Roadha Mihaaru
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ

އޭޖީން ހުށަހެޅި މައްސަލައާ އެކު ފާޑުކިއުންތައް އަމާޒުވެއްޖެ

15 މެއި 2017

އެކަށީގެންވާ ސަބަބެއް ނެތި ރައްޔިތުންގެ މަޖިލިހަށް ވަޒީރުން ވަކިނުކުރެވޭނެ ކަމަށް ކަނޑައަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލައާ ގުޅިގެން ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކަށީގެންވާ ސަބަބެއް ނެތި ރައްޔިތުންގެ މަޖިލިހަށް ވަޒީރުން ވަކިނުކުރެވޭނެ ކަމަށް ކަނޑައަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލައާ ގުޅިގެން ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ވަޒީރުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެ، އެ ސަބަބުގެ މައްޗަށް ބިނާކޮށްގެން އެކަނި ކަމަށާއި ސިޔާސީ ގޮތުން ވަޒީރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނޯންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެކަމާ ގުޅިގެން ގާނޫނީ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެޓާނީ ޖެނެރަލްގެ މަގާމުގައި މުހައްމަދު އަނިލް ހުންނަވަނިކޮށް ގާނޫނާ ޚިލާފަށް ދެ ނައިބު ރައީސުން ވަކިނުކުރި ނަމަ އޭޖީން މިހާރު ހުށަހަޅާފައިވާ ކަންބޮޑުވުންތައް ބަލައިގަނެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާދީ، މައުމޫން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނު ހެދުމުގެ ބާރާ ދެކޮޅަށް ސަރުކާރުގެ ފަރާތުން އޭޖީ ވަކާލާތު ކުރެއްވުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށެވެ.

މައުމޫންގެ ޓްވީޓް

އެޓާނީ ޖެނެރަލްގެ އޮފީހުގެ ކުރީގެ ސޮލިސިޓީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނު އަސާސީން މަޖިލީހަށް ނުދޭ ބާރެއް ހޯދަން ސުޕްރީމް ކޯޓަށް ދިޔަޔަސް އެ ބާރު ކޯޓަށް ނުދެވޭނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގާނޫނާ ޚިލާފަށް މަގާމަށް އެމަނިކުފާނު ވަކިކުރިއިރު އޭޖީ އަށް އެކަން ރަނގަޅު ކަމަށެވެ. އަދި ކޯޓުތައް މެދުވެރިކޮށް ސިޔާސީ ގޭމް ނުކުޅުމަށް ޖަމީލް ވަނީ ގޮވާލައްވައިފަ އެވެ.

އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައި ވަނީ ޗެކް އެންޑް ބެލެންސްގެ ނިޒާމާ ޚިލާފު ކަމެކެވެ. އަދި އޭޖީ މަސައްކަތް ކުރައްވަނީ ގާނޫނީ ނިޒާމު ފުނޑާލަން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭޖީއަކީ ގާނޫނީ ދާއިރާ އަށް ހުރި "ބޮޑު ހުތުރެއް" ކަމަށެވެ.

ވަކީލް ހަސަން މައާޒް ޝަރީފްގެ ނަޒަރުގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ހުށަހަޅާ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ނުވަތަ ނޫން ކަން ނިންމަން ޖެހޭނީ މަޖިިލީހުންނެވެ. އެއީ ކޯޓުތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާ ހުށަހެޅުމެއް ފާސްވެއްޖެ ނަމަ އެ ވަޒީރަކު މަގާމުން ވަކިވާނެ އެވެ. އެކަމަށް އެކަށީގެންވާ ސަބަބެއް އޮންނަން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެފައެއް ނެތެވެ.

އެކަމަކު އޭޖީން ހުށަހެޅި މައްސަލާގައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކިކުރުމަކީ ބަރުލަމާނީ ސިފައެއް ކަމަށެވެ. އަދި އެގޮތަށް އަމަލްކުރެވޭ ނަމަ އެއީ ރިޔާސީ ނިޒާމުގައި އޮންނަ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި އެއީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.