Roadha Mihaaru

އުރީދޫން ސެމްސަންގް ގަޑިއަށް އީސިމްގެ ހިދުމަތް

ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކޮށްފި އެވެ.

އުރީދޫން ސެމްސަންގް ގަޑިއަށް އީސިމްގެ ހިދުމަތް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 މެއި 2025

ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގައި ސެމްސަންގް ގަޑިއަށް މި ހިދުމަތް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. މި ހިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނާ ނުލައި ސްމާޓްވޮޗު މެދުވެރިކޮށް ގުޅޭނެ އެވެ. މި ހިދުމަތް ލިބޭނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ.

އުރީދޫން ބުނީ އެ ހިދުމަތާ އެކު ފޯނު ނެތް ވަގުތުތަކުގައި ވެސް ފޯން ކޯލް ކުރުމާއި މެސެޖު ފޮނުވުމާއި މިއުޒިކް ސްޓްރީމްކޮށް، އެކި އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ ކަމަށެވެ.

އުރީދޫން ބުނީ އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާ އެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އާއްމުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކުރުމަށް ހަގީގީ "ޑިޖިޓަލް މޯލްޑިވްސް" އަކަށް ހަދަން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ އެ ކުންފުންޏަށް ފަހުރެއް ކަމަށެވެ. އަދި އެ ފަދަ ހިދުމަތެއްގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.

"ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން އަބަދު ކަނެކްޓުވެފައި ތިބުމަށާއި ސިއްހަތު މޮނިޓާކޮށް، އެ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާއި މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

ސެމްސަންގް ސްރީ ލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގަކީ އީޖާދީ ވެއާރަބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ސެމްސަންގް ވެއަރަބަލްސްގެ އެހީގައި އާއްމު ދިރިއުޅުން ހަރުދަނާ ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އުރީދޫ މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކަށް އީސިމްގެ ފަންކްޝަނަލިޓީ ތައާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަހައްމިޔަތުކަން ދޭކަން،" އޭނާ ވިދާޅުވި އެވެ.

ސެމްސަންގް އީސިމް ވެއާރަބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށް ފަހު ކޮންމެ މަހަކު 199ރ. އެ ހިދުމަށް ނަގާނެ އެވެ.