Roadha Mihaaru

ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓް: ކޮރަޕްޝަނާއި، އިހުމާލުގެ ސީރިއަސް މައްސަލަތަކެއް

ރައީސް އޮފީހާއި، ސްޕޯޓްސް މިނިސްޓްރީ، އަދި އެފްއޭއެމް ގުޅިގެން 2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ތަރައްގީކުރަން ހިންގި ޕްރޮޖެކްޓާ ގުޅޭ ކޮރަޕްޝަނާއި، ހިޔާނާތާއި، އިހުމާލުގެ ސީރިއަސް މައްސަލަތަކެއް އޮޑިޓް އޮފީހުން ފާހަގަކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން އޭސީސީގައި އެދިއްޖެ އެވެ.

ފުޓުބޯޅަ ސްކޫލް: ކޮރަޕްޝަނުގެ ސީރިއަސް މައްސަލަތަކެއް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

27 މެއި 2025

ރައީސް އޮފީހާއި، ސްޕޯޓްސް މިނިސްޓްރީ، އަދި އެފްއޭއެމް ގުޅިގެން 2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ތަރައްގީކުރަން ހިންގި ޕްރޮޖެކްޓާ ގުޅޭ ކޮރަޕްޝަނާއި، ހިޔާނާތާއި، އިހުމާލުގެ ސީރިއަސް މައްސަލަތަކެއް އޮޑިޓް އޮފީހުން ފާހަގަކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން އޭސީސީގައި އެދިއްޖެ އެވެ.

އެ ޓްރެއިނިން ސްކޫލަކީ، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ މަނިކުފާނުގެ ރިޔާސީ ވައުދެއްގެ ދަށުން، އެފްއޭއެމްއާ ހަވާލުކޮށްގެން ސްޕޯޓްސް މިނިސްޓްރީން އޭރު ކުރިއަށް ގެންދަން ނިންމި ވަރަށް އުއްމީދީ ޕްރޮޖެކްޓެކެވެ. އެކަމަކު އޮޑިޓް އޮފީހުން ފާހަގަކުރުމުގެ މާ ކުރިން ވެސް ގިނަ ބަޔަކު ދަނީ އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރަމުންނެވެ. އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މިހާރު ވެސް ކޮރަޕްޝަނުގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި އަންނަނީ ހިންގަމުންނެވެ. ފީފާ އިން ވެސް ވަނީ އޭނާ އެ ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފަ އެވެ.

އޮޑިޓް އޮފީހުން އިއްޔެ ޝާއިއުކުރި، "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގައި ބުނެފައިވާ ގޮތުގައި 38.5 މިލިއަން ރުފިޔާގެ ބަޖެޓެއްގެ ދަށުން އެ ސްކޫލް އެޅުމަކީ އެ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮޖެކްޓެއް ނޫން ކަމަށެވެ. ޕްރޮޖެކްޓް ހިންގާފައިވަނީ ރައީސް އޮފީހުގެ ލަފާގެ މަތިން، އެ އަހަރުގެ ކޮންޓިންޖެންސީ ބަޖެޓުން، މިނިސްޓްރީ އަށް ފައިސާ ދޫކޮށްގެންނެވެ.

އޮޑިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮންޓިންޖެންސީ ބަޖެޓުން ހަރަދެއް ކުރާ ނަމަ ކުރަން ޖެހޭނީ އާއްމު ބަޖެޓުން އެ އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާގެ ޕަސެންޓަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތިން ކަމަށާއި، މި ޕްރެޖްކްޓަށް މިނިސްޓްރީން ފައިސާ ހޯދާފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ. އަދި ޕްރޮކިއުމެންޓެއްގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނަމަ އެ ކަމެއް ކުރަން ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުން ކަމަށް ގާނޫނުގައި އޮތް ނަމަވެސް، މި ޕްރޮޖެކްޓް އެވޯޑްކުރުމުގައި އެ ކަމަށް ތަބާނުވިތަނުގައި، މަސައްކަތް އެފްއޭއެމްއާ ހަވާލުކުރަން މިނިސްޓްރީން ނިންމި ސަބަބެއް ވެސް ހާމަކޮށްފައިނުވުމުގެ ކަންބޮޑުވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެފްއޭއެމްގެ ޓްރެއިނިން ސްކޫލް އަޅަން ކަނޑައެޅި ބިން.

އެފްއޭއެމްގެ ޓްރެއިނިން ސްކޫލް އަޅަން ކަނޑައެޅި ބިން.

މި ޕްރޮޖެކްޓަށް ކޮންޓްރެކްޓަރެއް ހޯދަން އެފްއޭއެމުން ކުރިއަށް ގެންދިޔަ ބީލަމުގެ މަސައްކަތް ވެސް ކޮށްފައިވަނީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވެދާނެ ފަދަ ގޮތަކަށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެފްއޭއެމުން ކުރި އިއުލާނާ ގުޅިގެން މަސައްކަތަށް އަށް ފަރާތަކުން ކުރިމަތިލީ ނަމަވެސް އިވެލުއޭޓްކުރީ ފަސް ފަރާތެކެވެ. އަނެއް ތިން ފަރާތް އިވެލުއޭޓް ނުކުރީ އަގުބޮޑުވުމުންނާއި، މުއްދަތު ދިގުކަމުން ކަމަށް ބުނެފައިވީ ނަމަވެސް، އިވެލުއޭޓްކުރި ފަރާތަކުން ހުށަހަޅާފައިވާ މުއްދަތާއި، އަގުތަކަށް ވުރެ އިވެލުއޭޓްނުކޮށް ދޫކޮށްލި ދެ ފަރާތަކުން ހުށަހަޅާފައިވާ އަގު ކުޑަ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި ބައެއް ބިޑުތައް ދޫކޮށްލި ސަބަބު ލިޔެކިޔުމުން އެނގެން ނެތް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެފްއޭއެމުން ތައްޔާރުކޮށްފައިވާ ބިޑު އިވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ އަގުތަކާއި، މުއްދަތަކީ ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ބިޑުގައި ބަޔާންކޮށްފައިވާ އަގުތަކާއި، މުއްދަތު ނޫންކަން ފާހަގަކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓގައިވެ އެވެ.

އަދި މި ޕްރޮޖެކްޓަށް ބިޑު ހުށަހެޅި ފަރާތްތަކުން އިއުލާނާ އެއްގޮތަށް ޕްރޮޖެކްޓުގައި ހިމެނޭ ތިން ބައި (ސިންގަލް ސްޓޯރީ އޮފީސް ބިލްޑިން، ހަތަރުބުރީގެ އެކޮމަޑޭޝަން، ދެ ފުޓްބޯޅަ ދަނޑު އެޅުން) ވަކިވަކިން އަގުހުށަހަޅާފައިވީ ނަމަވެސް އިވަލުއޭޝަން ޝީޓުގައި ތިން ބަޔަށް ހުށަހަޅާފައިވާ އަގު އެއްކޮށް ޖުމްލަ އަގެއް ޖަހާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

"އެކަމަކުގެ ސަބަބުން ބިޑުތައް އެވޯޑްކޮށްފައިވަނީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިވެލުއޭޓްކޮށްގެން ނޫން ކަމާއި، މަސައްކަތާ ގުޅިގެން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ނޫން ކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖޫން 27، 2018 ގައި ބިޑުތައް އިވެލުއޭޓްކުރުމަށް ފަހު އެއްބަސްވުން ތައްޔާރުކުރުމުގެ ކުރިން އެފްއޭއެމުން ޕްރޮޖެކްޓުގައި ހިމެނޭ މަސައްކަތްތަކެއް، އިތުރު ޕްރޮޖެކްޓެއްގެ ގޮތުގައި 9.9 މިލިއަން ރުފިޔާ އަށް އެވޯޑްކުރި ފަރާތާ ހަވާލުކޮށްފައި އެވެ. ނަމަވެސް އެއީ އިއުލާނުގައި ހިމެނޭކަންކަން ކަމުން އިތުރު ޕްރޮޖެކްޓެއްގެ ގޮތުގައި އެ ކަންކަން ނުބެލެވޭނެތީ އެއް މަސައްކަތަކަށް ދައުލަތުގެ ބަޖެޓުން ދެ ފަހަރަށް ހަރަދުކޮށްފައިވާކަމުގެ ކަންބޮޑުވުން ވެސް އޮޑިޓް އޮފީހުން ހިއްސާކޮށްފައިވެ އެވެ.

ވީރާނާވެފައިވާ އެފްއޭއެމް އޮފީސް އިމާރާތް.

ވީރާނާވެފައިވާ އެފްއޭއެމް އޮފީސް އިމާރާތް.

މީގެ އިތުރުން އެފްއޭއެމުން ޕްރޮގްރެސް ޕޭމަންޓްތަކަށް ފައިސާ ދެއްކި ޕޭމަންޓް ވައުޗަރު އެ އެސޯސިއޭޝަނުގެ ކަމާގުޅޭ ވެރިން އެޕްރޫވްކޮށްފައިނުވާ ކަމަށާއި، ހުއްދަ ދިނީ ކާކުކަން ނޭގޭތަނުގައި، ސޮއިކޮށްފައި ވެސް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މާނައަކީ ޕްރޮގްރެސް ޕޭމަންޓްތަކަށް ދެއްކި ފައިސާގެ ތެރެއިން 20.4 މިލިއަން ރުފިޔާ ދައްކާފައިވަނީ އެފްއޭއެމްގެ ކަމާގުޅޭ ވެރިންގެ ހުއްދަ ލިބިގެންކަން ކަށަވަރުނުވާ ކަމަށް އޮޑިޑް އޮފީހުން ބުނެފައިވެ އެވެ.

ބިލުތަށް ފައިސާ ދެއްކުމުގެ ކުރިން، އެއީ ނިންމާފައިވާ މަސައްކަތަކެއްކަން ކަށަވަރުކުރުމަކީ ބެސްޓް ޕްރެކްޓިސް ކަމަށާއި ނަމަވެސް އެފްއޭއެމުން މަސައްކަތް ނިންމި ކަމުގެ ލިޔުން ތައްޔާރުކޮށްފައިވާ ނުވާ ކަމަށާއި، އެގޮތުން ނިންމާފައިވާ މަސައްކަތްކަން ކަށަވަރުނުކޮށް އެފްއޭއެމުން، އޮޑިޓްކުރި ތާރީހާ ހަމަޔަށް 17.4 މިލިއަން ރުފިޔާ، ޕްރޮގްރެސް ޕޭމަންޓްތަކުގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުފައިވެ އެވެ.

އެފްއޭއެމުން ކޮންޓްރެކްޓަރާ އެކު ހެދި އެއްބަސްވުމުގައި، ޕްރޮޖްކެޓް ނުނިމި ލަސްވާ ލަސްވުމަށް ބަދަލު ނަގާނެ އުސޫލެއް ހިމަނާފައި ނެތެވެ. އެހެންކަމުން ޕްރޮޖެކްޓް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އެފްއޭއެމަށް ހޯދިފައިނުވުމަކީ ވެސް އޮޑިޓް އޮފީހުގެ ކަންބޮޑުވުމެކެވެ. އަނެއް ކަންބޮޑުވުމަކީ މިއީ ޖުލައި 4، 2018 ގައި ކޮންޓްރެކްޓްކޮށް 90 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތަކަށް ވިޔަސް މަސައްކަތް ނުނިމެނީސް 32.2 މިލިއަން ރުފިޔާ ނުވަތަ ޕްރޮޖެކްޓުގެ އަގުގެ 84 ޕަސެންޓް ހަރަދުކޮށްފައިވުމެވެ.

އެހެންކަމުން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް ނިމިފައިނުވާތީ އާއި ޕްރޮޖެކްޓް އެވޯޑްށް ހިންގުމުގައި ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭގޮތުން މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި، ޖަވާބުދާރީކުރުވަން އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ. އަދި އެފްއޭއެމުން މި ޕްރޮޖެކްޓުގެ މަސައްކަތް ހިންގާ ބަލަހައްޓާފައިވަނީ، ދައުލަތަށް އެންމެ ފައިދާހުރި ގޮތެއްގައި ނޫން ކަމަށާއި މަސައްކަތް ހަވާލުކުރުމާއި، ފައިސާ ހަރަދުކުރުމުގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރި ކަމަށް ބެލެވޭތީ، އެ ކަންކަން އިތުރަށް ބަލަން އޭސީސީ އަށް ވެސް އަންގާފައިވެ އެވެ.

ފުޓުބޯޅަ ސްކޫލް ހަދަން ބިން ދިންތާ ފަސް އަހަރު ވީރު، އެފްއޭއެމްގެ އޭރުގެ ލީޑާޝިޕަށް އެ ތަނުގައި ހެދުނީ އެކޮމެޑޭޝަން ބްލޮކެއް އެކަންޏެވެ. ބޯޑިން ސްކޫލެއް ގޮތަށް ހިންގާ ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވެ އެވެ.

އެ ބިމަށް އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީ އިން ވަނީ އެ ބިން ނަގަން ވެސް ނިންމައިފަ އެވެ. އަދި އެ ބިމުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރި ތަންތަން ދޫކޮށްފައިވާ ފަރާތްތައް ނެރެ، ބިން ހުސް ކުރުމަށް ވެސް އެޗްޑީސީން ވަނީ މީގެ ކުރިން އެފްއޭއެމަށް އަންގައިފަ އެވެ.