Roadha Mihaaru
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ

މަޖިލިހުގެ މެންބަރުންގެ ޖުމްލަ އަދަދާ ގުޅޭ މައްސަލައިގެ ހުކުމް އިއްވުން މާދަމާ

28 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ. އެ މައްސަލައިގައި އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

އެ އަޑުއެހުމުގައި ސަރުކާރުގެ ފަރާތުން އެދިގެން ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވާއިދުގެ މާއްދާތަަކަށް ގެނައި އިސްލާހަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓުވި އެވެ. އަދި އެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.

ކޯޓުން އެގޮތަށް ނިންމި ނަމަވެސް އިދިކޮޅު އެމްޑީޕީން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ އެ އަމުރަށް ތަބާނުވުމަށެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގަ އެވެ.

އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާއި މިނިސްޓަރު ކަމާ ހަވާލުވި އެވެ.

އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމްގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާ އަށް އިތުރުކޮށްފައިވާ ތިން މާއްދާގައި މަޖިލީހުގެ ޖުމްލަ މެމްބަރުން އިބާރާތްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ އެ ތިން މާއްދާ ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 'މަޖިލީހުގެ ޖުމްލަ މެމްބަރުން' މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެކެވެ." އޭޖީން އޭރު ބުނެފައިވެ އެވެ.