Roadha Mihaaru
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟

މުދަލެއް ނެތް، ފައިސާއެއް ނެތް: ކުރެވޭނެ ކަމެއް ނެތް؟!

20 ނޮވެމްބަރ 2024

ދަރަނި ދެއްކުމެއް ނެތި ގާނޫނުގެ ދިގު އަތުން ސަލާމަތް ވެގެން އުޅުމަކީ މީގެ އަހަރުތަކެއް ކުރިން އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، ގެނައި ބޮޑު ބަދަލުތަކުގެ ތެރެއިން ހުކުމް ތަންފީޒު ކުރުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ނިޒާމު މިހާރު އޮތީ ހިނގައި ނުގަނެވޭ ހިސާބުގަ އެވެ. އޭގެ ސަބަބުންތައް އެތައް ބަޔަކަށް މާލީ ގެއްލުންތައް ކުރިމަތިވެ، ކަންބޮޑުވާ ހިސާބަށް އޮތީ ގޮސްފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރަނި ދެއްކުމެއް ނެތި ގާނޫނުގެ ދިގު އަތުން ސަލާމަތް ވެގެން އުޅުމަކީ މީގެ އަހަރުތަކެއް ކުރިން އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، ގެނައި ބޮޑު ބަދަލުތަކުގެ ތެރެއިން ހުކުމް ތަންފީޒު ކުރުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ނިޒާމު މިހާރު އޮތީ ހިނގައި ނުގަނެވޭ ހިސާބުގަ އެވެ. އޭގެ ސަބަބުންތައް އެތައް ބަޔަކަށް މާލީ ގެއްލުންތައް ކުރިމަތިވެ، ކަންބޮޑުވާ ހިސާބަށް އޮތީ ގޮސްފަ އެވެ.

ކުރިން ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ މީހުންނާ މެދު ގިނަ ފިޔަވަޅުތަކެއް އެޅެ އެވެ. ޕާސްޕޯޓް ހިފެހެއްޓުމާއި އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދާއި ޖޫރިމަނާގެ އަދަބުތައް ވެސް އޭރު ކަނޑައެޅެ އެވެ. ދަރަނި ނުދައްކާ ފަރާތަކީ ކުންފުންޏެއް ނަމަ އެ ކުންފުނީގެ ޑިރެކްޓަރުން ކޯޓަށް ހާޒިރުކޮށް، އެ މީހުން ފުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ވެސް އޭރު ގަވާއިދު އޮތްގޮތުން އެޅުމުގެ ފުރުސަތު އޮތެވެ.

ނަމަވެސް 2022 ވަނަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން އެ ހުރިހާ ފިޔަވަޅުތަކެއް އެޅުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭގެ ބަދަލުގައި އެ ގާނޫނުން މިހާރު ދައްކާ މަގަކީ ދަރަނި ނުދައްކާ ފަރާތުގެ މުދާ ހިފެހެއްޓުން އެކަންޏެވެ. އެ މީހަކާ މެދު އެއްވެސް ފިޔަވަޅެއް އެޅުން ގާނޫނު އޮތްގޮތުން މަނަލެވެ. ނަމަވެސް އަނެއްކޮޅުން ހުކުމް ތަންފީޒު މަރުހަލާ އަށް ދާއިރު ހުކުމް ތަންފީޒު ކުރެވޭނެ މަގެއް ނުފެނެ އެވެ.

"ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ދަރަނީގެ ގޮތުގައި ނުލިބި ހުއްޓަސް ދައުލަތް ހިނގާނެ އެހެން ގޮތްގޮތުން ވެސް ފައިސާ ހޯދައިގެން. އާދައިގެ ވިޔަފާރިތަކަށް މީގައި ހުރި ގެއްލުމެއް އޮތީ."

ދާދި ފަހުން ކޯޓެއްގެ ހުކުމެއްގެ ދަށުން އެއް ލައްކަ ރުފިޔާ ދައްކަން ޖެހޭ މީހެއްގެ ހާލަތު ބެލިއިރު، އޭނާގެ ނަމުގައި އެއްވެސް މުދަލެއް އަދި އެއްވެސް ފައިސާއެއް ނެތެވެ. އެހެންވެ، ސިވިލް ކޯޓުން ނިންމީ އެކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަލައި، މައްސަލަ ބޭރުކޮށްލުމަށެވެ. އެފަދަ އެހެން ބައެއް މައްސަލަތަކުގައި މަހަކު 500ރ. ގެ ރޭޓުން ފައިސާ ދައްކަން ކޯޓުން ފުރުސަތު ދިނުމުން އެއްލައްކަ ރުފިޔާގެ ދަރަނި އަދާކޮށް ނިންމަން 16 އަހަރުގެ މުއްދަތެއް ހޭދަވެ އެވެ.

ބައެއް ކޯޓުތައް ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު

ބައެއް ކޯޓުތައް ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު

މި ފާހަގަ ކޮށްލީ ހަމައެކަނި ދައުލަތަށް ލިބެންޖެހޭ އާދައިގެ ދަރަނިތައް އަދާ ކުރުމުގައި ހުންނަ މައްސަލަތަކެވެ. ނަމަވެސް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް މީގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑެވެ. އެއް މައްސަލައެއްގައި ކުންފުންޏަކުން ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާގެ ދަރަނި ނުދައްކައިގެން ހުކުމް ތަންފީޒު ކުރަން ހުށަހެޅިއިރު، ކުންފުނީގެ ނަމުގައި އެއްވެސް މުދަލެއް އަދި ފައިސާއެއް ނެތުމުން ކޯޓުން ނިންމީ މިވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

މި މައްސަލަތައް ދިމާވާ ސަބަބަކީ ހުކުމް ތަންފީޒުކުރާ މަރުހަލާއަށް ދާއިރު ދަރަނިވެރިންގެ މުދަލެއް ނެތުމެވެ. އެގޮތުން އެ މީހަކީ އަމިއްލަ ދިރިއުޅުމުގައި ކިތަންމެ މުއްސަނދި މީހެއް ކަމަށް ވިޔަސް، އެ މީހެއްގެ އަމިއްލަ ނަމުގައި އެއްވެސް މުދަލެއް ރަޖިސްޓްރީ ކޮށްފައި ނެތް ނަމަ ދެން ކުރެވޭނެ ކަމެއް ނެތެވެ. ދަރަނިވެރިންގެ ނަމުގައި ހުންނަ ހުރިހާ މުދާތަކަކީ ވެސް ކޯޓުތަކާއި ރަސްމީ އިދާރާތަކަށް އެނގޭނެ މައުލޫމާތަކަށް ނުވާތީ އެކަން ބެލުން ވެސް އެއީ ބޮޑު ގޮންޖެހުމެވެ.

ނަތީޖާއަކަށް ވެގެންދަނީ މިގޮތަށް ފައިސާ އަނބުރާ ނުލިބި ހުންނަ ހުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް އެތައް މާލީ ގެއްލުންތަކެއް ލިބިގެން ދިއުމެވެ. ހަމަ އެހެންމެ، އަމިއްލަ ފަރާތްތަކާއި ހުރިހާ ވިޔަފާރިތަކަކީ ވެސް ދައުލަތުގެ މުއައްސަސާތައް ފަދައިން، ފައިސާ ލިބޭނެ ދުވަހަކު ލިބެންދެން ހިންދެމިލައިގެން ތިބެވޭނެ ބައެއް ވެސް ނޫނެވެ. ނަމަވެސް ގާނޫނު އޮތްގޮތުން އެ ކަންބޮޑުވުންތަކާ މެދު އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.

ހުކުމް ތަންފީޒު ކުރުމުގައި ދެން ދިމާވާ މައްސަލައަކީ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފައިސާ ލިބެންޖެހޭ ފަރާތުން ކުރަން ޖެހޭ ޖެހުމެވެ. ކުރިން ކޯޓުތަކުން އަމިއްލަ އިސް ނެގުމުގައި އެކަން ކުރި ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން އަރަނިވެރިޔާގެ ފަރާތުން ކޮންމެ ފަހަރަކު ކޯޓަށް އެކަން ހުށަހަޅަން ޖެހެ އެވެ. އަދި ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ނުވަތަ ނެތްތޯ ވެސް ހޯދަން ޖެހެނީ ފައިސާ ލިބެންޖެހޭ މީހާ އެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ފަސޭހައިން ލިބެން ހުންނަ މައުލޫމާތުތަކެއް ވެސް ނޫނެވެ.

"ގާނޫނު އޮތްގޮތުން ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ބަލާފައި ކޯޓަށް އަންގަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ މީހާ."

މި ކަންބޮޑުވުންތައް ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަ ކުރަމުންދާތާ އެތައް ދުވަހެއް ފަހުން ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ މައްސަލަ ހައްލުކުރަން މަދަނީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފަ އެވެ. އޭގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ވެސް އެފަދަ އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އެ އިން އެއްވެސް ބިލެއް މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަކަށް ނުދެ އެވެ.

ގާނޫނުތައް ހިމެނޭ ފޮތްތަކެއް --- ފޮޓޯ/މިހާރު

ގާނޫނުތައް ހިމެނޭ ފޮތްތަކެއް --- ފޮޓޯ/މިހާރު

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން މިހާރު ގާނޫނު އޮތްގޮތުން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ އަމިއްލަ ވިޔަފާރިތަކާއި އާންމުންނަށް ލިބޭ ގެއްލުން މާ ބޮޑެވެ. ފައިސާ އަނބުރާ ނުލިބި ވިޔަފާރިތަކަށް ހުރަސް އެޅޭއިރު، އެ ފައިސާ ހޯދަން އެތައް ހަރަދެއް ކޮންމެ ފަހަރަކު ހިނގާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

"ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ދަރަނީގެ ގޮތުގައި ނުލިބި ހުއްޓަސް ދައުލަތް ހިނގާނެ އެހެން ގޮތްގޮތުން ވެސް ފައިސާ ހޯދައިގެން. އާދައިގެ ވިޔަފާރިތަކަށް މީގައި ހުރި ގެއްލުމެއް އޮތީ. އެ ވިޔަފާރިތަކުން އެ ގެއްލުން ފޫބައްދަން ކުރާނެ ކަމެއް ނޯންނާނެ،" އެއް ވަކީލަކު ވިދާޅުވި އެވެ.

"މީހުން އުޅެނީ ގަސްދުގައި ފައިސާ ނުދައްކަންވެގެން ހުރިހާ މުދަލަކާއި ފައިސާއެއް އެހެން މީހުންގެ ނަމަށް ބަދަލުކޮށްގެން."

އެ ބޭފުޅުން ވިދާޅުވާ ގޮތުން ކުރިއާ ހިލާފަށް، މިހާރު ގާނޫނު އޮތްގޮތުން ދަރަނިވެރިޔާ އަތުން ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ ފަރާތުންނެވެ. ނަމަވެސް އެގޮތަށް ގާނޫނުގައި ލިޔުނުއިރު، އެކަންކަން ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"ހުރިހާ މުދަލެއް މީހުން ގެންގުޅޭނީ ދައުލަތުގެ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެނެއް ނޫން. އެހެންވީމާ އެކަން ބެލޭނެ ގޮތެއް ނޯންނާނެ. އެކަމަކު ގާނޫނު އޮތްގޮތުން ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ބަލާފައި ކޯޓަށް އަންގަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ މީހާ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެ ވަކީލް ވެސް ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނު އޮތުމުން ގިނަ ބަޔަކު އޭގެ ނާޖާއިޒް ފައިދާ އެބަ ނަގަ އެވެ.

"ބައެއް މީހުން އުޅެނީ ގަސްދުގައި ފައިސާ ނުދައްކަން ވެގެން ހުރިހާ މުދަލަކާއި ފައިސާއެއް އެހެން މީހުންގެ ނަމަށް ބަދަލުކޮށްގެން. ނަމަވެސް ފައިސާ ލިބެންޖެހޭ މީހާއަށް ނޯވޭ ކުރެވޭނެ ކަމެއް،" އެ ވަކީލް ވިދާޅުވި އެވެ.

މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމް ތަންފީޒު ނުވެ ދައުލަތާއި އެތައް ބަޔަކަށް ލިބެންޖެހޭ ފައިސާތައް އަނބުރާ ނުލިބި ހުންނަ ހުރުމަކީ އިޖްތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ވެސް އެތައް ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެކެވެ. މިއީ އަވަސް ހައްލެއް ހޯދަންޖެހޭ ބޮޑު ގައުމީ މައްސަލަ އެކެވެ.