 މިލިއަން ރުފިޔާ އާއި ދެ މިލިއަން ޑޮލަރެވެ. މަދަނީ އިޖްރައާތުގެ ގާނޫނު އައުމުގެ ކުރިން ކޯޓުތަކުން އަމިއްލައަށް އިސްވެ، ހުކުމް ތަންފީޒު ކުރި ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން ކޮންމެ ފަހަރަކު އަމިއްލައަށް ހުށަހަޅައިގެން ނޫން ގޮތަކަށް އެއްވެސް ފިޔަވަޅެއް ކޯޓަކުން ނޭޅޭނެ އެވެ.

މީގެ ހުރިހާ ގެއްލުމެއް ލިބެނީ ފައިސާ ލިބެންޖެހޭ ފަރާތްތަކަށެވެ. ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުކުމް ކޮށްފައި ހުންނަ މައްސަލަތަކުގައި ވެސް ކުރިން ފާހަގަކުރި ސަބަބުތަކާ ހެދި ހުކުމް ތަންފީޒު ނުވެ، އެތައް މައްސަލައެއް އެބަހުއްޓެވެ. ދަރަނިވެރިޔާގެ ނަމުގައި މުދަލެއް ނެތުމުން ގިނަ ފަހަރު ކޯޓުން ނިންމަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއީ ރާއްޖެ ފަދަ ބޭރުގެ އިންވެސްޓަރުންގެ ގިނަ ގައުމެއްގައި އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދާ ކަމެކެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ކުރިން ޖަލަށްލުމާއި ގޭ ބަންދު ކުރުމާއި ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅޭތީ ގިނަ މީހުން ހުކުމާ އެއްގޮތަށް ފައިސާ ދެއްކިޔަސް، މިހާރު އެފަދަ ފިޔަވަޅުތައް ނޭޅޭނެ ކަން އެނގޭތީ ގިނަ މީހުން ގަސްދުގައި ފައިސާ ނުދައްކާ ވެސް ތިބޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ދަރިންގެ ހަރަދަށް ދެ ތިން ހާސް ރުފިޔާ ނުދީގެން މިހާރު ވެސް ޕާސްޕޯޓް ހިފަހައްޓާފައި އަދި ގޭ ބަންދުކޮށް ޖަލަށް އެބަ ލެވޭ. އެކަމަކު ބޮޑެތި ސާބިތު ދަރަނި ނުދެއްކީމަ އެފަދަ ފިޔަވަޅެއް ނެތް އެޅޭކަށް. ދެ އަތް އުރާލައިގެން ތިބެން މި ޖެހެނީ މިހާރު." ވަކީލަކު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އުޝާމް --- ފޮޓޯ/މިހާރު

އެޓާނީ ޖެނެރަލް އުޝާމް --- ފޮޓޯ/މިހާރު

އެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މީހުންގެ އަމިއްލަ މުދާތައް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތީސް، މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެފަދަ ނިޒާމެއް ގެނައުމަކީ މައްސަލަ އެކެވެ. އެގޮތުން ބޭންކް އެކައުންޓާއި ބިން ފަދަ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މުދާ ބެލުނަސް، އެ ނޫން އަގުހުރި މުދާތައް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތްކަން އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ. އަދި ދަރަނި ނުދެއްކުމަށްޓަކައި އެހެން މީހުންގެ ނަމަށް މުދާ ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

"މިސާލަކަށް ސައިކަލެއް، ކާރެއް އޮތިއްޔާ އެނގިދާނެ އޭނާގެ ނަމުގައި އެއްޗެއް އެބައޮތް ކަން. އެކަމަކު މީހުންގެ އަގުބޮޑު ދިރިއުޅުމާއި މި އެއްޗެހި ކިހިނެތްތޯ އަރަނިވެރިންނަށް އެނގޭނީ. މިހާރު މި އޮންނަ ގޮތުން ފައިސާ ލިބެންޖެހޭ މިޖެހެނީ އެކަން ވެސް ބަލާފައި ކޯޓަށް އަންގަން." އެ ވަކީލް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނަށް އިސްލާހު ގެންނަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި." އޭޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެ ފަދަ ބޭރުގެ އިންވެސްޓަރުން ގިނަ ގައުމެއްގައި މަދަނީ ހުކުމްތައް ތަންފީޒު ނުވުމަކީ އިގްތިސާދީ ގޮތުން އެތައް ބަޔަކަށް ގެއްލުންތައް ލިބޭނެ ކަމެކެވެ. މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކަކީ އަވަހަށް ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.