Roadha Mihaaru

އައްޑޫގައި ބާއްވާ އުރީދޫ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އުރީދު އިން އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

02 ޖޫން 2025

އުރީދު އިން އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އުރީދޫ "ފަން ރަން" އައްޑޫ އެޑިޝަން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އުރީދޫގެ "މޫލީ" ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ދުވުމަށް ރަޖިސްޓަރީކުރާ މީހުން އެ ދުވުމުގައި ބައިވެރިވުމަށް ދެ ކިޓެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ 210ރ. އަށް ވިއްކާ ފަން ކިޓަކާއި 110ރ. އަށް ވިއްކާ ސްޓޭންޑާޑް ކިޓެކެވެ. "ފަން ކިޓު"ގައި ހިމެނޭނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބެންޑޭނާއެކެވެ. "ސްޓޭންޑާޑް ކިޓް"ގައި ހިމެނެނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެކެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އައްޑޫގައި ބާއްވާ ފޯރިގަދަ ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ އެވެ. އެއީ މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.

މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ނުވަތަ ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުން ވެސް ދުވުން ނިންމިދާނެ އެވެ.

އުރީދޫން މާލޭގައި ވެސް މިދުވުން ބާއްވަ އެވެ. އަދި ރަށްރަށުގައި މިދުވުމުގެ އެކި އެޑިޝަންތައް ބާއްވަ އެވެ. އެގޮތުން މިދިޔަ އަހަރު ފުވައްމުލަކުގައި މިދުވުން ބޭއްވި އެވެ.

އުރީދޫ "ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.