Roadha Mihaaru
ރައީސް ވަކިކުރުމާގުޅޭ އިސްލާހު ކޯޓުން ހުއްޓުވައިފި

ރައީސް ވަކިކުރުމާ ގުޅޭ އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

08 ފެބުރުއަރީ 2024

އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ވޯޓުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ވޯޓުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.

އޭރުން އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުންނެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ.

"މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެކެވެ." ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުން ނެރުއްވި އެ އަމުރުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާންޖެހޭ މައްސަލައެއް މިވަގުތު މަޖިލީހުގައި ނެތުމާއި އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށްވާތީ އެވެ. އަދި އެ މައްސަލަ ބިނާކޮށްފައިވަނީ ހަމައެކަނި ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އެކަނި ނޫން ކަމަށް އެ ރައުޔުގައިވެ އެވެ.

އެ ރައުޔުގައިވާ ގޮތުން ދައުލަތުން ވަގުތީ އަމުރަށް އެދުނީ ކުރިމަތިވެދާނެ ލަފާކުރެވޭ ހާލަތެއްގެ މައްޗަށް ބިނާކޮށެވެ. އެހެންވެ، އެ މައްސަލަ ރައްދުވާ މަޖިލީހުގެ ބަހެއް ނެތި ކޮންމެހެން ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް އެ ރައުޔުގައިވެ އެވެ.

"މިއީ މުސްތަގްބަލްގައި ގާނޫނު އަސާސީއާ ހިލާފްވެދާނެ ހާލަތެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭ..." ތަފާތުވި ރައުޔުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރާ އެކު މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮއްވަ އެވެ. ކުރިން ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައި ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް 58 މެމްބަރުންގެ ވޯޓު ބޭނުންވިޔަސް، އާ އިސްލާހުގެ ދަށުން 54 މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރެވެ އެވެ. އަދި އެމްޑީޕީގައި މިވަގުތު 42 މެމްބަރުން ތިއްބެވިއިރު، ޑިމޮކްރަޓްސްގެ މެމްބަރުންގެ ވޯޓާ އެކު 57 ވޯޓު ހަމަކޮށް، ރައީސް ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ.