Roadha Mihaaru
"ރައީސް ވަކިކުރުމާގުޅޭ އިސްލާހު ގާނޫނުއަސާސީއާ ހިލާފު"

އެމްޑީޕީގެ އެކަނި ވޯޓުން ރައީސް ވަކިކުރެވޭ ގޮތަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު: އޭޖީ

30 ޖެނުއަރީ 2024

އެމްޑީޕީގެ މެމްބަރުންގެ އެކަނި ވޯޓުން ރައީސް މުހައްމަދު މުއިއްޒު މަގާމުން ދުރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ މެމްބަރުންގެ އެކަނި ވޯޓުން ރައީސް މުހައްމަދު މުއިއްޒު މަގާމުން ދުރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުން ތިންބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.

މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮތްއިރު، މި އިސްލާހުގެ ސަބަބުން އެމްޑީޕީގެ މެމްބަރުންގެ އެކަނި ވޯޓުން ރައީސް މަގާމުން ދުރު ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި އެމްޑީޕީން މިހާރު އޮތީ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެކަމާ ގުޅިގެން އެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނޭނެ ކަމަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ.

އެ އިސްލާހަކީ މަޖިލީހަށް ލިބިފައިވާ އިހްތިޔާރުގެ ބޭރުން ގެނެސްފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.