ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
29 މެއި 2025
ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އަދި އެތަނުގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ އެއްގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.
ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާ ބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާއެކު، ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އާ ގާނޫނަށް އަމަލުކުރަން ފެށުމުން ގާއިމުވެގެންދާނެ ބަންޑާރަ ނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކަމާގުޅޭ އިސްލާހުތައް އެކުލަވާލައި، އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ބިލްގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިހުތިޔާރު ވެސް ގާނޫނުން ދޭން ވަނީ ބިލްގައި ހިމަނައިފަ އެވެ. އަދި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަން ޖެހޭ ހަމަތައް ބިލްގައިވެ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލްގައިވާ ގޮތުން 20 އަހަރު ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ނަމަ އިނާޔަތާ އެކު ރިޓަޔާ ކުރެވޭނެ އެވެ. މީގެ އިތުރުން، ބަންޑާރަ ނައިބު އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތްކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާ ނަމަ ވެސް ޝަރަފްވެރިކަމާ އެކު ރިޓަޔާ ވެވޭގޮތަށް ވަނީ ހިމަނައިފަ އެވެ.
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ހޯދަނީ
"ރައީސް ވަކިކުރުމާގުޅޭ އިސްލާހު ގާނޫނުއަސާސީއާ ހިލާފު"
ކަނޑުން ގެއްލުނު ބައި ހޯދަން ކޮމިޓީއަކުން ދިރާސާކުރަނީ
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ފާސްނުކޮށް ކޮމިޓީއަށް
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި