ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ އެފަދަ ކަންކަމުގައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް ގާނޫނުއަސާސީގައި އެބަ އޮތް ކަމަށާއި ގާނޫނުއަސާސީން ހައްލު ނެތް ހާލަތްތަކުގައި ވަކި ގޮތަކަށް އަމަލުކުރަން ކޯޓަށް ވެސް ނުބުނެވޭނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
14 ޖެނުއަރީ 2021
ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ އެފަދަ ކަންކަމުގައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް ގާނޫނުއަސާސީގައި އެބަ އޮތް ކަމަށާއި ގާނޫނުއަސާސީން ހައްލު ނެތް ހާލަތްތަކުގައި ވަކި ގޮތަކަށް އަމަލުކުރަން ކޯޓަށް ވެސް ނުބުނެވޭނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖަމީލް ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.
ޖަމީލް ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާތީ، ޖަމީލް ހުށަހަޅުއްވާފައިވާ މައްސަލަ ވެސް، ގާނޫނުއަސާސީގައި ބުނާ އިސްތިސްނާ ހާލަތެއްގައި ނޫނީ ކޯޓަށް ނުބެލޭނެ ކަމަށް ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެހެންވެ މިކަމުގައި ދެން އޮންނާނީ ކޮން ހައްލެއްތޯ ފަނޑިޔާރުންގެ ބެންޗުން، ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދައުލަތާ ސުވާލުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ބެންޗުގައި
އެޓާނީ ޖެނެރަލްގެ ފަރާތުން ދައުލަތުގެ ވަކީލް ފާތިމަތު ހަލީމް ޖަވާބު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔާ ހަވާލާދެއްވަ އެވެ. ދައުލަތުން ބުނީ ދުސްތޫރީ މައްސަލައަކާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ހައްލެއް ނެތް މައްސަލައަކާ ކުރިމަތިވެއްޖެ ނަމަ އެކަމާ ބެހޭ ގޮތުން ގާނޫނެއް ހަދަން ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާދެވިދާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ގާނޫނެއް ނުހެދޭނެ ކަމަށް ވެސް ސުއޫދުގެ ރައުޔާ ހަވާލާދީ ވަކީލް ވިދާޅުވި އެވެ.
"މާނައަކީ [ގާނުނުއަސާސީގެ] 88 ވަނަ މާއްދާ މާނަކުރާއިރުގައި އެފަދަ ހާލަތެއް ނުވަތަ އެ ވިދާޅުވާ ފަދަ އެކްސެޕްޝަނެއް ގާނޫނުއަސާސީގައި ނެތް ނަމަ، ދެން އެއީ އޮތް ބާރެއް ކަމަށް ބައްލަވައިގެނެއް އެގޮތަކަށް ސުޕްރީމްކޯޓަކަށް، އެއްވެސް ކޯޓަކަށް އެ މާއްދާ މާނަކުރެވޭނެކަމަށް ދައުލަތުން ނުދެކޭ ކަމަށް މި ފާހަގަކުރަނީ،" ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރެވޭނެ ގޮތްތައް ގާނޫނު އަަސާސީގައި ބަޔާންކޮށްފައި އެބަހުރި ކަމަށާއި އެގޮތުން އެ މެންޑޭޓަކީ ކޯޓުތަކަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހާ ގާނޫނުއަސާސީން މަތިކޮށްފައިވާ މެންޑޭޓެއް ކަމަށެވެ. އެހެންވީމާ އެފަދަ ހައްލުތައް ހޯދޭނީ ގާނޫނުއަަސާސީ އިސްލާހުކުރަން ޖެހިއްޖެ ހިނދެއްގައި މަޖިލީހަށް އެގޮތަށް ފެނިގެން ކަމަށް ދައުލަތުން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުން އެގޮތަށް ވާހަކަދެއްކުމުން ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވީ "އެހެންވީމާ މިހާލަތުގައި އޮތް ހައްލަކީ ކޮބައިތޯ" އެވެ.
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ހައްލެއް ނެތުމަކީ ކޮންމެހެން ސުޕްރީމްކޯޓުން ހައްލެއް ހޯދަން ޖެހޭ ކަމެއް ނޫން ކަަމަށެވެ.
"އަޅުގަނޑުގެ ސުވާލަކީ މިހާލަތުގައި އޮތް ހައްލަކީ ކޮބައިތޯއޭ. ސުޕްރީމްކޯޓުން ހައްލެއް ހޯދައިދޭ ވާހަކައެއްނޫން އަޅުގަނޑު މިދައްކަނީ. މިހާރު އެކޮޅުން [ޖަމީލްގެ ފަރާތްޕުޅުން] އެބަ ވިދާޅުވޭ މައްސަލައެއް އެބަ އޮތޭ. އެ މައްސަލައަށް ދެން ހައްލެއް ހޯދަން އަމަލުކުރާނީ ކިހިނެއްތޯއޭ، މިހާރު އެެއްވެސް ވަރަކަށް ޗެލެންޖެއް ނުކުރެވޭނޭ ތިޔަ ވިދާޅުވަނީ. އެހެންވީމާ އޭގެ މާނަ އަކީ ރައްޔިތުންގެ މަޖިލީހުން ވެސް ހަމަ ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރައްވައިފި ނަމަ އެއްވެސް ދިމާލަކުން ޗެލެންޖެއް ނުކުރެވޭނޭ، އެހެންތޯ ތިޔަ ވިދާޅުވަނީ؟" އަޒްމިރަލްދާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ޑރ، މުހައްމަދު ޖަމީލް އަހްމަދު (މ) އަދި އެ މަނިކުފާނުގެ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު (ވ) މިއަދު ސުޕްރީމް ކޯޓުގައި
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދައިން އިސްތިސްނާއެއް ނެތް ނަމަ ނުވަތަ ކޯޓަށް އިހްތިސާސް ދީފައި ނުވާ ނަމަ އެފަދަ މައްސަލަތައް އިތުރަށް ބެލިގެން ނުވާނެ ކަމަށް ދަައުލަތުން ދެކޭ ކަމަށެވެ. ޔައުގޫބްގެ މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަކީ ވެސް އެއީ ކަަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ކޮންމެ ކަމަކީ ދުސްތޫރީ ހައްލެއް އޮންނާނެ މައްސަލައެއް ނޫން ކަަމަށް ސުއޫދު ވިދާޅުވެފައިވާ ކަމަށާއި އެގޮތަށް ވިދާޅުވީ މިފަދަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ވެސް ބައްލަވައިގެން ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. ދައުލަތުން ވަނީ މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަން ކޯޓުން ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ހިމެނިއިރު މަޖިލީހުގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާ އިން ވެސް، ދައުލަތުގެ ވާހަކަތަށް ބާރު ލިބޭ ކަމަށް ވިދާޅުވެ ޔައުމިއްޔާގެ ބައިތައް ވެސް އިއްވައިފަ އެވެ.
ޖަމީލްގެ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވީ މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. ޖަމީލް މަގާމުން ވަކިކުރި އިރު މަޖިލީހުގައި ދިފާއު ވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެއީ ގާނޫނޫއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އެހެންވެ މިކަމުގައި އިންސާފު ހޯދަން ކޯޓަށް ދެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޖަމީލް ވަކިކުރުމުގައި އިޖުރާއީ އެއްވެސް އަދުލުވެރިކަމެއް ވެސް މަޖިލީހުން ގެންގުޅެފައި ނެތް ކަމަށެވެ. އެއީ ވެސް ގާނޫނުއަސާސީގައި ލިބިދޭ ހައްގެއް އުނިވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މައްސަލައިގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ޖަމީލް އެދިވަޑައިގެންފައި ވާތީ އޭނާއަށް ފުރުސަތު ދެއްވަން، ބެންޗުގެ ރިޔާސަތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ޖަމީލަށް 10 މިނެޓްގެ ވަގުތެއް މިއަދު ދެއްވި އެވެ. ނަމަވެސް ޖަމީލް ވިދާޅުވީ ވާހަކަ ދެއްކެވުމަށް 25 ވަރަކަށް މިނެޓް ބޭނުންވާނެ ކަމަށެވެ. އެހެންވެ މި ވަގުތު ދެން އޮންނަ އަޑުއެހުމެއްގައި ދިނުމަށް އުއްތަމަ ފަނޑިޔާރު ނިންމެވި އެވެ.
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
މަޖިލިސް ގަވައިދު ބަދަލުކުރީ އަމުރާ ހިލާފަށް: ދައުލަތް
ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ
ޖަމީލް ވަކިކުރި މައްސަލަ ކޯޓަކަށް ނުބެލޭނެ: ދައުލަތް
މާލީ ބަދަލު ދިނުމާ ގުޅޭ ގަރާރު މަޖިލިހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ